އުމުރުން އެންމެ 16 އަހަރުގައި ރާއްޖޭގެ ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ މި ހާސިލުކުރީ އާދައިގެ ކާމިޔާބީއެއް ނޫނެވެ. މާ ބޮޑަށްވެސް ތަފާތު ދައްކައިފިއެވެ. މިއަހަރު ޕެރިސްގައި އޮންނަ އޮލިމްޕިކްސްއިން ދީމާ ޖާގަ އެ ހޯދީ، ދެކުނު އޭޝިއާގެ ކޮލިފިކޭޝަން މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓް ކާމިޔާބު ކޮށްގެންނެވެ. ދީމާ ވެގެންދާނީ ކޮލިފިކޭޝަނުން ހޯދި ޖާގައެއްގައި އޮލިމްޕިކްސްއަށް ދާ ފުރަތަމަ ދިވެހި އެތުލީޓަށެވެ. ޔަގީނުންވެސް ކުޅިވަރުގައި، ރާއްޖެ ކަހަލަ ގައުމެއްގެ އެތުލީޓަކަށް އެއީ އެންމެ ބޮޑު ހުވަފެން ހާސިލުވީއެވެ. ދީމާވެސް ތަކުރާރުކޮށް ބުނަމުން އައި ވާހަކައެއް، ހަގީގަތަކަށް ހެދުނީއެވެ.
ނޭޕާލުގެ ކަތަމަންޑޫގައި ކުޅުނު ދެކުނު އޭޝިއާގެ ޓީޓީ އޮލިމްޕިކްސް ކޮލިފިކޭޝަން މުބާރާތުން ޕެރިހަށް ދާން ހޯދެން އޮތީ ދެ ޖާގައެވެ. އެއީ ފިރިހެން ސިންގަލްސް ޗެމްޕިއަނާއި އަންހެން ސިންގަލްސް ޗެމްޕިއަން އެތުލީޓަށް ލިބެން އޮތް އޮލިމްޕިކްސް ދެ ޖާގައެވެ. އޭގެ ތެރެއިން އަންހެން ޖާގަ ދީމާ ހޯދީ، ސްރީ ލަންކާގެ ބިމާންދީ ބަންޑާރާ ފައިނަލުގައި ބަލިކޮށްފައެވެ.
ނަވާރަ ސަތޭކަ އަށްޑިހަ އަށަކުން ފެށިގެން، ރާއްޖެއިން އޮލިމްޕިކްސްގެ ސްވިމިންއާއި އެތުލެޓެކްސް އިވެންޓްގައި ދިޔައީ ބައިވެރިވަމުންނެވެ. އެއީ އޮލިމްޕިކް ކައުންސިލްގެ ދައުވަތުގައި ދޭ ސްލޮޓްތަކުގައެވެ. ލަންޑަންގައި 2012ގައި އޮތް އޮލިމްޕިކްސްއަށް މުހައްމަދު އަޖުފާން ރަޝީދު އަދި ޖަޕާންގައި އޮތް 2020ގެ އޮލިމްޕިކްސްގައި ފާތިމަތު ނަބާހާ އަބްދުރައްޒާގު ބެޑްމިންޓަގައި ވާދަކުރީ ޓްރައިޕާޓައިޓް ކޮމިޝަން އިންވިޓޭޝަންގައި ހޯދި ފުރުސަތުތަކުގައެވެ. އެއީ ކޮލިފިކޭޝަނަށްފަހު، އެ ކޮލިފައިވި ގައުމުތަކުގެ ކުޅުންތެރިންގެ ބޭރުން، އެހެން ގައުމުތަކުގެ އެންމެ ރޭންކިން މަތި ކުޅުންތެރިންނަށް ދޭ ޝެއާޑް ފުރުސަތުތަކެކެވެ.
