ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެތީ, ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނީ މާދަމާ ރެއިން ފެށިގެން ހުޅަނގު މޫސުމުގެ އަސަރު ގަދަވާނެ ކަމަށެވެ. ރާއްޖޭގެ ހުރިހާ ސަރަހަށްދަކަށް ވައިބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
"އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދު ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުުރުން އެކަށީގެންވޭ،" މެޓް އޮފީހުން ބުންޏެވެ.
އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
އެންޑީއެމްއޭއިން މިއަދު ބުނީ ވިއްސާރަވެ ވައިގަދަވާ އިރު, ގޭގެ ފުޅާޅު އެއްލާލައިގެންދާ ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށެވެ. އެހެންކަމުން ކުރިއާލައި ފުރާޅު ވަޔާ އެއްލައިނުލާނެ ގޮތަކަށް ހަދައި, ގަދަވައިގައި އެއްލާލަފާނެ އެހެން ތަކެތި ވެސް ބަނދެ ރައްކާތެރިކުރަން އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެދާނެ ކަމަށް ބަލައި ތައްޔާރުވެ, ގޭގެ ދޮރިމަތީ ވެލިބަސްތާ ޖެހުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އެންޑީއެމްއޭއިން ވަނީ ގެއަށް ފެން ވަދެއްޖެ ނަމަ ގެއްލުން ލިބޭނެ ތަކެތި އުސްތަނަކަށް ނުވަތަ ފެނުގެ އަސަރު ނުކުރާނެ ތަނަކަށް ބަދަލުކުރުމަށް ވެސް އިލްތިމާސްކޮށްފައެވެ.
ބޭނުން ނުކުރާ ވަގުތުތަކުގައި ކަރަންޓު ސާމާނު ނިއްވާފައި ބެހެއްޓުމަށް ވެސް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު