ރާއްޖޭން ބޭރުގެ އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށް ބޭނުންވާ ނެރޯ ބޮޑީ މަތިންދާ ބޯޓެއް ކުއްޔަށް ހޯދުމަށް މޯލްޑިވިއަން ހިންގާ، އައިލެންޑް އޭވިއޭޝަން އިން އިއުލާންކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އެ ކުންފުނިން ހޯދަން ބޭނުންވަނީ އެއާބަސް އޭ-319 ނުވަތަ އޭ-320 މަރުކާގެ މަތިންދާ ބޯޓެއް ކަމަށެވެ. އެއާބަސް އޭ-319 އަކީ 156 ސީޓުގެ 3،700 މޭލަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ. އެއާބަސް އޭ-120 އަކީ 180 ސީޓުގެ 3،900 މޭލަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ.

އެ ބޯޓު ކުއްޔަށް ނަގަން ބޭނުން ވަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި ބޯޓު ކުއްޔަށް ދޭން ބޭނުންވާ ފަރާތްތަކަށް މި މަހުގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މިހާރުވެސް އެއާބަސް އޭ-320 މަރުކާގެ ބޯޓެއް އޮވެއެވެ. އެ ބޯޓު ބޭނުންކުރަނީ ކައިރި މަންޒިލްތަކަށް ދަތުރުކުރުމަށެވެ.

އައިލެންޑް އޭވިއޭޝަނުން، އެއާބަސްގެ ނެރޯ ބޮޑީ ބޯޓެއް ހޯދަން އިއުލާންކުރި އިރު، އެއާބަސްގެ ވައިޑް ބޮޑީ މަތިންދާ ބޯޓެއް ހޯދަން އެ ކުންފުނިން ވަނީ 31 ޑިސެމްބަރު 2023 ގައި އިއުލާންކޮށްފަ އެވެ.