ކުރިއަށް އޮތް ޔޫރޯ 2024 ގައި ރެފްރީންގެ ނިންމުންތަކަށް މެޗުގެ ތެރެއިން ޝަކުވާ ކުރެވޭނީ ޓީމުތަކުގެ ކެޕްޓަނުންނަށް އެކަނި ކަމަށް ޔޫއެފާއިން ބުނެފިއެވެ.

ޖަރުމަނުގައި ޖޫން މަހު ފަށާ ޔޫރޯއަށް ޔޫއެފާއިން ދަނީ އެންމެފަހުގެ ތައްޔާރީތައް ވަމުންނެވެ. އެ ތައްޔާރީތަކުގެ ތެރެއިން ރެފްރީން މުބާރާތަށް ފުރިހަމައަށް ތައްޔާރުކޮށް، ރެފްރީންނާ ގުޅޭ ގިނަ ކަންތައްތަކެއްވެސް ވަނީ މިހާރު ނިންމައިފައެވެ. އެގޮތުން ޔޫއެފާއިން ބުނީ ޔޫރޯއިން ދައްކުވައިދޭން ބޭނުންވަނީ ފުޓުބޯޅައިގެ ރީތި މަންޒަރެއް ކަމަށާއި، ރެފްރީން ވަށާލައިގެން ޝަކުވާ ކުރުން އެއީ ދައްކުވައިދޭން ބޭނުންވާ މަންޒަރެއް ނޫން ކަމަށެވެ.

"ރެފްރީންގެ އުސޫލުތައް ހަރުދަނާ ކުރުމަށް ޔޫއެފާއިން ބޭނުންވޭ ޔޫރޯގައިވެސް ބައެއް މުހިންމު ކަންކަމަށް ސަމާލުކަން ދޭން. އޭގެ ތެރެއިން އެއް ކަމަކީ ރެފްރީން ނިންމާ ނިންމުމަށް ބަސް ބުނުން. ރެފްރީން ނިންމާ ނިންމުމަށް ދަނޑުމަތީގައި ވާހަކަ ދެއްކޭނީ ކެޕްޓަނުންނަށް އެކަނި. އެކަން ވާނީ މިހާރު އަންގަންވެސް އެންގިފައި،" ޔޫއެފާގެ ރެފްރީންގެ މެނޭޖިން ޑިރެކްޓަރު ރޮބާޓޯ ރޮސެޓީ ބުންޏެވެ.

ރޮސެޓީ ބުނީ އެކަން ކުރަން މިހާރު ޓީމުތަކަށް އަންގާފައިވާނެ ކަމަށާއި، ދަނޑުމަތީގައި ކުޅުންތެރިން ކޮންޓްރޯލްކޮށް، އެކަމަށް އަމަލުކުރުމަކީ ޓީމުގެ ކެޕްޓަނުގެ ޒިންމާއެއް ކަމަށެވެ. އަދި ކެޕްޓަނުންވެސް ރެފްރީންނަށް އިހުތިރާމު ކުޑަކޮށް ވާހަކަ ދައްކައިގެން ނުވާނެ ކަމަށްވެސް ޔޫއެފާއިން ބުނެފައިވެއެވެ.

ޔޫއެފާއިން ބުނީ، ޔޫރޯ 2024 ގެ މެޗުތަކުގެ ތެރެއިން ރެފްރީންނަށް ޝަކުވާ ކުރާ ކެޕްޓަނުން ނޫން ކުޅުންތެރިންނަށް ކާޑު ދެއްކުމުގެ އިހުތިޔާރު ރެފްރީންނަށް އޮންނާނެ ކަމަށެވެ. އަދި ޓީމެއްގެ ކެޕްޓަނަކީ ގޯލްކީޕަރު ކަމަށްވާނަމަ، ކޮންމެ ޓީމަކުންވެސް ރެފްރީއާ ވާހަކަ ދައްކަން ވަކި ކުޅުންތެރިޔަކު ހަމަޖައްސާފައި ހުންނަން ޖެހޭނެ ކަމަށެވެ.