ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީއާއެކު ހުޅުމާލޭގައި ތަރައްގީކުރި ފަސް ބުރިޖާއި ދެ ފިޔަވަހީގެ ދެމެދުގައި އޮންނަ ޗެނަލްގެ މަސައްކަތް ނިމުން ފާހަގަކޮށް، އެތަންތަން އިފުތިތާހުކޮށްފިއެވެ.

ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހުޅުމާލޭގެ ފޭސް 1، އަދި 2 ގުޅޭ ތަނާއި ފޭސް2، އަދި އާބަން އައިލް ގުޅޭ ތަނުގައި ކޮނެފައިވާ ދެ ޗެނަލާއި އެ ދެ ޗެނަލް ހުރަސްކޮށް އަޅާފައިވާ ބުރިޖުތައް އިފުތިތާހުކޮށްދެއްވީ ސައުދީ ފަންޑް ޑިވެލޮޕްމެންޓުގެ އިސްވެރިންނެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވި ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓުގެ އެހީތަކުގެ ސަބަބުން ހުޅުމާލެއަށް އިންގިލާބީ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

"ފޭސް އެކަކުން ފޭސް ދޭކަށް އެ ބޭފުޅުންގެ އެހީގައި ގުޅާލާފައިވާ ބުރިޖާއި ޝޯ ޕްރޮޓެކްޝަންގެ ސަރަހައްދުތަކާއި ކުރިއަށްއޮތް ތަނުގައި އަޅުގަނޑުމެންގެ އާބަން އައިލްގެ ޑިވެލޮޕްމަންޓް ގުޅުވާލާ ބުރިޖާއި އެތަނުގައި ހަދާ ޗެނަލްތަކަކީ ކުރިއަށްއޮތް ތަނުގައި ހުޅުމާލޭގެ ތަރައްގީއަށް ނުހަނު އިންގިލާބީ ބަދަލުތަކެއް ގެންނާނެ ކަމެއް،" ފަޒުލް ވިދާޅުވިއެވެ.

ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓުގެ ސީއީއޯ އަބްދުއް ރަހުމާން އަލް މަޝްއަދު ވިދާޅުވީ ހުޅުމާލޭގެ ތަރައްގީއަށް ހިންގި އެ މަޝްރޫއާއި މިއަދު ބޭއްވި ރަސްމިއްޔާތަކީ ރާއްޖޭގެ ތަރައްގީއަށް ސައުދީން އެހީތެރިވާން ތައްޔާރަށް އޮތް މިންވަރު ދައްކައިދޭ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ހުޅުމާލޭގެ ތަރައްގީގެ އެ މަޝްރޫއަށް ސައުދީ ފަންޑުން 80 މިލިއަން ޑޮލަރު ހަރަދު ކޮށްފައިވާ ކަމަށެވެ. އެއީ ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް އެ ފަންޑުން ކުރި މުހިންމު އިންވެސްޓްމަންޓެއް ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްގީއަށް ސައުދީ ފަންޑުން ދަނީ 1978 ވަނަ އަހަރުން ފެށިގެން އެހީވަމުން ކަމަށާއި ރާއްޖޭގައި ހިންގި ތަރައްގީގެ އެކި މަޝްރޫއުތަކަށް 16 ލޯނު ދޫކޮށްފައިވާނެ ކަމަށާއި އެ ލޯނުތަކުގެ އަދަދު 470 މިލިއަން ޑޮލަރަށްވުރެ މަތިވާނެ ކަމަށް އަބްދުއް ރަހުމާން އަލް މަޝްއަދު ވިދާޅުވިއެވެ.