ނޭޕާލުގެ ކަތަމަންޑޫގައި ކުރިއަށްދާ ޕެރިސް އޮލިމްޕިކްސް 2024ގެ ދެކުނު އޭޝިއާ ގައުމުތަކުގެ ޓޭބަލް ޓެނިސް ކޮލިފިކޭޝަންގެ ފައިނަލް މެޗުގައި ސްރީ ލަންކާގެ ބިމާންޑީ ބަންޑާރާ ބަލިކޮށް، ރާއްޖޭގެ ފާތިމަތު ދީމާ އަލީ އޮލިމްޕިކްސްއަށް ކޮލިފައިވެ، ހޯދި ތާރީހީ ކާމިޔާބަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން މިރޭ ބުނީ، ރައީސް މުއިއްޒު ވަނީ ދީމާއަށް ފޯނުން ގުޅުއްވައި ދީމާ ހޯދި ކާމިޔާބީ މުޅި ރާއްޖެ ފަހުރުވެރިވާ ކަމަށް ވިދާޅުވެފައި ކަމަށެވެ.
މިއީ އޮލިމްޕިކް ކޮލިފައިންގެ ފައިނަލް މެޗެއް ކާމިޔާބުކޮށްގެން އޮލިމްޕިކްސްގައި ވާދަކުރުމުގެ ޝަރަފުވެރި ޖާގައެއް ދިވެހި ކުޅިވަރު ކުޅުންތެރިޔަކު ހާސިލުކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި އެކަމަށްޓަކައި ވަރަށް އުފާކުރައްވާ ކަމަށް ރައީސް ވިދާޅުވި ކަމަށާއި އަދި ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރީންނާ ވާދަކޮށް ރާއްޖޭގެ ޒުވާން އަންހެން އެތުލީޓަކު މި ހޯދި ބޮޑު ކާމިޔާބީއަށް މުޅި ރާއްޖެ ފަހުރުވެރިވާކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކުޅިވަރުގެ ރޮނގުގައި ވަރަށް ޅަ އުމުރުގައި ދީމާ ހޯދަމުންދާ ހަލުވި ކާމިޔާބީތަކާއި ކުޅިވަރުގެ ހުނަރު އިތުރަށް އުނގެނި ކުރިއެރުމަށް ކުރަމުންދާ ހިތްވަރު ރައީސް ފާހަގަކުރެއްވީ ނަމޫނާއެއްގެ ގޮތުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެގޮތުގައި ވަރުގަދަ އަޒުމަކާއެކު ހުއްޓުމެއްނެތި ކުރިއަށްދިއުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
އޮލިމްޕިކްސްގައި ވާދަކޮށް ރަނގަޅު ކާމިޔާބީއަކާ ހަމައަށް ދިއުމަށް ދީމާއަށް ލިބުނު މި ފުރުސަތުގައި ސަރުކާރުގެ ފަރާތުން ހުރިހާ އެހީތެރިކަމަކާ އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަގީންކަން ވެސް ރައީސް މުއިއްޒު ވަނީ ދެއްވައިފައެވެ.
މިއަދު ދީމާ ކުޅުނު ފައިނަލުގައި ބިމާންޑީ ބަލިކުރީ 4-1 ސެޓުންނެވެ. އެ ނަތީޖާއާއެކު ދީމާއަށް ވަނީ ޕެރިސް އޮލިމްޕިކްސްއިން ފުރުސަތު ލިބިފައެވެ.
މެޗުގެ ފުރަތަމަ ސެޓު ރަނގަޅަށް ފަށައި، ލީޑުގައި ކުޅެމުން ގޮސް، ދީމާ ސެޓު ގެންދިޔައީ 11-8 ގެ ނަތީޖާއަކުންނެވެ. އެހެންނަމަވެސް، ދެވަނަ ސެޓު ލަންކާގެ ބިމާންޑީއާ ވަނީ 11-8 އިން ގެންގޮސްފައެވެ. އެ ހިސާބުން މެޗު އިތުރަށް ފޯރިގަދަވެގެން ގޮސްފައިވެއެވެ. ހާއްސަކޮށް ތިންވަނަ ސެޓު ފެނުނީ ވަރަށް ގާތްގާތުން ޕޮއިންޓުތައް ދިޔަތަނެވެ.
ތިންވަނަ ސެޓު ފޯރިގަދަކޮށް ހަމަހަމަކޮށް ދިޔަ އިރު، ދީމާ ފުރަތަމަ ކޮޅުގައި 4-2 އިން ލީޑުވެސް ނެގިއެވެ. އޭގެ ފަހުން ބިމާންޑީއާއި ދީމާވެސް ދިޔައީ އެއްވަރުވަމުންނެވެ. 7-7. 8-8 އަދި 9-9 އިންވެސް ދެވަނަ ސެޓު އެއްވަރު ވަމުން ގޮސްފައިވާ އިރު، ސެޓު ވަނީ 10-10 އިންވެސް އެއްވަރުވެފައެވެ. އޭގެފަހުންވެސް ޕޮއިންޓަކަށްފަހު ޕޮއިންޓަކުން އެއްވަރުވަމުން ގޮސް، ތިންވަނަ ސެޓު ދީމާ ގެންދިޔައީ 11-13 އިންނެވެ.
ހަތަރުވަނަ ސެޓު ދީމާ ރަނގަޅަށް ފަށައިގެން ތިން ޕޮއިންޓުގެ ލީޑެއް ނެގިއެވެ. އެ ހިސާބުން ބިމާންޑީއާ މަޑުމަޑުން މެޗަށް ވަން ނަމަވެސް، ދީމާ ދިޔައީ ސެޓު ނިމެންދެންވެސް ލީޑު ހިފަހައްޓަމުންނެވެ. އެ ސެޓު ރަނގަޅު ފޯމެއްގައި ދީމާ ވަނީ 11-7 އިން ކާމިޔާބުކޮށްފައެވެ.
ފަސްވަނަ ސެޓުވެސް ދީމާ ރަނގަޅަށް ލީޑުކުރަމުން ގޮސް، ދީމާ ވަނީ ފަހު ސެޓު، 11-5 އިން ކާމިޔާބުކޮށްފައެވެ. އެ މެޗުން މޮޅުވެ، އޮލިމްޕިކްސް 2024 އިން ދީމާ ފުރުސަތު ހޯދީ އިތުބާރާއެކުގައެވެ. މިއީ ރާއްޖޭގެ ޓީޓީ ތާރީހުގައިވެސް މުހިއްމު ކާމިޔަބީއެކެވެ. ހާއްސަކޮށް ޒުވާން ކުޅުންތެރިޔަކު މި ރީޖަންގައި ތަކުރާރުކޮށް ހޯދަމުންދާ ކާމިޔާބީއަކީ ރާއްޖެއަށް ބޮޑު ފަހުރެކެވެ.
މިއީ ރާއްޖޭގެ ކުޅިވަރު ތާރީހުގައިވެސް ކޮލިފިކޭޝަނަކުން ނަތީޖާ ނެރެ، ކޮލިފިކޭޝަނެއް ކާމިޔާބުކޮށްގެން އެތުލީޓަކު އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. އެހެންކަމުން މިއަދަކީ ކުޅިވަރު ތާރީހުގައިވެސް ރަން އަކުރުން ލިޔެވިގެން ދިޔަ ދުވަހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު