މި އަހަރުގެ ފުރަތަމަ ހައްޖާޖީންނަށް ސައުދީ އަރަބިއާ އިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ހައްޖުގެ އަޅުކަމަށް ސައުދީ އަށް މި އަހަރު އެންމެ ފުރަތަމަ އައިސްފައިވަނީ ބަންގްލަދޭޝްގެ ހައްޖާޖީންނެވެ. އެ މީހުންނަށް މަރުހަބާ ކިޔުމަށް ސައުދީގެ ޖިއްދާގެ މައި އެއާޕޯޓް، ކިންގް އަބްދުލް އަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔާފައިވަނީ ސައުދީ ހައްޖު މިނިސްޓްރީގެ އިސް އޮފިޝަލުންނެވެ.

ސައުދީއަށް ދިޔަ ފުރަތަމަ ހައްޖާޖީންނަށް ހަތިމާއި ދީނީ މައުލޫމާތު ހިމެނޭ ފޮތްތައް ވަނީ ބަހައިފައެވެ.

ސައުދީގެ ހައްޖު އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން، މި އަހަރުގެ ހައްޖު މޫސުމަށް ސައުދީން ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. ހައްޖަށް ދާ މީހުންނަށް ފަސޭހަކަމާއެކު ހައްޖުގެ އަޅުކަން އަދާ ކުރެވޭނެ ލުއި ގޮތްތަކެއް ރޭވުމުގެ ގޮތުން ގިނަ ގައުމުތަކުގެ ބަސް ދަންނަ އެހީތެރިންގެ އިތުރުން ފަހުގެ ޓެކްނޮލޮޖީގެ އެހީގައިވެސް ހައްޖާޖީންނަށް ހިދުމަތް ދިނުމަށް ގިނަ ކަންކަން ވަނީ ރާވައިފައެވެ.