އަރަމުން އަންނަ ޒުވާން އަންހެން އެތުލީޓް މަރިޔަމް ރޫޔާ އަލީ، ރާއްޖޭގެ އަންހެނުންގެ 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލައިފިއެވެ.

ރޫޔާ މިއަދު ރެކޯޑު މުގުރާލީ، އޭނާ ތަމްރީނު ހަދަމުންދާ ޖެމެއިކާގައި ބޭއްވި ޖޭއޭއޭއޭ އޯލް ކަމާސް މީޓްގައި ވާދަކޮށްގެންނެވެ. ރޫޔާ އިއްޔެ 100 މީޓަރުގެ ރޭސް ނިންމީ 12.02 ސިކުންތުންނެވެ. އެއީ މީގެ ކުރިން ރެކޯޑު އޮތް އައިޝަތު ހިމްނާ ހަސަންގެ ރެކޯޑަށްވުރެ، 15 ވަރަކަށް މިލި ސިކުންތު އަވަސް ޓައިމިންއެކެވެ.

ހިމްނާ 100 މީޓަރު ރެކޯޑު މުގުރާލީ 2022 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައެވެ. އެއީ އެފަހަރު ބާމިންހަމްގައި ކުރިއަށް ދިޔަ 100 މީޓަރު އެތުލެޓިކްސްގެ އެއްވަނަ ބުރުގެ ހީޓް އެކެއްގައި 12.17 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އެފަހަރު ހިމްނާ ރެކޯޑު މުގުރާލީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ދުވުންތެރިޔާ ސަމްހާ އަހުމަދު އަތުގައި އޮތް ރެކޯޑެކެވެ. ހިމްނާގެ ކުރިން ސަމްހާ ރެކޯޑު ހަދާފައި އޮތީ މީގެ 21 އަހަރު ކުރިން ކެނެޑާގެ އެޑްމޮންޓަންގައި 2001 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގައި ވާދަކޮށްގެންނެވެ. ސަމްހާ ރޭސް ނިންމާފައި އޮތީ 12.27 ސިކުންތުންނެވެ.