މިއަދު އޮތް ހަ ކައުންސިލެއްގެ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުން ހަތަރު ގޮނޑި ކާމިޔާބުކޮށްފިއެވެ.

މިއަދު އޮތީ މ. މަޑުއްވަރީ ކައުންސިލުގެ ރައީސާއި ހއ. އުތީމާއި ނ. ލަންދޫ އާއި ނ. ވެލިދޫ ކައުންސިލުގެ މެންބަރު އަދި ހއ. ތަކަންދޫ އާއި ރ. އިންނަމާދޫ ކައުންސިލުގެ އަންހެން މެންބަރު އިންތިހާބު ކުރުމެވެ.

އޭގެ ތެރެއިން ހއ. އުތީމާއި ތަކަންދޫ އަދި އިންނަމާދޫ އާއި ވެލިދޫ ގޮނޑި ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. ލަންދޫގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓު ކާމިޔާބުކުރި އިރު، ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ވަނީ މަޑުއްވަރީގެ ރައީސްކަމުގެ ގޮނޑި ކާމިޔާބުކޮށްފައެވެ.

އުތީމު ކައުންސިލް މެންބަރު ކަމަށް ހޮވުނު ޕީއެންސީގެ ކެންޑިޑޭޓު އިބްރާހިމް ސުނާނަށް 204 ލިބުނު އިރު، އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ 199 ވޯޓެވެ.

ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް ހޮވުނު ޕީއެންސީގެ ސަމީނާ މުހައްމަދަށް 207 ވޯޓު ލިބުނު އިރު، އެމްޑީޕީގެ ކެންޑިޑޭޓް ރަހްމާ އަބްދުﷲ އަށް ލިބުނީ 174 ވޯޓެވެ.

އެންމެ ބޮޑު ތަފާތަކުން އިންތިހާބުވީ، ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް އިންތިހާބުވި ޕީއެންސީގެ އައިޝަތު ސަމާހާއެވެ. އޭނާއަށް 243 ވޯޓު ލިބުނު އިރު، އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ސަމްހާއަށް ލިބުނީ 78 ވޯޓެވެ.

ލަންދޫ ކައުންސިލްގެ މެންބަރުކަމަށް 303 ވޯޓުން އިންތިހާބުވީ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ އާރިފެވެ. އޭނާއާ ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު ސުޖާއުއަށް ލިބުނީ 271 ވޯޓެވެ.

ވެލިދޫ ކައުންސިލްގެ ގޮނޑި ޕީއެންސީގެ އަބްދުﷲ އަބްދުއްރައްޒާގު ކާމިޔާބުކުރީ 549 ވޯޓުންނެވެ. އޭނާއާ ވާދަކުރި އެމްޑީޕީގެ އާމިނަތު ޝިފްޒާއަށް ލިބުނީ 449 ވޯޓެވެ.

މަޑުއްވަރީ ކައުންސިލްގެ ރައީސްކަމުގެ ގޮނޑި ކާމިޔާބުކުރި ދަ ޑިމޮކްރެޓްސްގެ މުހައްމަދު އާޒިމަށް ލިބުނީ 194 ވޯޓެވެ. އޭނާއާ ވާދަކުރި ޕީއެންސީގެ އަބްދުﷲ އަލީއަށް ލިބުނީ 144 ވޯޓެވެ. މިއީ އިންތިހާބެއްގައި ޑިމޮކްރެޓްސްއަށް ލިބުނު ފުރަތަމަ ކާމިޔާބީއެވެ.

މިދިޔަ މަހުގެ 21 ގައި ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް ގިނަ ގޮނޑިތައް ކާމިޔާބު ކުރީ ވެރިކަން ހިންގާ ޕީއެންސީންނެވެ. އެގޮތުން ޕީއެންސީ އަދި ސަރުކާރު ކޯލިޝަން ޕާޓީތަކުން މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 76 ގޮނޑި ކާމިޔާބު ކުރިއެވެ. އެމްޑީޕީން 12 ގޮނޑި ކާމިޔާބުކުރި އިރު، ޑިމޮކްރެޓްސްއަށް އެއްވެސް ގޮނޑިއެއް ކާމިޔާބެއް ނުކުރެވެއެވެ.