ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް (ސީބީއެމް) އިން މިއަހަރަށް 12 މުބާރާތް ބާއްވަން ތާވަލުކޮށް، ހަ މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ.

ކްރިކެޓް ބޯޑުގެ މިއަހަރު އަހަރީ އާންމު ޖަލްސާ މިމަހުގެ ދެވަނަ ދުވަހު ބާއްވާފައިވަނީ އެމްއެންއައިއެސް ހޯލުގައެވެ. އާންމު ޖަލްސާގައި ވޭތުވެދިޔަ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އާންމު މެމްބަރުންނާ ހިއްސާކޮށް، މިއަހަރުގެ ކްރިކެޓް އިވެންޓްތައް އަދި މުބާރާތްތަކުގެ ކަލަންޑަރުވެސް އާންމު ކޮށްފައިވެއެވެ. އޭގެ އިތުރުން މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓާއި މިއަހަރުގެ ބަޖެޓްވެސް ފާސްކޮށްފައިވެއެވެ.

ސީބީއެމް އިން 2024 ވަނަ އަހަރު ސީނިއާ އަންހެން އަދި ފިރިހެން ޓީމުތަކަށް ޖުމުލަ 12 މުބާރާތެއް ބާއްވަން ނިންމާފައިވެއެވެ. އަދި އެއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖޫނިއާ މުބާރާތްތަކާއި، ކްރިކެޓް ކުރިއެރުވުމުގެ އިވެންޓްތައްވެސް ބާއްވަން ކްރިކެޓް ބޯޑުން ވަނީ ނިންމައިފައެވެ. އެގޮތުން މާލޭގެ އިތުރުން ފުވައްމުލަކު ސިޓީ އަދި ލ. ކުނަހަންދޫގައިވެސް ޖޫނިއާ ކުޅުންތެރިންގެ އިވެންޓްތައް ހިންގަން ތާވަލުކޮށް، މިއަހަރަށް ކަނޑައަޅާފައިވަނީ 6،083،440 (ހަ މިލިއަން) ރުފިޔާގެ ބަޖެޓެކެވެ.

ކްރިކެޓްގެ އާންމު ޖަލްސާގައި އާންމު މެމްބަރުންނާ ވާހަކަދައްކަވަމުން ރައީސް މުހައްމަދު ފައިސަލް ވަނީ މިދިޔަ އަހަރުގެ ކާމިޔާބީތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖޭގެ ޒުވާން ދެ ޓީމެއް އެއް ވަގުތެއްގައި ބޭރުގެ މުބާރަތްތަކަށް ގޮސް ކުޅެފައި ވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށްވެސް ފައިސަލް ފާހަގަކުރެއްވިއެވެ. މިދިޔަ އަހަރު 16 އަހަރުން ދަށުގެ ޓީމާއި 19 އަހަރުން ދަށުގެ ޓީމުން ވަނީ އެއް ވަގުތެއްގައި ރާއްޖެއިން ބޭރުގައި ރާއްޖެ ތަމްސީލު ކޮށްފައެވެ.

އޭގެ އިތުރުން އާންމު ޖަލްސާގައި ރައީސް ފައިސަލް ވަނީ ކްރިކެޓް ކުރިއެރުވުމަށް އާންމު މެމްބަރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފައެވެ.