ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު، އެންމެ ކާމިޔާބު އެއް ދުވުންތެރިޔާ ސަމްހާ އަހުމަދު، އަންހެނުން 5000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އަނެއްކާވެސް އާކޮށްފިއެވެ.

ސަމްހާ މިފަހަރު ރެކޯޑު އާކުރީ ޖަރުމަންގެ ވަސެންބަގްގައި އިއްޔެ ކުރިޔަށްދިޔަ ލޯންގް ޑިސްޓެންސް ޗެމްޕިއަންޝިޕްގައި ވާދަކޮށްގެންނެވެ. ސަމްހާ އިއްޔެ އާކުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހު، ޖަރުމަނުގެ ގްރޭ ފާތުގެ ރެއިލްވޭ އޯޕަންގައި ވާދަކޮށް އޭނާ ހަދާފައިވާ ރެކޯޑެވެ. އެހެންކަމުން ސަމްހާ ރެކޯޑު އާ ކުރީ މަހެއްވެސް ނުވަނީހެވެ.

ސަމްހާ، 5000 މީޓަރުގެ ރޭސް، އިއްޔެ ނިންމި ޓައިމިންއަކީ 19 މިނެޓް، 41.86 ސިކުންތެވެ. އޭގެ ކުރިން އޭނާ އަތުގައި ރެކޯޑު އޮތީ 19 މިނެޓް، 42.45 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެހެންކަމުން ސިކުންތުކޮޅެއްގެ ތަފާތުން ސަމްހާ ވަނީ އަނެއްކާވެސް ކުރިއެރުން ހޯދައިފައެވެ.

އުމުރުން 42 އަހަރުގެ ސަމްހާ އިއްޔެގެ ރޭހުގައި ވާދަކުރީ 40 އަހަރުން މަތީ ކެޓަގަރީގައެވެ. އެ ކެޓަގަރީން ސަމްހާ އިއްޔެ ވަނީ ތިންވަނަ ހޯދައިފައެވެ. އެހެންކަމުން އިއްޔެގެ ރޭހުން ސަމްހާއަށް ލިބިފައިވަނީ ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

ސަމްހާއަކީ މިހާރު ގައުމީ އަންހެން މެރަތަން އާއި ހާފް މެރަތަންގެ ރެކޯޑުވެސް އޮންނަ ދުވުންތެރިޔާއެވެ. ކުރިން ކުރު ރާސްތާ ދުވުންތަކުގައު ފާހަގަވި ސަމްހާ ދިގު ރާސްތާ ދުވުމަށް މިސްރާބު ބަދަލުކޮށް، ތަމްރީނު ވަމުންދަނީ ކޯޗު ނަސްރުﷲ އަހުމަދުގެ އިރުޝާދުގެ ދަށުންނެވެ.