ދެހާސް ބާވީސް ވަނަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ އައިއީޑީއެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށްފަހު، ރައްޔިތުންގެ މަޖިލީހުން އެކުލަވާލާފައިވާ ރިޕޯޓްގައި ހިމެނޭ ރެކޮމެންޑޭޝަންތަކަށް ފުރިހަމައަށް އަމަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ސަރުކާރަށް ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ މައްސަލަ ބަލައި، އެ ކަމާބެހޭ ރިޕޯޓު އެކުލަވައިލީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިންނެވެ.
އެ ކޮމިޓީން އެކުލަވައިލި އިންކުއަރީ ރިޕޯޓުގައި 45 ރެކޮމެންޑޭޝަނެއް ހިމަނާފައިވެއެވެ.
އޭގެ ތެރޭގައި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ދީފައިވާ 29 ރެކޮމެންޑޭޝަނަކާއި ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ 10 ރިކޮމެންޑޭޝަނަކާއި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ ހަ ރެކޮމެންޑޭޝަން ހިމެނެއެވެ.
މަހެއްހާ ދުވަހުގެ މަސައްކަތުން ނިންމާލި އެ ރިޕޯޓުން އާންމު ކޮށްފައިވަނީ 271 ސޮފުހާއެވެ. އެ ރިޕޯޓުގައި ބޮޑެތި ތުހުމަތުތަކަކާއި ނަޝީދަށް ސެކިއުރިޓީ ދިނުމުގައި ބޮޑެތި އިހުމާލުތަކެއް ހުރި ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި އޭރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ފުރިހަމައަށް މަސްއޫލިއްޔަތު އަދާކުރައްވާފައި ނުވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަަދުގެ ޖަލްސާ ފައްޓަވަމުން، މެއި ހައެއްގެ ހަމަލާއަށް މިއަދަށް ތިން އަހަރު ފުރިފައިވާކަން ފާހަގަ ކުރައްވައި އަސްލަމް ވިދާޅުވީ، އެ ހަމަލާއާ ބެހޭގޮތުން މަޖިލީހުން ތައްޔާރުކޮށް އާއްމު ކޮށްފައިވާ އިންކުއަރީ ރިޕޯޓްގައި ހިމަނާފައިވާ ރެކޮމެންޑޭޝަންތަކަށް ވީހާވެސް އަވަހަކަށް، ފުރިހަމައަށް އަމަލު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އަދި ރާއްޖޭން ހަރުކަށި ފިކުރާއި އަނިޔާވެރިކަން އެއްކޮށް ނެތިގެން ދިއުން އެދެން، މިހަމަލާއާ ގުޅޭގޮތުން ތަހުގީގުތައް އަވަސްކޮށް ޝަރީއަތްތައް ނިމިގެންދިއުމަކީ މުހިއްމުވެފައި ބޭނުންތެރި ކަމެއް ކަމަށްވެސް ދެކެން،"
ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެން ހައެއް މެއި 2021 ވަނަ އަހަރުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާދީފައި ވަނީ، އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވާފައި ވަޑައިގަންނަވަނިކޮށެވެ. މި ހާދިސާގައި އެމަނިކުފާނުގެ ހަށިކޮޅަށް ރޭޒާ ފުއްތަކެއް އަރައި، ލިބިވަޑައިގެންނެވި ސީރިއަސް އަނިޔާތަކަށް ވަނީ ރާއްޖޭންނާއި ރާއްޖޭން ބޭރުން ފަރުވާ ހޯއްދަވައިފައެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން މެއި ހައެއްގެ ބޮމުގެ ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ކުށް ސާބިތުވެ، އަހުމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މީގެ އިތުރުން ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވެއެވެ. އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް ހައްޔަރުކުރި ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ބޮމުގެ ހަމަލާއާ ގުޅިގެން އިތުރު ބައެއްގެ މައްޗަށް ވެސް ދަނީ ދައުވާކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު