އިންޑޮނޭޝިއާގައި 468 މީހުންނާއެކު ދަތުރުކުރި ފުލައިޓެއްގެ އިންޖީނުގައި ރޯވެއްޖެއެވެ.

އިންޑޮނޭޝިއާ އިން ފުރައިގެން ސައުދީ އަރަބިއްޔާއަށް ދަތުރުކުރި އެގައުމުގެ ގަރޫޑާ އެއާލައިންސްގެ ބޯއިން 747-400 މަރުކާގެ ފުލައިޓު ވަނީ ފުރިތާ މާގިނަ އިރުތަކެއް ނުވެ ފުލައިޓުގެ އެއް އިންޖީނުގައި ރޯވުމުން އިމަޖެންސީގައި ޖައްސައިފައެވެ.

ގަރޫޑާ އެއާލައިންސް އިން ނެރެފައިވާ ބަޔާނުގައިވާ ގޮތުން ފުލައިޓުގެ އިންޖީނުގައި މައްސަލަތަކެއް އުޅޭކަން ފާހަގަވެ އިންޖީނުގައި އަލިފާން ހިފުމާއެކު އިންޑޮނޭޝިއާގެ މަކައްސާރްގެ އެއާޕޯޓަށް ވަނީ ޖައްސައިފައެވެ.

ޖުމުލަ 450 ފަސިންޖަރުންނާއި 18 ކުރޫއިން ދަތުރުކުރި އެ ފުލައިޓުގައި ގިނައިން ތިބީ ހައްޖުގެ އަޅުކަމަށް ސައުދީއަށް ދަތުރުކުރި މީހުން ކަމަށް އޮފިޝަލުން ބުނެއެވެ.

އޮފިޝަލުން ބުނީ ދަތުރުކުރި އެއްވެސް ފަރާތަކަށް އެއްވެސް އަނިޔާއެއް ނުވާ ކަމަށާއި ހުރިހާ ފަސިންޖަރުން އެހެން ފުލައިޓުތަކުގައި ސައުދީއަށް ފުރުވާލާނެ ކަމަށެވެ.

ފުލައިޓަށް ދިމާވެފައިވާ މައްސަލަ ތަހުގީގުކުރުމަށް ފުލައިޓު ގްރައުންޑް ކޮށްފައިވާ ކަމަށް އެއާލައިނުން ބުނެއެވެ.