ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާއަށް ފައްޓަވާ ދަތުރުފުޅުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރުއާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ޒަމީރު އިންޑިއާއަށް ވަޑައިގަންނަވަނީ މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ. ދަތުރު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހުއެވެ.

ފޮރިން މިނިސްޓްރީން މިއަދު "ވަން" އަށް ބުނީ، މިނިސްޓަރު ޒަމީރު އިންޑިޔާއަށް ފުރާވަޑައިގަންނަވާނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ.

މިނިސްޓްރީން ބުނީ މި ދަތުރުފުޅުގައި މިނިސްޓަރު ޒަމީރާއި ޖައިޝަންކަރު ބައްދަލުކުރައްވާނެ ކަމަށެވެ. އަދި ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް ފުޅާކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ބުންޏެވެ.

މިއީ މި ސަރުކާރުގެ އިސް ބޭފުޅަކު އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ސަރުކާރު އައުމަށް ފަހު ރާއްޖެ-އިންޑިއާ ގުޅުން ވަނީ ގޯސްވެފައެވެ. އަދި ދެ ގައުމުގެ ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައި ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވަނީ އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ނިސްބަތްކޮށް ބަދުބަސް ބުނުމުން މަސްލަހަތު އިތުރަށް ވަނީ ގޯސްވެފައެވެ.