ކާރު ގަނެދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ތުހުމަތުކުރެވޭ ފުލުހެއްގެ މައްސަލަ ބަލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި މީހަކު ކުރި ޕޯސްޓެއްގައި ބުނީ އެ ފުލުސް މީހާގެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހަށް ހުށަހެޅުމުން ވެސް އެ މައްސަލައިގައި ކުރިއެރުމެއް ލިބިފައިނުވާ ކަމަށެވެ.

"ޕޮލިހުންގެ ވަޒީފާގައި އުޅޭ މީހެއް ވަރަށް ގިނަ މީހުންނަށް ކާރު ގަނެދޭނަމޭ ކިޔައި ލާރި ނަގާ މީހެއް، ޕޮލިހުންނަކަށް ވީކަމެއް ނެތް މިކަމުގައި، ވާނެ ކަމެއްވެސް ނޫންތޯ، ތަހުގީގު މަރުހަލާއަށްވުރެ މަތީ ޕޮލިހެކޯ،" ސޯޝަލް މީޑިއާ ޕޯސްޓުގައިވެއެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އެ ފުލުސް މީހާގެ މައްސަލަ ފުލުހުންގެ ޕްރޮފެޝެނަލް ސްޓޭންޑާސް ކޮމާންޑުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ޝިފާން ނުދެއްވައެވެ.