ރައީސް އޮފީހުން ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމަށް ވީޑިއޯ ސުވާލު ފޮނުވޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހީނާ ވިދާޅުވީ ވީޑިއޯ ސުވާލު އެ ޕްރޮގްރާމަށް ފޮނުވޭނެ އިންތިޒާމު ހަމަޖައްސަނީ ކޮންމެ މީހަކަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސުވާލު ފޮނުވޭނެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

"ހަމަހަމަ ފުރުސަތުތައް ހުރިހާ ފަރާތްތަކަށްވެސް ހޯދައިދިނުމުގެ ގޮތުން، އަދި ހަމައެއާ އެކީގައި ވީހާވެސް ގިނަ ފަރާތްތަކަށް ރައީސުލްޖުމުހޫރިއްޔާއާ ސުވާލުކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ، ސުވާލުތައް ވީޑިއޯ މެދުވެރިކޮށް ރައީސުލްޖުމުހޫރިއްޔާގެ އޮފީހަށް ކޮންމެ ބޭފުޅަކަށް ފޮނުވޭނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި،" ހީނާ ވިދާޅުވިއެވެ.

"ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން ރައީސްއާ ސުވާލުކުރުމުގެ ފުރުސަތު މިހާރު ލިބެނީ ރައީސް އޮފީހުގެ މުވައްޒަފުން މަގުމައްޗަށް ނުކުމެ ސުވާލު ކުރާ ފަރާތްތަކަށާއި ރައީސް ވަޑައިގަންނަވާ ރަށްރަށުން ދިމާވާ ފަރާތްތަކަށް އެކަންޏެވެ.

"ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ އިތުރުން ސަރުކާރުން ދަނީ "އަހާ" ނަމުގައި ރައްޔިތުންނަށް މިނިސްޓަރުންނަށާއި ރައީސްއާ ސުވާލުކުރެވޭނެ ޕްރޮގްރާމެއް ވެސް ބާއްވަމުންނެވެ. "އަހާ" ދެ ޕްރޮގްރާމެއްގައި މިނިސްޓަރުން ބައިވެރިވެވަޑައިގެން، ރައްޔިތުންގެ ސުވާލުތަކަށް ވަނީ ޖަވާބު ދެއްވައިފައެވެ. އެ ޕްރޮގްރާމުގައި ރައީސް އަދި ބައިވެރިވެވަޑައިގެންފައިވަނީ އެއް ފަހަރުއެވެ.