ފުލުހުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެނީ ކޯޓުތަކާ ޗެލެންޖުކުރަން ނޫން ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

އިހުސާން އެހެން ވިދާޅުވީ، ރާއްޖެ އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލައިގައި ދައުވާ ލިބުނު ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން، އެކަމާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެން އެ ކޯޓުން އެ ބޭފުޅުންގެ މައްސަލަ ބަލަން ނިންމުމުންނެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން 15 އޭޕްރިލްގައި ވަނީ އިހުސާނާއި ފުލުހުންގެ އިސްވެރިންތަކެއް، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމާއި ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި ކޯޓު ހުރުމަތް ކެނޑި މައްސަލައާ މެދު ގޮތެއް ނިންމުމަށް، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ކުއްލި މަޖިލީހަށް އެޖެންޑާކުރަން ނިންމިއެވެ. ނަމަވެސް ފަހުން އެ މައްސަލައިގައި ކަންވީ ގޮތެއް އެ ކޯޓަކުން ހާމައެއް ނުކުރެއެވެ.

ހޯމް ސެކްޓާއިން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ، 119 ކިލޯގެ ޑުރަގް މައްސަލައިގެ މައުލޫމާތު ހާމަކުރީ އެ މައްސަލައިގެ ކުށް ސާބިތުނުވާ ކަމަށް ނިންމުމުން ކަމަށެވެ. ނަމަވެސް ފުލުހުންނަކީ ވަކި މުއައްސަސާއެއް ކަމަށާއި އަދި ކޯޓަކީވެސް ވަކި މުއައްސަސާއެއް ކަމަށާއި އެއިން ކޮންމެ މުއައްސަސާއަކުންވެސް ރައްޔިތުންނަށް ޖަވާބުދާރީވާން ކަނޑައަޅާފައި ހުންނަ އުސޫލުތަކެއް ހުންނާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެއްވެސް ހާލެއްގައި، ފުލުހުން މައުލޫމާތުތައް ރައްޔިތުންނާ ހިއްސާކުރަނީ ކޯޓާ ޗެލެންޖުކުރާކަށް ނޫން، ފުލުހުންގެ މުއައްސަސާ ދުވަހަކުވެސް ކޯޓަކާ ޗެލެންޖެއް ނުކުރާނެ. އަދި ދައުލަތުގެ އެހެން އެއްވެސް އިދާރާއަކުންވެސް ނުކުރާނެ،" އިހުސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބޮޑެތި ކުށްތައް އަދި ރައްޔިތުންގެ ތެރެއިން ގިނަ މީހުންގެ ކަންބޮޑުވުން އޮތް ބޮޑެތި މައްސަލަ ތަކުގައި ކުށް ސާބިތު ނުވެއްޖެނަމަ އެ މައްސަލައިގެ ތަފުސީލު ހާމަކުރުމަކީ ސަރުކާރުގެ ނިންމުމެއް ކަމަށެވެ. އެހެންކަމުން އޭނާއާ އަދި މިނިސްޓްރީއާ ކޯޓުތަކާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި ކޯޓުތަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް ވިދާޅުވިއެވެ.