އޮލިމްޕިކްސްގައި ދިވެހި އެތުލީޓުންގެ ކާމިޔާބީއަށް ދީމާ އިތުރު ކޮށްލަދިން އަގުހުރި ބޮޅަށް، މުޅި ރާއްޖެ ފަހުރުވެރިވެއެވެ. އެތައް ގޮތަކުން މި ކާމިޔާބު ހާއްސަވާއިރު، ކާމިޔާބީއަކީ އެތައް ކަމެއް ރަނގަޅަށް ކޮށްގެން ހޯދި ކާމިޔާބީއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.
"ދީމާގެ މި ކާމިޔާބީއަކީ އެތައް ބައެއްގެ މަސައްކަތުން ހޯދުނު ކާމިޔާބީއެއް. ހާއްސަކޮށް، ޕްލޭނެއްގެ ދަށުން ކުރި މަސައްކަތްތަކަށް އެކަށީގެންވާ ފައިނޭންޝަލް ބެކިންވެސް ލިބިގެން، ހަގީގަތުގައި ދީމާއާއި ދީމާގެ އާއިލާއިންވެސް ކުރީ ބުރަ މަސައްކަތެއް. ދީމާ އެ ހޯދީ ކުޅުންތެރިޔަކަށް ހޯދޭނެ އެންމެ ބޮޑު ޝަރަފު، އެއީ ކޮލިފިކޭޝަނެއް ކާމިޔާބުކޮށް، އޮލިމްޕިކްސްއަށް ކޮލިފައިވުން. ދީމާއަކީ ކޮލިފައިވެގެން އޮލިމްޕިކްސްއަށް ދާނެ އޮލިމްޕިއަނެއް،" ދީމާގެ ކުރީގެ ކޯޗު، ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ޓީޓީ ކުޅުންތެރިޔާ، އަދި މިހާރު ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސް، ޝިއުރީ އިބްރާހީމް "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.
ދީމާގެ ކާމިޔާބީއަށް ފަހުރުވެރިވެފައި ހުރި ޝިއުރީގެ ވާހަކައިން އެންމެ ކުރުކޮށް ބުނެވޭނެ ވާހަކައަކީ، ދީމާ މަސައްކަތް ކުރީ ޕްލޭނަކާއެކުގައި ކަމަށެވެ. އެ ޕްލޭނަށް ފަންޑު ލިބި، ފުރުސަތުވެސް ފަހިކޮށްދެވުނު ކަމަށެވެ. އެކަމަށް ދީމާގެ މަންމައާއި ބައްޕަ ހުސްވި އެވެ. އެއީ އެތުލީޓަކަށް ކާމިޔާބު ހޯދޭނެ އެންމެ ރަނގަޅު ފޯމިއުލާގައި ކުރި މަސައްކަތެކެވެ.
އުމުރުން އެންމެ 11 އަހަރުގައި 2019 ވަނަ އަހަރުގެ އައިއޯއައިޖީގައި ރާއްޖޭގެ ނަން ފަވާލަދިން އެތުލީޓަކީވެސް ދީމާއެވެ. އެފަހަރު އައިއޯއައިޖީގައި ދީމާ ވަނީ ޓީޓީގެ މިކްސް ޑަބަލްސް ފިޔަވައި، އެހެން ހުރިހާ އިވެންޓެއްގެ ރަން މެޑަލް ހޯދައިފައެވެ. އެ ކާމިޔާބީ މިދިޔަ އަހަރު މަޑަގަސްކަރައިގައި އޭނާ ތަކުރާރުވެސް ކުރިއެވެ. އޭގެ އިތުރުން ސަރަހައްދީ މުބާރާތްތަކުންވެސް ދީމާ ގެނައީ ރަނެވެ. އަދި ދުނިޔޭގެ ޖޫނިއާ މުބާރާތުންވެސް އޭނާ ފަހުރުވެރި ކުރިއެރުންތައް ހޯދިއެވެ.
