ފުލުހުންގެ މުއައްސަސާގެ ބޭނުމަށް ބިދޭސީން ގެނެސްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

ފުލުހުން މިއަދު ވަނީ ރާއްޖެއިން ބޭރުން ބިދޭސީން ގެނައުމާއި ބިދޭސީންނާ ގުޅޭ ގޮތުން ސަރުކާރު އިދާރާތަކުން ކުރަންޖެހޭ އެންމެހައި ކަންކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ އެ މަސައްކަތަށްް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި އެކަން އިއުލާންކޮށްފައެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުން، ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ދުވަހަކީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހު ދޭއް ޖެހުމާ ހަމައަށެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދީފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

އިއުލާނުގައި އިތުރަށް ބުނީ، އެ ޕްރޮޖެކްޓާ ގުޅިގެން ޕްރީބިޑް ބައްދަލުވުން ނޯންނާނެ ކަމަށެވެ.

ފުލުހުންގެ ބޭނުމަށް ބިދޭސީން ގެންނާނެ ފަރާތެއް ހޯދުމަށް އެ މުއައްސާސަ އިން އިއުލާންކުރިއިރު މިދިޔަ ހަފުތާގައި ބޭއްވި "އަހާ ފޯރަމް" ގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ދިވެހި ރައްޔިތުން ވަޒީފާއަށް ނެގޭނެ ތަނެއްގައި ބިދޭސީން ގެންގުޅުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

"ވަކިން ހާއްސަކޮށް ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ހިދުމަތް ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި އެއްވެސް ހާލެއްގައި ބިދޭސީއަކު ހުރުމަކީ އެއީ އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން" އިހުސާން ވިދާޅުވެފައިވެއެވެ.