ދުނިޔޭގައިވާ އެންމެބޮޑު ޑިމޮކްރަސީއަކީ އިންޑިޔާކަމަށް ބުނެވެއެވެ. އެހެން ބުނަނީ އިންޑިޔާގެ ޑިމޮކްރަސީ ފުރިހަމަވެފައި މޮޅުވެގެނަކުން ނޫނެވެ. މިނިވަންކޮށް އިންތިޚާބު ބޭއްވޭ އެންމެ ބައިބޯ ގައުމަކީ އިންޑިޔާ ކަމަށްވާތީއެވެ. އެންމެ ގިނަބަޔަކު ވޯޓުލާން ނުކުންނަނީ އިންޑިޔާގައި ކަމަށްވާތީއެވެ. މިއީ އިންޑިޔާގެ އިންތިޚާބީ މޫސުމެވެ. ޖުމްލަ ހަތް ފިޔަވައްސަކަށް ބަހާލެވިފައިވާ އާއްމު އިންތިޚާބުގެ ވޯޓުލުން ހުސްވި އެޕްރީލް މަހުގެ ނަވާރަވަނަ ދުވަހު ވަނީ ފަށައިފައެވެ. ގާތްގަޑަކަށް ހަ ހަފުތާގެ މުއްދަތަކަށް އިންތިޚާބު ކުރިއަށްދާއިރު މި ހަފުތާގެ އަންގާރަ ދުވަހަކީ ތިންވަނަ ފިޔަވަހީގެ ވޯޓުލުން އޮންނަ ދުވަހެވެ. އިންތިޚާބު ދެބައިވާ ދުވަހެވެ. ނަތީޖާތައް އިއުލާނު ކުރާނީ ޖޫން ހަތަރެއްގައެވެ. ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 970 މިލިއަން މީހުން އެބަތިއްބެވެ. ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް މަރުކަޒީ ޕާރލަމެންޓްގެ 543 ގޮނޑީގެ ތެރެއިން މަދުވެގެން ދެބައިކުޅަ އެއްބައި ކާމިޔާބު ކުރާންޖެހެއެވެ.

މި އިންތިޚާބު މިހިސާބަށް އައިއިރު ފާހަގަކުރެވުނީ އެބުނާ ބޮޑު ޑިމޮކްރަސީގެ ޒީނަތްތެރިކަމާއި ފުރިހަމަކަން ބާވައެވެ. ނުވަތަ އެ ޑިމޮކްރަސީގެ ހުތުރުކަމާއި އަނދިރިކަން ބާވައެވެ. މިހާތަނަށް އިވުނު އަޑުތަކާއި ފެނުނު މަންޒަރުތަކަށް ރިއާޔަތްކުރާނަމަ ބުނަންޖެހެނީ މި އިންތިޚާބަކީ ހިންދޫންނާއި މުސްލިމުންގެ ދީނީ ހަނގުރާމައަކަށް ބަޔަކު ހަދައިފިކަމުގައެވެ. ހުތުރުވެގެންވާ ކުރިމަތިލުންތަކަކަށް ބަދަލުކޮށްފި ކަމުގައެވެ. ޑިމޮކްރަސީގެ ނަމުގައި މި ހުތުރު އަމަލު ހިންގަނީ ކޮންބައެއް ބާވައެވެ. އެބަޔަކީ ބީޖޭޕީއެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕާޓީއެވެ. މިހާރުވެސް އިންޑިޔާގައި ވެރިކަން ކުރަމުންދާ އެންމެ ބޮޑު ޕާޓީއެވެ. ކޮންމެ އަގެއް އަދާކޮށްގެންވިޔަސް، ކިތަންމެ ހުތުރު އަމަލެއް ހިންގައިގެންވިޔަސް، އަދި ކޮންމެ ބަޔަކު ކޮންމެ އެއްޗެއް ކިޔަސް ބޮޑުވަޒީރު މޯދީގެ އަމާޒަކީ ވެރިކަމުގެ ހަތަރުވަނަ ދައުރެކެވެ. އިންޑިޔާ މިނިވަންވީފަހުން މިހާތަނަށް ވިދިވިދިގެން ހަތަރު ދައުރެއްގައި ވެރިކަން ކުރެއްވީ ޖަވާހަރުލާލް ނެހުރޫ އެކަންޏެވެ.

އިނގިރޭސިންގެ އަތްދަށުން އިންޑިޔާ މިނިވަންވީ މީގެ 77 އަހަރު ކުރިން 15 އޮގަސްޓް 1947 ގައެވެ. އޭގެފަހުން އެތައް އެތައް އިންތިޚާބެއް ބާއްވައިފިއެވެ. މިހާތަނަށް ބޭއްވުނު އެއްވެސް އިންތިޚާބެއްގައި މުސްލިމުންނަށް ކުރިމަތިލާން ނުޖެހޭ ޒާތުގެ ބިރުވެރިކަމެއް މިފަހަރުގެ އިންތިޚާބުގެ ތެރޭގައި ވަނީ ކުރިމަތިލާންޖެހިފައެވެ. ކެމްޕޭނެއްގެ ގޮތުގައި ބޮޑުވަޒީރު މޯދީއާއި އޭނާގެ ބީޖޭޕީން ކުރާހާވެސް ކަމަކީ ހިންދޫންގެ ތެރޭގައި މުސްލިމުންނާ ދޭތެރޭ ނަފުރަތާއި ރުޅިވެރިކަން އުފެއްދުމެވެ. ސިއްރިޔާތުގައި ކުރާކަމެއް ނޫނެވެ. ހަމަފާޅުގައެވެ. އިންޑިޔާގެ ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުން އެތިބީ އެމީހުންގެ ފުރާނަޔާއި މުދަލާމެދު ބިރުވެރިކަމެއްގައެވެ. ހަރުކަށި ހިންދޫން ނުކުމެ ގަޔަށް ބޮލަށް އަރަނީއެވެ. މި ދައްކަނީ ބައިމަދު މައިނޯރިޓީއެއްގެ ވާހަކައެއް ނޫނެވެ. އިންޑިޔާގައި ދުއިސައްތަ މިލިޔަނަށްވުރެ ގިނަ މުސްލިމުން އެބަތިއްބެވެ. އެއީ ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީއެވެ.

މޯދީއާއި ބީޖޭޕީ ވަނީ އިންޑިޔާގެ ރައްޔިތުންގެ ތެރެއިން ދުއިސައްތަ މިލިޔަން މީހުންނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައެވެ. މޯދީ ބޭނުންވަނީ ހިންދޫންގެ ވޯޓެވެ. މުސްލިމުންގެ ވޯޓު ބޭނުމެއް ނޫނެވެ. ހޯދާކަށް ނުވެސްއުޅެއެވެ. އިންޑިޔާގައި 800 މިލިޔަނަށްވުރެ ގިނަ ހިންދޫން އެބަތިއްބެވެ. އެމީހުންގެ ތެރޭގައި މާކެޓްކުރެވޭ އެއްޗަކީ ނަފުރަތާއި ހަސަދައެވެ. މުސްލިމުންނާ ދެކޮޅު ކޮންމެ ވާހަކައެއް ވިކެއެވެ. މިސްކިތްތައް ތަޅައިލުމުގެ ވާހަކައެވެ. އަންހެނުންގެ ބުރުގާ ކަޝްފުކުރުމުގެ ވާހަކައެވެ. ސަރުކާރުގެ ވަޒީފާ ނުދިނުމުގެ ވާހަކައެވެ. ބޯހިޔާވަހިކަމާއި އިޖުތިމާއީ ޚިދުމަތްތަކުގެ ކުޑައިގެ ދަށުން ބޭރުކޮށްލުމުގެ ވާހަކައެވެ. އަދިކިޔެއްތަ ބޮޑުވެގެންވާ ލޭއޮހޮރުވުމެއް ހިންގައިގެންވިޔަސް އިންޑިޔާއިން މުސްލިމުން ހުސްކޮށް ހަމައެކަނި ހިންދޫންގެ ވަޒަނަކަށް ހެދުމުގެ ވާހަކައެވެ. މި ވާހަކަ ވާހަކަޔަކީ އިންޑިޔާގެ ގާނޫނުއަސާސީއާވެސް ދެކޮޅު ވާހަކަތަކެކެވެ. އިންޑިޔާއަކީ ރަސްމީގޮތުން ސެކިއުލަރ ގައުމެކެވެ. އެކަންވެސް މިފަހަރު ނިމުމަކަށް ގެންނަން އެތިބީ ފޫގަޅައިގެންނެވެ.

މީގެ ތަންކޮޅެއް ކުރީގައި މޯދީގެ ބީޖޭޕީއަށް މުސްލިމުންގެ ތެރެއިންވެސް ބައެއް މީހުން ވޯޓުދެއެވެ. ދީފައިވެއެވެ. އެކަމަކު އެއީ ނިސްބަތުން މަދު ބައެކެވެ. މިހާރު އެމީހުންވެސް ތިބީ ބީޖޭޕީއާ ދެކޮޅަށެވެ. ގާތްގަޑަކަށް ހަމަ ހުރިހާ މުސްލިމުންނެވެ. އެމީހުންގެ ވޯޓު ހޯދުމަށް އިދިކޮޅު ޕާޓީތައް ބޭނުންވެއެވެ. މުސްލިމުންގެ ތެރެއިން ބައެއް ލީޑަރުން އިލްތިމާސް އެބަކުރައްވައެވެ. އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުމަކީ ޖިހާދެކެވެ. ލަފުޒީމާނައިގައެވެ. އެހެންވީމާ އެންމެން ނުކުމެ މިފަހަރު ބީޖޭޕީއާ ދެކޮޅަށް ވޯޓުދޭށެވެ. އެގޮތަށް ވޯޓުދިނުމަކީވެސް ޖިހާދެކެވެ. "ޖިހާދު" މިލަފުޒު ބޭނުންކުރި ކަމަށްޓަކައި މޯދީއާއި އޭނާގެ ބައިވެރިންވަނީ ކުރިއަށްވުރެވެސް ބޮޑަށް ނަފުރަތުގެ އަލިފާންގަޑު ބޮޑުކޮށްފައެވެ. މޯދީގެ އަމިއްލަ ސްޓޭޓްކަމަށްވާ ގުޖަރާތުގައި ވާހަކަ ދައްކަވަމުން މިހަފުތާގައި އޭނާ ވިދާޅުވިއެވެ. ޖިހާދޭ ހެއްޔެވެ. އެއީ ކޮންއެއްޗެއްކަން އަހަރެމެން ދަންނަމެވެ.

އަދިވެސް މޯދީ އިންޒާރު ދެއްވިއެވެ. ޖިހާދު ކުރާށެވެ. އެކުރަނީ ކޮންބަޔަކާ ދެކޮޅަށްކަން އަހަރެމެން ދަންނަމެވެ. އެންމެހައި ހިންދޫންވެސް ދަނެއެވެ. ތިޔަ ޖިހާދެއް ނިމޭއިރު ފުނޑި ހަލާކުވެ ނިކަމެތިވެގެންދަނީ ކޮންބައެއްކަން ބަލަންތިބޭށެވެ. އަހަރެމެންވެސް މިކުރަނީ ހަނގުރާމައެކެވެ. ދޫދިނުމެއް، ފަހަތަށް ބަލައިލުމެއް ނެތެވެ. މިހިސާބުން މޯދީ އަދި ނިންމައިލެއްވީއެއް ނޫނެވެ. މުސްލިމުންނަކީ ބޭރުން އަރައިތިބި ލުޓޭރުންކަމަށްވެސް ސިފަކުރެއްވިއެވެ. އެއީ ވެވުނުގޮތަކުން ފައްސައިލަންޖެހޭ ބައެއްކަމަށްވެސް ވިދާޅުވިއެވެ. މުސްލިމުންގެ އަމާޒަކީ ވީހާވެސް ގިނައިން ދަރިން ހޯދައިގެން ހިންދޫންނަށްވުރެ ބައިގިނަކޮށް އިންޑިޔާގެ ކޮންޓްރޯލް ނަގަންކަމަށްވެސް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ. މިޒާތުގެ އަލިފާން އަންދައި އިންޑިޔާގެ ގާނޫނުއަސާސީއަށް ފައިންއެރިޔަސް އިލެކްޝަން ކޮމިޝަނުން އަޅާ ފިޔަވަޅެއް، ކުރާކަމެއް ނެތެވެ. ކިތަންމެ ވަރަކަށް ރައްޔިތުން ޝަކުވާކުރިކަމަށްވިޔަސްމެއެވެ.