ގާނޫނާ ހިލާފުވާ ފަރާތްތައް އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހިމަނައި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި ބިލަކީ 2021 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން، މަނަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ހާރޫނު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.

އެ ބިލު މަޖިލިސް ތަޅުމަށް ހުށަހަޅާފައިވަނީ، މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ބިލު ދިރާސާކޮށް ބަދަލުތަކެއް ގެނައުމަށްފަހުގައެވެ.

ބިލުގެ ނުވަވަނަ ބާބުގައި ގިނަ ކުށްތަކެއް ހިމަނައި، އެއަށް އަޅާނެ ފިޔަވަޅުތައް ވަނީ ކަނޑައަޅައިފައެވެ.

ބިލުގައިވާ ގޮތުން މީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު މެދުވެރިކޮށް، ހަތަރު ވައްތަރެއްގެ ތަކެތި ރާއްޖެއަށް އެތެރެކޮށް، ބަންދުކޮށް، ލޭބަލްކޮށް، ރައްކާކޮށް، ގުދަންކުރުމާއި ގަނެވިއްކައި ފޯރުކޮށްދިނުމަކީ ކުށެކެވެ.

  • ގަޑުބަޑުކޮށްފައިވާ ކާބޯތަކެތި ނުވަތަ އެޑަލްޓްރަންޓް
  • އަސްލު އޮޅޭގޮތަށް ލޭބަލްކޮށްފައިވާ ކާބޯތަކެތި
  • ރާއްޖެއަށް ގެނައުމުން މަނާކޮށްފައިވާ ކާބޯތަކެތި
  • ސިއްހަތަށް ގެއްލުމެއްދޭ ކާބޯތަކެތި

އެއިން ކުށެއް ކޮށްފި މީހެއް ކުރި ކުށުގެ ބޮޑުމިނަށް ބަލައި، 10،000 ރުފިޔާ އާއި 750،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ހިމަނައިފައެވެ.

އޭގެ އިތުރުން އެ އަމަލެއްގެ ސަބަބުން، މީހެއްގެ ސިއްހަތަށް ނުރައްކާތެރި ގެއްލުމެއް ލިބުމަށް މެދުވެރިވެއްޖެ ނަމަ، ނުވަތަ މީހެއްގެ ފުރާނައަށް ނުރައްކާވެއްޖެ ނަމަ، އެ އަމަލެއް ހިންގި ފަރާތުގެ އަދަބަކީ، އެ އަމަލެއްގެ ކުޑަބޮޑުމިނަަށް ބަލައި، އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ގާނޫނާ ހިލާފަށް ކާބޯތަކެތި އިމްޕޯޓު އަދި އެކްސްޕޯޓް ކުރުމާ ގުޅޭ ތިން ކުށެއް ބިލުގައި ހިމެނެއެވެ.

  • ގާނޫނުގެ ދަށުން ހަދާ ގަވައިދާ ހިލާފަށް ކާބޯތަކެތި އިމްޕޯޓު/އެކްސްޕޯޓު ކުރުން
  • އޮޅުވާލައިގެން ކާބޯތަކެތި އިމްޕޯޓު/އެކްސްޕޯޓު ކުރުން
  • ކާބޯތަކެތި އިމްޕޯޓު ކުރާ/އެކްސްޕޯޓު ކުރާ ފަރާތްތަކުން ފޯޖްކޮށްފައިވާ ނުވަތަ ސައްހަ ނޫން ލިޔެކިޔުން ހުށަހެޅުން

އެއިން ކުށެއް ކޮށްފި މީހެއްގެ އަދަބަކީވެސް އެއް މިލިއަން ރުފިޔާއާ ހަމައަށް ޖުރިމަނާ ކުރުމެވެ.

އޭގެ އިތުރުން، ބިލުގައި ހިމަނާފައިވާ އެހެން ބައެއް ކުށްތަކާއި އަދަބުތަކުގެ ތެރޭގައި ގާނޫނާއި ގަވައިދާ ހިލާފަށް ކާބޯތަކެތި އިސްތިހާރު ކުރުން؛ 10،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދުން ޖޫރިމަނާކުރުމާއި، ވިއްކާ ކާބޯތަކެތީގެ މުއްދަތު ހަމަވާ ތާރީހު އޮޅުވާލުން؛ 10،000 ރުފިޔާ އާއި 300،000 ރުފިޔާއާ ދެމެދު އަދަދުން ޖޫރިމަނާ ކުރުން ހިމެނެއެވެ. އަދި ކާބޯތަކެތީގެ ބާވަތެއް ނުވަތަ އިންގްރިޑިއަންޓެއް ރައްކާތެރިކަމާއެކު ބެހެއްޓުމަށް ގާނޫނުގެ ދަށުން ހުއްދަ ލިބިގެން ހަވާލުކުރެވިފައިވާ ފަރާތަކުން އެއިން އެއްޗަކަށް އުނިއުތުރު ގެނައުން ނުވަތަ އެއްވެސް ބަދަލެއް ގެނައުން؛ 10،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުންވެސް ހިމެނެއެވެ.

މި ގާނޫނުގެ ދަށުން ހަދާ ގަވައިދަކާ ހިލާފަށް ކާބޯތަކެތި ލޭބަލްކުރާ ފަރާތެއް 10،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުމާއި، ކާބޯތަކެތި ރީކޯލްކުރުމަށް އޮތޯރިޓީން އަންގާ އެންގުމަކާ އެއްގޮތަށް ކާބޯތަކެތި ރީކޯލް ނުކުރާނަމަ 10،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއި، ބައެއް ހާލަތްތަކުގައި ވަގުތީ ގޮތުން ލައިސެންސް ހިފެއްހެއްޓުމާއި ބާތިލުކުރުންވެސް ބިލުގައި ހިމަނާފައިވެއެވެ.

ބިލުގައި ހުރި ކަންކަމަށް އަމަލުކުރަން އޮތީ، ބިލު ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަސްފަހުންނެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، 1978 ވަނަ އަހަރު ވުޖޫދުކޮށްފައިވާ ހޮޓާހޮޓަލާއި ކާބޯތަކެތި ވިއްކާ ތަންތަނާއި ވިއްކުމަށްޓަކައި ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ސާފުތާހިރުކޮށް ބެހެއްޓުމާ ގުޅޭ ގާނޫނު އުވޭނެއެވެ.