ދީމާގެ އިތުރުންވެސް ޓީޓީ އެސޯސިއޭޝަނުގެ ކޮންމެ އެތުލީޓަކަށްވެސް މުބާރާތްތަކަށް ރަނގަޅަށް ތައްޔާރުވާން ފުރުސަތު ލިބެއެވެ. މިހާރުވެސް އަރުތަ ޕްރޮގްރާމާއި އޮލިމްޕިކްސް ސްކޯލާޝިޕްގެ ދަށުން ދީމާ ކްރޮއޭޝިއާގައި ތަމްރީނު ހަދަމުން އަންނަ އިރު، ކުރީގެ ކޯޗު ޝިއުރީގެ ނަޒަރުގައި ދީމާ މިދިޔަ އަހަރުތަކުގެ ތެރޭގައި ފުރިހަމަ ކުރި ބައިނަލްއަގުވާމީ ތަމްރީނުތަކަކީ މި ކާމިޔާބީގެ އެއް އަސާސެވެ. ކޮންމެ މުބާރާތަކަށްވެސް ރާއްޖޭގެ ޓީޓީ ޓީމަށް ބިދޭސީ ކުޅުންތެރިންގެ ތަޖުރިބާ ހޯދައިދޭން ހިންގާ އެކްސްޗޭންޖް ޕްރޮގްރާމްތައް އެއީ ކާމިޔަބީގައި މުހިއްމު ކޮމްޕޮނަންޓެއް ގޮތަށް ޝިއުރީ ފާހަގަކުރެއްވިއެވެ. އެ ވާހަކަ، މިދިޔަ އަހަރުގެ އައިއޯއައިޖީގެ ކާމިޔާބީއަށްފަހު ގައުމީ ޓީޓީ ކޯޗު، ކްރޮއޭޝިއާގެ ޒެވޯނިމިރް ކޮރެނިޗްވެސް ފާހަގަކުރިއެވެ.
"ކާމިޔާބީގެ ފަހަތުގައި މުހިއްމު ތަމްރީނު ފުރުސަތުތައް ހޯދައި، އެ ތަޖުރިބާ ދީމާއަށް ލިބުން ހިމެނޭ. ހުރިހާ އެންމެންގެ ފަރާތުންވެސް ސަޕޯޓް ލިބިގެން ކުރާ ތަމްރީނުތަކެއް މިހާރު ޓީޓީ ގައުމީ ޓީމުން ކުރަނީ. ބީއޭއެމްއެލް ސްކޯލާޝިޕާއި އޮލިމްޕިކް ސްކޮލާޝިޕް، އަދި އަރުތަ ޕްރޮގްރާމުންވެސް އެ ލިބޭ ތަމްރީނުތައް ވަރަށް މުހިއްމު. އަދި ހާއްސަކޮށް ބޭރުގެ ގައުމުތަކުގައި ދީމާގެ މަންމައާއި ބައްޕަވެސް އޭނާއާއެކު ހޭދަކުރާ އަގުހުރި ވަގުތުތަކަށް ތައުރީފް ހައްގު،" ޝިއުރީ ވިދާޅުވިއެވެ.
ޓީޓީއަކީ ރާއްޖޭގައި ދެވޭ ސްކޯލާޝިޕް ތަމްރީނު ފުރުސަތުތައް އެންމެ ގިނައިން ދޭ އެއް ކުޅިވަރުކަން ޝިއުރީވެސް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ޓީޓީއަށް ލިބޭ ފުރުސަތުތައް ގިނަކަން އެނގި، އެކަމުން ނަތީޖާ ނެރުމަކީ ރަނގަޅު އަޒުމެއްގައި ކުރި ބުރަ މަސައްކަތެއް ކަމަށެވެ. މިއަދު އެ ނަތީޖާ އެންމެންނަށް ފެނިގެންދާނެ ކަމަށްވެސް ޝިއުރީ ފާހަގަކުރެއްވިއެވެ. ކުރިއަށް އެތައް ކަމަކަށް މަސައްކަތް ކުރަން ޖެހި، އެކަމަށް މިހާރުވެސް ޑިމާންޑް ކުރަމުން އަންނަ ކަމަށް ޝިއުރީ ފާހަގަކުރެއްވިއެވެ.
