މި އަހަރުގެ ހޮޓެލް އޭޝިއާ 2024 އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖްގެ ޑިޖިޓަލް ޕާނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ހޮޓެލް އޭޝިއާއަކީ ރާއްޖޭގައި އިންތިޒާމްކޮށްގެން ބާއްވާ އެންމެ ފާހަގަކޮށްލެވޭ ފުޑް އެންޑް ހޮސްޕިޓާލިޓީ ޓްރޭޑް ޝޯއެވެ.

މިއަހަރު ބާއްވާ ހޮޓެލް އޭޝިއާގެ 18ވަނަ އެޑިޝަންގެ ހަރަކާތްތައް ކުރިޔަށްގެންދަން ނިިންމާފައިވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހަށް، ދަރުބާރުގެ އަދި އުސްފަސްގަނޑު ސަރަހައްދުގައެވެ.

އެ އިވެންޓްގެ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު ކުރިއަށްގެންދަން ނިންމާފައިވަނީ އަންނަ ހޯމައިން ބުދަ ދުވަހުގެ ނިޔަލަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައެވެ.

ދިރާގުން ބުނީ މިއަހަރުގެ އެގްޒިބިޝަންގައި ރާއްޖެ އަދި ރާއްޖެއިން ބޭރުން 100 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެ، އެފަރާތްތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލާނެ ކަމަށެވެ. އަދި އާ އުފެއްދުންތައް ލޯންޗުކުރުމާއި ދައްކާލުމާ އެކި ވޯކްޝޮޕް ހަރަކާތްތައްވެސް އެގްޒިބިޝަންގެ ތެރެއިން ވަކި އިވެންޓްތަކުގެ ގޮތުގައި ކުރިއަށްދާނެ ކަމަށްވެސް ދިރާގުން ބުންޏެވެ.

މިފަހަރުގެ ކަލިނަރީ މުބާރާތްތަކުގައި ފާހަގަކޮށްލެވޭ ޖަޖިން ޕެނަލަކާ އެކު 25 ކެޓަގަރީއަކުން 600 އަށް ވުރެ ގިނަ ދިވެހި އަދި ބައިނަލްއަގުވާމީ ކަލިނަރީ އިންޑަސްޓްރީގެ ފަންނުވެރިން ބައިވެރިވާނެއެވެ. އަދި އެ އިވެންޓްގެ ސަބަބުން އެފަރާތްތަކުގެ ހުނަރުތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބުމުގެ އިތުރުން ސަރަހައްދީ ކަލިނަރީ ކޮމިއުނިޓީ ތެރޭގައި ނެޓްވޯކްކުރުމުގެ ފުރުސަތުވެސް ފަހިވެގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބާއްވާ އެފަދަ ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެއްބާރުލުންދީ އެހީތެރިވުމަށް ކަމަށްވެސް އެކުންފުނިން ބުންޏެވެ.