(26 އޭޕްރީލްގެ އަދަދާ ގުޅޭ)

"محـمّــد (صـلّـــــى اللّــــه عــلـيــــه وسـلّـــــم) ބަޔަކުމީހުން ގޮވައިގެން ހަނގުރާމަޔަކަށްގޮސް ހަނގުރާމައިގައި ކާމިޔާބު ލިބުމުން އަމިއްލަޔަށް އޭނާގެ ބައިވެރީން ޤަތުލުކޮށްފިއޭ ކިޔައިފައި ވާހަކަ ދައްކާނެ ފުރުސަތު ޢަރަބީންނަށް ދޭކަށެއް ބޭނުމެއް ނޫނެވެ." (ތަފްސީރު އިބްނުކަޘީރު)

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޢަމަލީގޮތުން ސާބިތުކޮށްދެއްވީ އިސްލާމީ ތަޙްރީކުގެ ޙަޤީޤީ ބާރަކީ އެ ތަޙްރީކުގެ އަޚްލާޤީ ރޫޙުކަމެވެ. އެ އަޚްލާޤީ ރޫޙުގެ މޫނުބަލާ ލޯގަނޑުގެ ކިތަންމެ ކުޑަތަންކޮޅަކުން ރަހަ ކެނޑިލިކަމުގައިވިޔަސް އެ ތަޙްރީކުގެ ޚާއްޞަ އިމްތިޔާޒީ އަގު ދެމިނުހުންނާނެކަމެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަމިއްލަފުޅު ފުރާނަފުޅު ނުރައްކަލަށް ހުށަހަޅުއްވާން ޤަބޫލުފުޅެވެ. ފިތުނަވެރީންގެ ނުބައިނުލަފާކަމާ ކުރިމަތިލައްވާން ޤަބޫލުފުޅެވެ. އެކަމަކު ޙާލަތުގެ މައްޗަށް ބާރު ފޯރުއްވުމަށްޓަކައި ދައުލަތު ކީރިތިކަމުގެ ފުރަމާނަ ދައްކަވާކަށެއް ޤަބޫލުފުޅެއް ނޫނެވެ. ބަޔެއްގެ ކިބައިން ނުކިއްސަރުކަމެއް ކިރިޔާ ފެނިލާއިރަށް ދައުލަތުގެ އައުދާނަކަމާއި ޤާނޫނުގެ ބާރު ބޭނުންކުރައްވައިގެން އެކަމެއް ޗިސްކޮށްލެއްވުމަކީ ރުހިވަޑައިގަންނަވާ ކަމެއްނޫނެވެ. އިންސާނީ މުޖްތަމަޢެއް އިންތިޒާމުކޮށް އެ މުޖްތަމަޢެއްގެ މައްޗަށް ވެރިކަން ހިންގުމަށްޓަކައި ނުހަނު ބޮޑު ޙިކުމަތްތެރިކަމެއް ބޭނުންވެއެވެ. ވަރަށްގިނަ މަޞްލަޙަތުތަކަކަށް ރިޢާޔަތްކުރާން ޖެހެއެވެ. އިޞްލާޙީ ގިނަގުނަ ތަދުބީރުތަކެއް އެކިފަހަރު އެކިގޮތްގޮތަށް ބޭނުންކުރާން ޖެހެއެވެ. ޚާއްޞަކޮށް އިސްލާމީ އިންޤިލާބުގެ ތަޙްރީކަކީ ޢާންމު ދުނިޔަވީ އިންޤިލާބުތަކަށްވުރެ ތަންފީޒުކުރާން އުނދަގޫ ތަޙްރީކެކެވެ. އެހެނީ އެ ތަޙްރީކުގެ އަޚްލާޤީ ރޫޙު ރައްކައުތެރިކުރުމަކީ އަޅާކޮންމެ ފިޔަވަޅެއްގައިވެސް އެއްފަހަރަށްވުރެ ގިނަފަހަރު އެކަމަށް ވިސްނާންޖެހޭ ކަމެކެވެ. ކުށްހީއެއްގެ ސަބަބުން ނުވަތަ ދެކޮޅުވެރި އަޑުއެރުވުންތަކެއްގެ ސަބަބުން އެ ތަޙްރީކުގެ ސާފު ބިއްލޫރިގަނޑަށް ހިރަފުސްއަރައި ހަޑިވިޔަނުދިނުމަށްޓަކައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ފުރައުއްތަކުރާން ޔަހޫދީން ރޭވި ނުބައި ރޭވުންތަކުގެ ތެރެއިން ހިމެނޭ އެއްކަމަކީ އެމާތް ސާހިބާއަށް ސިހުރުހާހޫރަ ހެދުމެވެ. ހިތްވަރުގަދަ ދުޝްމިނުންނަކީ ކެރިގެން ކުރިމައްޗަށް ނުކުމެ ހަމަދޭވިގެންތިބެ (ސީދާ މޫނާމޫނު ދިމާވާގޮތަށް ކުރިމަތިލައިގެންތިބެ) ޙަމަލަދޭ ބަޔެކެވެ. ނަމަވެސް ޔަހޫދީންނަކީ އެފަދަ ފޮޑެތިކަމެއް (ކެރުންތެރިކަމާއި މުރާލިކަން) ހުންނަ ބަޔެއް ނޫނެވެ. އެހެންކަމުން ދުޝްމިނުކަމުގައިވެސް އެބައިމީހުން މީހުނާ ކުރިމަތިލަނީ ނުބައި ރޭވުންތަކުގެ ސިލޭހަތަކާއިގެންނެވެ. ފިނޑިކަމާއި ކެހިވެރިކަމާ އެކުގައެވެ. އެއުރެން ފަށައިގަންނަނީ މަކަރާއި ހީލަތުގެ ބާބުންނެވެ. އެގޮތުން އެއުރެންގެ އެންމެ އަތްމަތީ އެއްކަމަކީ އިދިކޮޅު ފަރާތަށް ސިހުރުހާހޫރަ ހެދުމެވެ. އެކަމަކީ އޭގެ ޒާތަށް ބަލާއިރު ބޭހިންމަތުގެވެސް އެންމެ ދަށުދަރަޖަޔަށްވުރެވެސް ދަށްފެންވަރުގެ ކަމެކެވެ. އެހެންކަމާއެކުވެސް ޔަހޫދީން ވަނީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް ސިހުރު ހަދައިފައެވެ. އެބައިމީހުންގެ ޙަސަދައިގެ ސަބަބުން ހިތް ރަމަތަނުކުރެވިގެންނެވެ.

ބަނީ ޒަރީޤުގެ މީހެއްކަމުގައިވާ لــبــيــد بـــــن عــاصـــم އަކީ ޔަހޫދީންގެ ޙަލީފެކެވެ. ދެފުށްދެގޮތް ޝަޚްޞިއްޔަތެއްގެވެރި މުނާފިޤެކެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް ޔަހޫދީން ސިހުރުހެއްދީ އެކަލޭގެ ލައްވައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހަށްގޮސް އެމާތް ސާހިބާއަށް ޚިދުމަތްކޮށްދީ އުޅުނު ޔަހޫދީކުއްޖަކު އުޅުނެވެ. އެކުއްޖާގެ ޞާލިޙު ފިޠުރަތުގެ ސަބަބުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ދެކެ ލޯބީން ޚިދުމަތަށް ގޮސްއުޅުނީއެވެ. ޔަހޫދީންގެ ބަޔަކު އެކުއްޖާ ހައްލައިލައި މަޖްބޫރުކޮށްގެން އޭނާލައްވައި އެބައިމީހުންގެ މަސައްކަތަށް ބޭނުން ތަކެތި ހޯދުވިއެވެ. ޔަހޫދީން އެކުއްޖާ މެދުވެރިކޮށް ހޯދީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އިސްތަށިފުޅުގެ އިސްތަށިކޮޅަކާއި ފުނާކޮޅުގެ ދަތްޕުޅެކެވެ. ސިހުރުވެރި لــبــيــد بـــــن عــاصـــم އެތަކެތި މަތުރައި އިސްތަށިފުޅެއްގައި ބާރަގޮށްޖަހައިފައި ކިޔަވައިފުމެ މަންތަރެއް ހެދިއެވެ. އުށުން ހަދައިފައިވާ ބުދެއްވެސް އެމަންތަރު ހެދުމުގައި ބޭނުންކުރިއެވެ. އެ ބުދަށްހުރީ އަފުނޯސްކަށިތަކެއް ހަރައިފައެވެ. ޔަހޫދީން އެތަކެތި ރައްކައުކުރީ ޒަރްދާނެވެ ކިޔުނު ވަޅެއްގެ ތިލަވަތްގަލުގައެވެ. ޙަދީސުފުޅުތަކުން އެނގޭގޮތުގައި ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޠަބީޢަތުފުޅަށް އޭގެ ސަބަބުން ބަދަލުތަކެއް އައެވެ. އުނދަގޫފުޅުތަކެއް އިޙްސާސު ކުރެއްވުނެވެ. އެމާތް ސާހިބާ ކަމެއްކުރައްވާން ޤަޞްދުކުރައްވާއިރަށް ހީފުޅުކުރެއްވެނީ އެކަމެއް ކުރެއްވިއްޖެ ކަމުގައެވެ. ޖިންސީ ޢަމަލުފުޅުތައްވެސް ހުރީ އެގޮތަށެވެ.

އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى އެކަލާނގެ ޙަބީބަށް އެ ސިހުރުގެ ޚަބަރު ދެއްވިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم، عــلــــى رضـــى اللّــــه عــنـــه ފޮނުއްވައިގެން ޒަރްދާނެވެ ކިޔުނު ވަޅުގެ އަޑީން އެ މަންތަރު ނަންގަވައިގެން ގެންނެވިއެވެ. جــبـــــريـــل عـلــيـــه السّــلام المــعــــوّذتــيـــن ދެ ސޫރަތާއިގެން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހަށް ވަޑައިގެންނެވީ މި ހާދިސާއާ ވިދިގެންނެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެ ދެ ސޫރަތް ކިޔަވައިވިދާޅުވުމުން ފަހަރަކު ގޮށެއް މޮހެވި ސިހުރު ބާޠިލުވެއްޖެއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޙަދީސުކުރައްވައިފައިވާ ގޮތުގައި ސިހުރު ބާޠިލުވުމުން އެމާތް ސާހިބާއަށް ހީފުޅުވީ "އެމާތް ހަށިކޮޅުގައި ބައްދައިގަނެވިފައިވާ ބައްދައިގަތުމެއް ވީއްލި ހަށިކޮޅު މިނިވަންވީހެންނެވެ."

އިސްލާމީ ތަޙްރީކަށާއި އެ ތަޙްރީކުގެ ޤާއިދަށް މަދަނީ ދައުރުގައި މަދީނާގެ އެތެރެއިން ދާޚިލީގޮތުންވެސް ކުރިމަތިލައްވާން ޖެހިވަޑައިގެންފައިއޮތީ ކޮންކަހަލަ ނުސިޔާނު ޙާލަތަކާކަން މި ހާދިސާތަކުން އެނގިވަޑައިގަންނަވާނެއެވެ. މިއީ މަދީނާގެ ބޭރުން މައްކާގެ ޤުރައިޝުންނާއި އެބައިމީހުންގެ ޙަލީފުން ކުރިމަތިކުރުވާ ނުރައްކަލުގެ އިތުރަށް މަދީނާގެ އެތެރޭގެ މަސްރަޙުގެ ދުއްޕާންކަމާއި ނުސިޔާނުކަން ހުރިވަރެވެ. އެހެންކަމުން ޞަޙާބީން ތާއަބަދު ކަހަލަގޮތަކަށް ތިއްބެވީ ހަތިޔާރު އަޅުއްވައިގެންނެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ހަށިކޮޅުގެ މައްޗަށް ފާރަވެރިވެވަޑައިގެންނެވުމުގައި އެބޭކަލުން ލޮލުފިޔަފުޅެއްވެސް ޖައްސަވައެއް ނުލައްވައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ވެސް އެކަމަށް ބާރުއަޅުއްވައި ހިތްވަރު ދެއްވަމުން ގެންދެވިއެވެ. ނަމަވެސް އެމާތް ސާހިބާގެ ތަވައްކުލު ކުރެއްވުމާއި އަރަހުށި މާތް اللّــــه އަށް ބަރޯސާކުރެއްވުން ހުންނަލެއް ބޮޑުކަން ހިތްޕުޅަށް ގެންނަވަބައްލަވާށެވެ. އަރަހުށި މާތް اللّــــه އެމާތް ސާހިބާ މީސްތަކުންގެ ކިބައިން ރައްކައުތެރިކުރައްވާނެކަން އެންގެވުމާއެކު (المــــائــــدة: 67) އެމާތް ސާހިބާ ގެންދެވީ ފާރަވެރީން ގެޔަށް ފޮނުއްވައިލައްވަމުންނެވެ. ނުހަނު ދުއްޕާން ރެއެއްގައިވެސް ފޭލިގެކޮޅުން ބޭރަށް އިސްތަށިފުޅު ނެރުއްވައިފައި ޙަދީސުކުރެއްވިއެވެ. "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގޭގެއަށް އެނބުރިދާށެވެ! އަރަހުށި މާތް اللّــــه ވަނީ އަހުރެން ޙިމާޔަތްކުރެއްވުމުގެ ޒިންމާއާ ޙަވާލުވެވޮޑިގެންފައެވެ."

އިސްވެދިޔަ ޞަފުޙާތަކުގައި އަޅުގަނޑު މިވަނީ މަދީނާގައި ތިބި އިސްލާމްދީނާ ދުޝްމިނު ބާރުތަކުން ހިންގައިފައިވާ ނުބައިނުލަފާ ޢަމަލުތަކުގެ ވާހަކަ ބަޔާންކޮށްފައެވެ. އެކަންކަމަކީ އަޚްލާޤީގޮތުން ބެލިކަމުގައިވިޔަސް ޤާނޫނީ މިންގަނޑުން މިންއެޅިކަމުގައިވިޔަސް އެންމެ ނުބައި އެންމެ ބޮޑެތި ޖަރީމާތަކުގެ ލިސްޓުގައި ހިމެނޭ ކަންކަމެވެ. އެކަންކަމާމެދު ކިތަންމެ ހަރުކަށިފުޅުކޮށް ފިޔަވަޅުފުޅު އެޅުއްވިކަމުގައިވިޔަސް އެފިޔަވަޅުފުޅުތައްވީހީ ދީނާއި ސިޔާސަތުގެ އެންމެ ޢަދުލުވެރި އެންމެ އިންސާފުވެރި އުސޫލުތައް