ޓީޓީގައިވެސް، އަދި އެހެން ކުޅިވަރެއްގައިވެސް ދާއިމަށް ކާމިޔާބު ހޯދަން، ނޫނީ ދާއިމަށް ކުޅުންތެރިން ހޯދަން ބޭނުންވާ ނަމަ، އަތޮޅު ތެރޭގައި އޮތް އެތައް ހުނަރެއް އަތްފުނާ އަޅައިގެންވެސް ހޯދަން ޖެހެއެވެ. އެއީ މުޅި ރާއްޖެވެސް ގަބޫލުކުރާ ހަގީގަތެކެވެ. އެ ހަގީގަތް ގަބޫލުކޮށްގެންވެސް، މަދުވަނީ އަމަލުން އެކަން ދައްކާނެ އެސޯސިއޭޝަންތައް، ނޫނީ ގައުމީ ޓީމުތަކެވެ. އެ ވިސްނުން ޓީޓީން ބަދަލުކުރަން، ކުރެވެން އޮތް ޑިމާންޑެއް ކުރާނެ ކަމަށް ޝިއުރީ "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.
"އަބަދުވެސް ޑިމާންޑްކުރަމުން މިދަނީ އެސޯސިއޭޝަނުންވެސް، ހާއްސަކޮށް ޓީޓީގައި ކާމިޔާބީ ދަމަހައްޓަން ދީމާގެ ފަހަތުން ކުޅުންތެރިން ތަމްރީނުކުރަން ބޭނުންވާ ވާހަކަ އަބަދުވެސް އެބަ ދައްކަން. ދީމާގެ ކާމިޔާބީއަށްވެސް މުޅި ގައުމީ ޓީޓީގެ ފެންވަރު ރަނގަޅުކުރަން ޖެހޭ ކަމަށް އަބަދުވެސް ވާހަކަ ދައްކަމުން ދިޔައިން. އެކަންކަމަށް ކޭޓާ ކޮށްދޭތީ ހަގީގަތުގައި ޓީޓީ މިހާ ހިސާބަށްވެސް މިއައީ. އެއީ އެކަމުގެ ނަތީޖާ. އެ އިންވެސްޓްމަންޓް ރަނގަޅަށް ކޮށްގެން، ޕްލޭނެއް ހަދައިގެން ނަތީޖާ ނެރެވޭނީ. މިހާރުވެސް ޓީޓީއަށް ބޮޑު މަރުކަޒަކަށް މަސައްކަތް ކުރަމުން މިދަނީވެސް، އަތޮޅު ތެރޭގެ، ހުރިހާ ބޮޑެތި ސަރަހައްދުތަކެއްގައި ޓީޓީގެ ފެސިލިޓީތައް ގާއިމުކޮށް، ވައިޑީޕީ ފެށެން ޖެހޭ. ފުވައްމުލަކުން ގައުމީ ޓީމާ ހަމައަށް ކުޅުންތެރިން އައުމުން އެ މޮޑެލްގެ ކާމިޔާބު އެނގޭ،" ޝިއުރީ ވިދާޅުވިއެވެ.
އަތޮޅު ތެރެއިން ޓީޓީގެ ހުނަރު ދެނެގަންނަން އަދިވެސް އެސޯސިއޭޝަނުގެ ބޮޑު އަމާޒެއް އެބައޮތެވެ. ދެން އޮތީ އެ ކަމަށް ހޯދަން ޖެހޭ ބަޖެޓާއި، އެކަމަށް ކުރަން ޖެހޭ މަސައްކަތް ކުރުމެވެ. ދީމާގެ ނިމުމަށްވެސް މިހާރުން ފެށިގެން ތައްޔާރުވާން ޖެހެއެވެ. މިއަދު އުފާފާޅުކުރަންވީ ރާއްޖޭގެ ނަން ޓީޓީގެ، ދުނިޔޭގެ ޗާޓަށް ދީމާ އަރުވާލަދިނުމުންނެވެ. ހަގީގަތުގައިވެސް ދީމާއަށް ދިވެހި ގައުމު ފަހުރުވެރިވެއެވެ. ކުޅިވަރުން ތި ގެނެސްދެނީ އުފަލުގެ ކަރުނައެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް