ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މަދީނާއަށް ވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން މިއަދު ވަނީ އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިޚް މުހައްމަދު ލަތީފާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒާއި ރައީސް އޮފީހުގެ ދެ މިނިސްޓަރުން ކަމަށްވާ އަލީ އާރިފް އަދި އަބްދުﷲ ނާސިރު ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް އޮފީހުން މިއަދު ބުނީ، އެ ދަތުރުފުޅަކީ މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ މެހެމާންދާރީގައި ކުރައްވާ އުމްރާ ދަތުރުފުޅެއް ކަމަށެވެ. އަދި އެ ދަތުރުފުޅު ކުރައްވަނީ ސައޫދީ ސަރުކާރުން ފޮނުއްވި ހާއްސަ މަތިންދާ ބޯޓެއްގައި ކަމަށްވެސް ބުންޏެވެ.
ރައީސް މުއިއްޒު ސައުދީއަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެންމެ ކުރީ ސަފުގައި ހުންނެވީ މަދީނާގެ ގަވަރުނަރު، ސާހިބުއްސުމުއްވުލް މަލަކީ އަލްއަމީރް ސަލްމާން ބިން ސުލްތާން ބިން އަބްދުލްއަޒީޒް އާލް ސުއޫދެވެ.
ސައުދީގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރައީސް މުއިއްޒުގެ ދެކަނބަލުން މިއަދު ވަނީ ކީރިތި ރަސޫލާގެ މިސްކިތްޕުޅަށް ޒިޔާރަތްކުރައްވައި އެ މިސްކިތުގައި ނަމާދުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު