ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން، ހުޅުމާލެ ފްލެޓް/ ހަސަން ޒަރީރު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީން ފާސްކޮށްފިއެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވިއެވެ.

ރައީސް މުއިއްްޒު އިސްކަންދެއްވާ ތަރުތީބުން މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި ދެ ބޭފުޅުންގެ ތެރެއިން ލިސްޓުގެ ކުރީގައި ހިމެނިވަޑައިގަންނަވަނީ ގއ. ވިލިނގިލި/ ވައިޖެހޭގެ، ޔަޒީދު މުހައްމަދުގެ ނަމެވެ. ޒަރީރުގެ ނަން ހިމަނުއްވާފައި ވަނީ ދެވަނައަށެވެ.

ޔަޒީދަކީ މީގެ ކުރިންވެސް ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. ހަސަން ޒަރީރު ވަނީ ޑެޕިއުޓީގެ މަގާމު އަދާކުރައްވައިފައެވެ.

އިގުތިސޯދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މި ދެ ބޭފުޅުންނާ ކޮމިޓީން އިންޓަވިއު ކުރުމަށްފަހު، އެ ބޭފުޅުންނަށް ކޮމިޓީން ރުހުންދޭން ފެންނަ ކަމަށް ނެގި ވޯޓުގައި މި މަގާމަށް ޔަޒީދު އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ހަތަރު މެންބަރުންނެވެ. ނަމަވެސް ޒަރީރަށް ރުހުންދޭން ފާސްކުރީ 10 މެންބަރުންގެ ވޯޓުންނެވެ.

ޒަރީރު މިހާރުވެސް ހުންނެވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑައިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމުގައެވެ.