ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި ބޮޑެތި ޖަރީމާތަކެއް ހިންގަމުންގެންދާ އިޒްރޭލްގެ ރަހުމް ކުޑަ ސިފައިން ގާޒާ ރަފާ އަށް އެރުން ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސްކޮށްފިއެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް، ހޯރަފުށީ ދާިއރާގެ މެންބަރު އަހުމަދު ސަލީމެވެ.
އެ ކުއްލި މައްސަލައިގައި ވަނީ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރޭލުން ހިންގަމުންދާ ޖަރިމާތައް އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އަދި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިޔަން ބައެއްގެ އާދޭސްތަކަށް ބެލުމެއްނެތި އިޒްރޭލް ސިފައިން ގާޒާ ސިޓީގެ ދެކުނުގައި އޮންނަ ރަފާ އަށް އެއްވެސް ހަމައެއް ލަމައެއްނެތި އަރަން ތައްޔާރުވަމުންދާ ކަަމަށެވެ.
އެކަމަކީ މުޅި ދުނިޔެ އިންތިހާއަށް ކަންބޮޑުވާ އެތައް ކަމެއް އުލެވިފައިވާ އަދި އެކަމުގެ ސަބަބުން ރަފާގައި މިހާރުވެސް ނިކަމެތި ހާލުގައި ދިރި އުޅެމުންދާ އެތައް ސަތޭކަ ހާސް ފަލަސްތީނު ރައްޔިތުން، އިންތިހާ ނުރައްކަލުގެ ތެރެއަށް ވެއްޓޭނެ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
މިއުދުވާނުގެ ސަބަބުން ރަފާގައި ގަތުލުއާއްމެއް ހިންގާފާނެކަމުގެ ބިރު އުފެދިފައިވުމާ އެކު، އިޒްރޭލުން ހިންގަން އުޅޭ ޖަރީމާއަށް، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ކަނޑައެޅިގެން ދެކޮޅު ހަދާ ކަމެއްކަން ހާމަކޮށް، އިޒްރޭލް ސިފައިން ރަފާއަށް އެރުން ހުއްޓުވުމަށް ރާއްޖޭގެ ފެންވަރުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށްވެސް މި ގަރާރުގައިވެއެވެ.
މި ގަރާރު މަޖިލީހަށް ބަލައިގަނެ، ވަނީ ބަހުސް ކުރިއަށް ގެންގޮސްފައެވެ.
ބަހުސްގައި ވާހަކަ ދެއްކި ހުރިހާ މެންބަރުން ވަނީ ވަރަށް ބޮޑަށް އިޒްރޭލް ކުށްވެރި ކޮށްފައެވެ. ބައެއް މެންބަރުން ވަނީ އިޒްރޭލާ ދެކޮޅަށް ރާއްޖެއަށް އެޅެން ހުރީ ކޮން ފިޔަވަޅުތަކެއްތޯ އިތުރަށް ބަލައި އެކަން ކަން ކުރުމަށް ސަރުކާރަށް ގޮވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު