ސާފިން ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަށް ވުމަށް ވެފައިވާ އެއްބަސްވުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާކޮށްފިއެވެ.

ބީއެމްއެލުން މިއަދު ބުނީ މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އާއެކު ސީނިއާ އަދި ޖޫނިއާ ޓީމުތައް ހިމެނޭހެން ގައުމީ ސާފިން ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަށް ވުމަށް ވެފައިވާ އެއްބަސްވުން ބީއެމްއެލުން އިތުރުކޮށްފައިވާ ކަމަށެވެ.

އެ ޕާޓްނާޝިޕްގެ ދަށުން، ސާފިންނަށް ޒުވާން މޮޅު ކުދިންގެ ހުނަރު ޕްރޮމޯޓް ކުރުމަށް އެމްއެސްއޭ އިން ކޮންމެ އަހަރަކު ބާއްވަމުންދާ ގައުމީ ޖޫނިއާ ސާފިން ޗެންޕިއަންޝިޕަށް ވެސް ބީއެމްއެލްގެ އެހީތެރިކަން ލިބޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

"ސާފިން އަކީ ރާއްޖޭގައި މަގުބޫލުކަން ހޯދަމުންދާ އަދި ކުރިއަރަމުންދާ ކުޅިވަރެއް. ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކުންވެސް މި ކުޅިވަރަށް ވަރަށް ބޮޑަށް ޝައުގުވެރިވޭ. ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ކާމިޔާބު ހޯދުމުގެ ހުނަރު ސާފިންގެ އެތުލީޓުންގެ ފަރާތުން ފެނޭ. މީގެ ކުރިންވެސް އެތުލީޓުން ވަނީ އެކަން ހާމަކޮށްދީފައި،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވިއެވެ.

އެމްއެސްއޭގެ ރައީސް، މުހައްމަދު ސަބާހު ވިދާޅުވީ، ބީއެމްއެލް އިސްލާމިކްއާ ގުޅިގެން އެ ޕާޓްނާޝިޕް ދެމެހެއްޓުމަކީ ލިބޭ އުފަލެއް ކަމަށެވެ. ސާފިންގެ ގައުމީ ޓީމުތަކަށް ދޭ އެހީއާއި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށާއި ރާއްޖޭގެ ޒުވާން އެތުލީޓުން ކުރިއަރުވަން ބީއެމްއެލުން ކުރާ މަސައްކަތް ނުހަނު އުފަލާއެކު ފާހަގަކުރާ ކަމަށެވެ.

ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި ޕާޓްނާޝިޕްތަކުގެ ދަށުން ބީއެމްްއެލުން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

އޭގެ އިތުރުން ބޭންކުން ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި އެތުލީޓުން ކުރިއެރުވުމަށް ސްޕޯޓްސް ސްކޮލާޝިޕްވެސް ދީފައެވެ.