މި އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ 2024 އަށްދާ ޓީމުތަކުގެ ސްކޮޑުގައި ޖެހޭ ކުޅުންތެރިންގެ އަދަދު 26 އަށް އިތުރުކުރަން ނިންމައިފިއެވެ.

ޔޫރޯގެ ތައްޔާރީތަކަށް ޔޫއެފާ އިން ވަނީ ޔޫރޯއަށް ދާ ޓީމުތަކުގެ ކޯޗުންނާއި ޓެކްނިކަލް ޓީމުތަކާއެކު މިދިޔަ މަހު މަޝްވަރާކޮށްފައެވެ. ކޯޗުންނާ މަޝްވަރާކުރުމަށް ޖަރުމަނުގެ ޑުސެލްފޯޑުގައި ބޭއްވި ބައްދަލުވުމުގައި ޔޫއެފާ އިން ވަނީ ސްކޮޑު ސައިޒް އިތުރުކުރުމަށް މަޝްވަރާކޮށްފައެވެ. އެ ހިޔާލަކީ ގައުމުތަކުގެ ޓެކްނިކަލް ޓީމުތަކުން ހުށަހަޅާފައިވާ ހިޔާލެކެވެ.

އެ ހިޔާލަށް ޔޫއެފާ އެކްސްކޯ ބައްދަލުވުމުގައި މިދިޔަ ހުކުރު ދުވަހު ވޯޓް ނަގާފައިވާ އިރު، އެ ނިންމުން ވަނީ ރަސްމީކޮށް ފާސްކޮށްފައެވެ.

އެންމެފަހުން ބޭއްވި ޔޫރޯ 2020 ވަނަ މުބާރާތާ ހަމައަށް، ޔޫރޯއަށް ދާ ޓީމުތަކަށް ޓީމު ސްކޮޑުގައި ހިމެނެނީ 23 ކުޅުންތެރިންނެވެ. 2021 ވަނަ އަހަރު ބޭއްވި، ޔޫރޯ 2020ގެ ދުވަސްވަރަކީ ކޮވިޑް 19ގެ ދުވަސްވަރު ކަމަށްވުމުން، އެ ފަހަރު ޔޫއޭފާ އިން ވަނީ މުބާރާތުގެ ސްކޮޑުގައި 26 ކުޅުންތެރިން ހިމަނަން ފުރުސަތު ދީފައެވެ. ނަމަވެސް އެ ފަހަރުވެސް މެޗު ސްކޮޑުގައި ހިމެނެނީ 23 ކުޅުންތެރިންނެވެ. 26 ކުޅުންތެރިން ސްކޮޑުގައި ހިމަނަން އެ ފަހަރު ފުރުސަތު ދިނީ ކޮވިޑުގެ ހާލަތެއްގައި ބަދަލުކުރެވޭނެ ފުރުސަތެއް ހޯދައި ދިނުމަށެވެ.

އޭގެ ފަހުން ގަތަރުގައި ބޭއްވި ވޯލްޑް ކަޕް 2022 ގައިވެސް 26 ކުޅުންތެރިން މުބާރާތު ސްކޮޑުގައި ޖަހަން ފުރުސަތު ދިނެވެ. އެއީ ސީޒަން ތެރެއިން ވޯލްޑް ކަޕް އޮތުމުންނެވެ.

މިހާރު ޔޫއެފާ އިން ނިންމި ނިންމުމާއެކު، މަދުވެގެން 23 ކުޅުންތެރިންގެ ސްކޮޑެއް ޖޫން ހަތްވަނަ ދުވަހުގެ ކުރިން ޔޫރޯއަށް ގައުމުތަކުން ހުށަހަޅަންޖެހެއެވެ. 26 ކުޅުންތެރިންގެ ސްކޮޑު ހުށަހެޅުމަކީ އެ ގައުމުތަކަށް ދީފައިވާ އިހުތިޔާރެކެވެ.

އެންމެފަހުން ބޭއްވި ޔޫރޯގެ ޗެމްޕިއަން ޓީމަކީ އިޓަލީއެވެ. އެފަހަރު އިޓަލީން ފައިނަލުގައި އިންގްލެންޑް ބަލިކުރީ ވެމްބަލީ ދަނޑުގައެވެ.