ޓްރީޓޮޕް ހޮސްޕިޓަލުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ލީޑްލެސް ޕޭސްމޭކާ (ވަޔަލެސް) އިމްޕްލާންޓް ދެ ޕްރޮސީޖާ ކާމިޔާބުކަމާއެކު ކޮށްފިއެވެ.
ޓްރީޓޮޕުން މިއަދު ބުނީ އެ ހޮސްޕިޓަލުގެ ހިތުގެ ފަރުވާއަށް ހާއްސަ ކެތު ލެބްގައި ކާޑިއޮލޮޖީ ޓީމުން ކުރިއަށްގެންދިޔަ އެ ޕްރޮސީޖާތަކުގައި، 79 އަހަރާއި 90 އަހަރުގެ ދެ ޕޭޝަންޓުންގެ ހިތުގެ ހިނގުން ރެގިއުލޭޓް ކުރުމަށް ލީޑްލެސް ޕޭސްމޭކާ ލައްވާފައިވާ ކަމަށެވެ.
މިއީ ހިތުގެ ބަލިތަކަށް ރާއްޖޭގައި ޓްރީޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދެމުންދާ ފަރުވާއަށް ލިބުނު ނުހަނު ބޮޑު ކުރިއެރުމެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
"ލީޑްލެސް ޕޭސްމޭކާ އަކީ ހިތުގެ ހިނގުން މަޑުކޮށްދިނުމަށް، ސީދާ ހިތުގެ ތެރެއަށް ލައްވާ "ސެލްފް ކޮންޓެއިންޑް" ކުޑަ ޑިވައިސްއެކެވެ. އާދައިގެ ޕޭސްމޭކާތަކާ ހިލާފަށް، މިފަދަ ސެލްފް ކޮންޓެއިންޑް ޑިވައިސްތަކުން ކަރަންޓު ޖެނެރޭޓް ކުރުމަށް އިތުރު ބެޓެރި އަދި ނަރުތަކެއް ގުޅާފައި ނުހުންނާނެއެވެ. މީގެ ސަބަބުން ޕޭސްމޭކާ ލައްވާފައިވާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ،" ޓްރީޓޮޕުން ބުންޏެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރީވަތްސަން ސްރީދަރް ޖީ، ވިދާޅުވީ އެ ދެ ޕްރޮސީޖާ ކާމިޔާބުވުމަކީ ޓްރީޓޮޕަށާއި މުޅި ރާއްޖެއަށް ވެސް ފާހަގަކޮށްލެވޭ ފަދަ މުހިންމު މުނާސަބަތެއް ކަމަށެވެ. އޭނާ ވިދާޅުވީ ލީޑްލެސް ޕޭސްމޭކާ ޕްރޮސީޖާ ތައާރަފުކުރުމާއެކު، އިތުރު ސިއްހީ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ކުރިން ދާން ޖެހިފައިވާ ޕޭޝަންޓުންނަށް ކާޑިއެކް ކެއާގެ ހިދުމަތް ރާއްޖޭގައި ފުޅާކުރެވެމުންދާނެ ކަމަށެވެ.
"އަދި މިކަމުގެ ސަބަބުން 'ޕޭޝަންޓް އައުޓްކަމްސް' ރަނގަޅުވެ، ރާއްޖޭގައި ހިތުގެ ހިނގުމުގެ މައްސަލަ ހުންނަ ފަރާތްތަކަށް، ފަރުވާ ހޯދުމަށް ހިނގާ ހަރަދުތައް ކުޑަވެގެންދާނެ" ޑރ. ސްރީވަތްސަން ސްރީދަރް ޖީ ވިދާޅުވިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް ކާޑިއޮލޮޖިސްޓް ޑރ. މިގްދާދު ޝަރީފް ވިދާޅުވި އެ ޓެކްނޮލޮޖީން ބަލިމީހާއަށް ގިނަ ގުނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އެގޮތުން އެފަދަ ޕްރޮސީޖާތަކަކީ "މިނިމަލީ އިންވޭސިވް"، ކުޑަ އިންސިޝަންއަކުން ނިންމާލެވޭ ޕްރޮސީޖާއެއް ކަމަށް މިގްދާދު ވިދާޅުވިއެވެ.
"އެހެންކަމުން ރިކަވަރީ ވަގުތު ކުރުވެ، ހޮސްޕިޓަލުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދޭ. އަދި މާބޮޑު ލަކުނެއްވެސް ނުހުންނާނެ،" މިގްދާދު ވިދާޅުވިއެވެ.
މިގްދާދާއެކު އެ ޕްރޮސީޖާ ހެދުމުގައި ޓްރީޓޮޕް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް ޑރ. އަމިތް އަގަރްވާލް، ވިޒިޓިންގް ކާޑިއޮލޮޖިސްޓް ޑރ. އަރުން ގޯޕީ އަދި ޓްރީޓޮޕް ހޮސްޕިޓަލުގެ ކެތުލެބް ޓީމުން ބައިވެރިވިއެވެ.
މިނިމަލީ އިންވޭސިވް ޕްރޮސީޖާތަކަކީ އުމުރުން ދުވަސްވީ މީހުންނަށް މޭޖާ ސާޖަރީއަކަށް ދިއުމުގެ ބަދަލުގައި ފަސޭހައިން ކޮށްލެވޭ ޕްރޮސީޖާތަކެއް ކަމަށް ޓްރީޓޮޕުން ބުންޏެވެ. އެ ޕްރޮސީޖާގެ ކޮސްމެޓިކް އިމްޕެކްޓް ކުޑަވުމާއި ދެތިން ދުވަހެއްގެ ތެރޭގައި އާންމު ދިރިއުޅުމަށް ރުޖޫއަވެވޭތީ، އެފަދަ ޕްރޮސީޖާ ކުރާ މިންވަރު ވަނީ ދުނިޔޭގެ ނިސްބަތުން އިތުރުވެފައި ކަމަށް ޓްރީޓޮޕުން ބުންޏެވެ.
ޓްރީޓޮޕް ހޮސްޕިޓަލްގެ މެޑިކަލް ޑައިރެކްޓަރު ޑރ. މްލާޑެން ނޯޓެކް ވިދާޅުވީ އެފަދަ ބޮޑު ކާމިޔާބީ ހާސިލުކުރެވުނީތީ ކާޑިއޮލޮޖީ ޑިޕާޓްމަންޓާ މެދު ފަހުރުވެރިވާ ކަމަށެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ދަނީ 2018 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ސިއްހީ ދާއިރާގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުންނެވެ. އެ ހޮސްޕިޓަލުން ވަނީ ޒަމާނީ އަދި އީޖާދީ ހިދުމަތްތައް ތައާރަފުކޮށްފައެވެ. ހޮސްޕިޓަލުގެ އަމާޒަކީ ދިވެހި ރައްޔިތުން ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ޖެހޭ މިންވަރު ކުޑަކޮށް، ސިއްހީ ފަރުވާއަށް ކުރަންޖެހޭ ހަރަދުތައް ކުޑަކުރުން ކަމަށް ޓްރީޓޮޕުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު