ސައުދީ އަރަބިއާގެ އަލް-އިއްތިހާދަށް ކުޅެމުންދާ އެންގޯލޯ ކާންޓޭވެސް ހިމަނައިގެން ފްރާންސުން 25 ކުޅުންތެރިންގެ ޔޫރޯ ސްކޮޑު އިއުލާނުކޮށްފިއެވެ.

މިއަހަރުގެ ޔޫރޯގެ ފޭވަރިޓެއްގެ ގޮތުގައި ގިނަ ބަޔަކު ގުނާ ފްރާންސުން އިއްޔެ އިއުލާނުކުރި ސްކޮޑުގައި އުމުރުން 33 އަހަރުގެ ކާންޓޭގެ އިތުރުން އޮލިވިއާ ޖިރޫއާއި އެންޓޮއިން ގްރީޒްމަންވެސް ހިމަނާފައިވެއެވެ. އަދި ޓީމުގެ ތަރި، ކެޕްޓަން ކިލިއަން އެމްބާޕޭއާއި އާސެނަލްގެ ޑިފެންޑަރު ވިލިއަމް ސަލީބާ އަދި އުމުރުން 18 އަހަރުގެ ވޮރެން ޒައޭ-އެމެރީއާއި 21 އަހަރު ބްރެޑްލީ ބާކޯލާ އަށްވެސް ފްރާންސް ސްކޮޑުން ޖާގަ ދީފައިވެއެވެ.

ޒައޭ-އެމެރީއަކީ މިހާރުވެސް ސްކޫލަށްދާ ދަރިވަރަކަށްވާތީ، އޭނާގެ ފައިނަލް އިންތިހާނުތައް ޔޫރޯއާ ދިމާވެއެވެ. އެހެންކަމުން މިހާރު ޒައޭ-އެމެރީ ވަނީ ޔޫރޯއަށް ފަހު އެހެން ދަރިވަރުންނާ ވަކިން، އިމްތިހާނު ހަދަން ހުއްދަވެސް ހޯދައިފައެވެ.

ތަޖުރިބާކާރު މިޑްފީލްޑަރު ކާންޓޭ، 2022 ވަނަ އަހަރުގެ ޖޫން މަހަށްފަހު ފްރާންސް ގައުމީ ޓީމަށް މެޗެއް ކުޅެފައެއް ނުވެއެވެ. މިދިޔަ ސީޒަނުގައި ހިލޭ ޓްރާންސްފާއެއްގައި ކާންޓޭ ސައުދީގެ އަލް އިއްތިހާދާ ގުޅިފައިވަނީ ޗެލްސީގައި ހޭދަކުރި ކާމިޔާބު ދުވަސްތަކަކަށްފަހުއެވެ. ޗެލްސީގައި ކާންޓޭ ހޭދަކުރި އެންމެ ފަހު ސީޒަނުގައި އޭނާއަށް އެންމެ ބޮޑަށް ދިމާވި މައްސަލައަކީ އަނިޔާގެ މައްސަލައެވެ. އެހެންނަމަވެސް ސައުދީ ލީގަށް ދިޔަ ފަހުން ކާންޓޭ ދަނީ ފިޓްކޮށް ކުޅެމުންނެވެ.

ކާންޓޭ އަލުން ގައުމީ ޓީމަށް ނެގުމާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ، ކާންޓޭ މިހާރު ހުރީ ވަރަށް ފިޓްކޮށް ކަމަށާއި، އޭނާގެ ތަޖުރިބާ ސްކޮޑަށް އިތުރުވުން ވެގެންދާނީ ބޮޑު ފައިދާއަކަށް ކަމަށެވެ. ކާންޓޭއަކީ 2018 ވަނަ އަހަރު ފްރާންސާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅަދާނަ މިޑްފީލްޑަރެކެވެ.

ފްރާންސުން އަނެއްކާވެސް ޔޫރޯ ހޯދަން މަސައްކަތް ކުރަމުންދާ އިރު، އެގައުމުން މީގެ ކުރިން ޔޫރޯ ހޯދީ 1984 އަދި 2000 ވަނަ އަހަރުއެވެ. މިފަހަރުގެ މުބާރާތް ފްރާންސުން ފަށާނީ ސްޓަޓްގާޓްގައި ޖޫން 17 ވަނަ ދުވަހު އޮސްޓްރިއާއާ ދެކޮޅަށް ކުޅޭ މެޗުންނެވެ.

  • އަލްފޮންސޯ އަރިއޯލާ / ވެސްޓް ހަމް
  • މައިކް މައިނަން / އޭސީ މިލާން
  • ބްރައިސް ސާމްބާ / ލެންސް
  • ޖޮނަތަން ކްލައުސް / މާސޭ
  • އިބްރާހީމާ ކޮނާޓޭ / ލިވަޕޫލް
  • ވިލިއަމް ސަލީބާ / އާސެނަލް
  • ޖޫލް ކޫންޑޭ / ބާސެލޯނާ
  • ތެއޯ ހެނާންޑޭޒް / އޭސީ މިލާން
  • ފާލެން މެންޑީ / ރެއާލް މެޑްރިޑް
  • ބެންޖަމިން ޕަވާޑް / ބަޔާން މިއުނިކް
  • ޑަޔޮޓް އުޕަމެކާނޯ / ބަޔާން މިއުނިކް
  • އެންގޯލޯ ކާންޓޭ / އަލް-އިއްތިހާދު
  • އެޑުއާޑޯ ކަމަވިންގާ / ރެއާލް މެޑްރިޑް
  • އެޑްރިއެން ރެބިއޯ / ޔުވެންޓަސް
  • އެންޓޮއިން ގްރީޒްމަން / އެތުލެޓިކޯ މެޑްރިޑް
  • އޮރެލިއަން ޗުއެމެނީ / ރެއާލް މެޑްރިޑް
  • ވަރެން ޒައޭ-އެމެރީ / ޕީއެސްޖީ
  • ޔޫސުފް ފޮފާނާ / މޮނާކޯ
  • ކިލިއަން އެމްބާޕޭ / ޕީއެސްޖީ
  • ބްރެޑްލޯ ބާކޯލާ / ޕީއެސްޖީ
  • އުސްމާން ޑެމްބޭލޭ / ޕީއެސްޖީ
  • ކިންގްސްލީ ކޯމަން / ބަޔާން މިއުނިކް
  • މާކަސް ތުރާމް / އިންޓަ މިލާން
  • ރަންޑަލް ކޯލޯ މުއާނީ / ޕީއެސްޖީ
  • އޮލިވިއާ ޖިރޫ / އޭސީ މިލާން