ޔޫރަޕްގެ އިތުރު ހަތަރު ގައުމަކުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފިއެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ހާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް ސްޕެނިޝް ރޭޑިއޯ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސްޕެއިނާއި އަޔަލަންޑާއި މަލްޓާ އަދި ސްލޮވީނިއާއިން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމާފައިވާ ކަމަށާއި އެގޮތުން މި މަހުގެ 21 ވަނަ ދުވަހު އެ ތިން ގައުމުންވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށެވެ.
ބޮރެލް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިތުރު ގައުމުތަކުންވެސް ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ފަށާނެ ކަމަށާއި އޭގެ ތެރޭގައި ބެލްޖިއަމްވެސް ހިމެނޭނެ ކަމަށެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަމުންދާ އިރު، ރޭ ވަނީ ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ދިނުމަށް އދ. ގެ އާންމު މަޖިލީހުން ވެސް ފާސްކޮށްފައެވެ. އދ. އިން އިއްޔެ ބޭއްވި ކުއްލި ބައްދަލުވުމުގައި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ "އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް"ގެ ނަމުގައި ގަރާރެއް ހުށަހަޅައިފައެވެ. ރާއްޖެއިން ކޯ ސްޕޯންސް ކޮށްފައިވަނީ ޔޫއޭއީގެ އެ ގަރާރެވެ.
އެ ގަރާރަށް ރޭ ނެގި ވޯޓުގައި 143 ގައުމަކުން ވަނީ ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ދިނުމަށް ތާއީދުކޮށްފައެވެ. އެ ގަރާރާ ދެކޮޅަށް ނުވަ ގައުމަކުން ވޯޓުދިން އިރު، އެއްވެސް ކޮޅަކަށް ވޯޓުދޭން 25 ގައުމަކުން ބޭނުމެއް ނުވިއެވެ.
ކުރިން ފަލަސްތީނަކީ އދ. ގެ 'އޮބްޒާވާ ސްޓޭޓަސް'ގެ ގައުމެކެވެ. ނަމަވެސް ޔޫއޭއީ އިން ހުށަހެޅި ގަރާރު ފާސްވުމުން ފަލަސްތީން ވަނީ އދ. ގެ މެމްބަރު ގައުމަކަށް ބަދަލުވެފައެވެ.
ޔޫއޭއީ އިން ހުށަހެޅި ގަރާރުގައި ވަނީ ފަލަސްތީނަކީ އދ. ގެ މެމްބަރަކަށް ވުމަށް ޝަރުތު ހަމަވާ ގައުމެއް ކަމަށާއި އދ. ގެ ގައުމުތަކުގެ ބޮޑު ތާއީދެއް ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ދިނުމަށް އޮންނަ ކަމަށެވެ.
އދ. އިން އިއްޔެ ކުއްލި ބައްދަލުވުމެއް ބޭއްވީ ފަލަސްތީނުން އެ ޖަމިއްޔާގެ ފުރިހަމަ މެމްބަރަކަށް ވުމަށްޓަކައި އަލްޖީރިއާ އިން އދ. ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި ގަރާރަށް އެމެރިކާއިން ދެކޮޅަށް ވޯޓުލައި އެކަން ހުއްޓުވާފައިވާތީއެވެ. ސެކިއުރިޓީ ކައުންސިލަށް އެ ކައުންސިލުގެ މަސްއޫލިއްޔަތު އަދާނުކުރުވޭ ހާލަތެއްގައި މެމްބަރު ގައުމުތަކުން ކުއްލި ބައްދަލުވުމަކަށް ގޮވާލަން ޖާގަ ދޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު