ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމަށް ދޭ ލޯނު އެހީއާއެކު ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން، ރާއްޖެއަށް ޖުމުލަ 150 މިލިއަން ރުފިޔާގެ ލޯނެއް ދީފިއެވެ.

ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ މިނިސްޓްރީގެ ފަރާތުން ލޯނުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓުގެ ފަރާތުން ލޯނުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ފަންޑުގެ ސީއީއޯ ސުލްތާން ބިން އަބްދުލް ރަހުމާން އަލް މަރްޝަދެވެ.

އެ އެއްބަސްވުންތަކުގެ ތެރެއިން ވީއައިއޭ ތަރައްގީކުރުމުގެ އެއްބަސްވުމުގެ ދަށުން 100 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ހަމަޖައްސައިދޭނެއެވެ. އަދި ސިއްހީ ދާއިރާ ތަރައްގީކުރުމަށް ގާއިމުކުރި އެއްބަސްވުމުގެ ދަށުން 50 މިލިއަން ޑޮލަރުގެ އެހީއެއް ދޭނެއެވެ.

ސައުދީ ފަންޑް ފޯ ޑެވެލޮޕްމަންޓުގެ ސީއީއޯ ސުލްތާން ބިން އަބްދުލް ރަހުމާން އަލް މަރްޝަދް ވިދާޅުވީ ވީއަައިއޭ ތަރައްގީކުރުމަށް ހަމަޖެއްސި 100 މިލިއަން ޑޮލަރުގެ ލޯނު އެހީއަކީ މީގެކުރިން ފޯރުކޮށްދީފައިވާ އެހީއަށް އިތުރުކޮށްދޭ އެހީއެއް ކަމަށެވެ.

އަދި ސިއްހީ ދާއިރާ ތަަރައްގީކުރުމަށް ދިން އެހީއަކީ ރާއްޖޭގެ ރަށްރަށުގައި ފޯރުކޮށްދޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ މަގުސަދުގައި ފޯރުކޮށްދިން އެހީއެއް ކަމަށް ވިދާޅުވިއެވެ.