ލާޒިމުކުރާ ފިޔަވަޅުފުޅުތަކެއް ކަމުގައެވެ. ނަމަވެސް އިންސާނިއްޔަތުގެ މުޙުސިން صـلّـــــى اللّــــه عــلـيــــه وسـلّـــــم އެއިން ކޮންމެކަމެއްގައިވެސް ދެއްކެވީ އިންތިހާދަރަޖައިގެ މަޑުމައިތިރިފުޅުކަމެވެ. ނުހަނު ފިނިގޮތްކޮޅެކެވެ. ނުހަނު ކެތްތެރިފުޅު ރަވައްޔާއެކެވެ. ޝައްކެއްނެތެވެ. އެ ތަޙްރީކެއްގެ އަސްލު މަޤްޞަދަކީ އިންސާނިއްޔަތުގެ އަޚްލާޤީ އިޞްލާޙާއި ބިނާކުރުންކަމުގައި ހިމެނޭ ތަޙްރީކަކާ ހަމައެޅެނީ އެގޮތެވެ. އެހެންކަމުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެއްވެސްކަމެއްގައި ވެރިކަމުގެ އާރާއި ބާރުގެ ކަނޑިއާއި ޤާނޫނުގެ ލަޓިބުރީގެ މައްޗަކަށް ބުރަވެވަޑައެއް ނުގަންނަވައެވެ. މީސްތަކުންގެ ފުށުން ކިތަންމެ ދަށްފެންވަރުގެ ސުލޫކުތަކެއް ފެނިވަޑައިގެންނެވިކަމުގައިވިޔަސް އިންސާނީ ފިޠުރަތުގައިވާ މާޔޫސީއަކީ އެމާތް ސާހިބާގެ މަސައްކަތްޕުޅު ފައްޓަވައިގަންނަވާ ނުކުތާ ކަމަކަށެއް ނުހައްދަވައެވެ. އަދި ކީއްތޯއެވެ؟ ނުހަނު ވަރުގަދަ އުންމީދުފުޅަކާއެކު ސީދާ ރާސްތާއިން ފިޔަވަޅު އަޅުއްވަމުން ވަޑައިގެންނެވީ ކުރިޔަށެވެ. އެމާތް ސާހިބާ ބާރު ހޯއްދަވާ ނާރެހަކީ މީސްތަކުންނަށް އުނގަންނައިދެއްވުމެވެ. ވިސްނައިދެއްވުމެވެ. އަދަބު ދެއްވުމެއް އިންޒާރު ކުރެއްވުމެއް ނޫނެވެ. ޝައްކެއްނެތެވެ. ދައުލަތެއްގެ ނިޒާމު ޤާއިމުކޮށް ދެމެހެއްޓޭނީ ވެރިކަމުގެ އައުދާނަކަމާއި ޤާނޫނުގެ ބާރުވެސް މުނާސަބު ޙައްދެއްގެ ތެރޭގައި ބޭނުންކޮށްގެންނެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ވެސް އެގޮތަށް ޢަމަލުކުރެއްވިއެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ދެއްކެވި ނަމޫނާއަކީ އިންސާނުންގެ ވިސްނުމާއި ޝަޚްޞިއްޔަތަކީ ކަނޑިއާއި ހަންމުށީން ބަދަލުކުރެވޭނެ އެއްޗެއް ނޫންކަމެވެ. އެކަންކުރެވޭނީ ބުއްދީގެ ހަމަދެއްކުމާއި އަޚްލާޤީ ގޮވައިލުންތަކުންކަމެވެ. ރުޅިއިސްކުރުމުގެ ބަދަލުގައި އެކަމަށް ބޭނުންވަނީ ކެތްތެރިވުންކަމެވެ. ބަދަލުހިފުމަށްވުރެ ފޮނި ނަތީޖާއެއް ހޯދޭނީ ކެތްތެރިވުމުންކަމެވެ. އިންސާނިއްޔަތުގެ އެންމެބޮޑު މުޙުސިން ތާރީޚުގެ ފަޒާގައި ދިއްލަވާން ބޭނުންފުޅުކުރެއްވީ ރީތި އަޚްލާޤުގެ ގިންދީލުތަކެވެ. އިދިކޮޅު ފަރާތްތަކުގެ އިހާނެތިކަމަށާއި ފިތުނަވެރީންގެ ނުބައިނުލަފާކަމަށް ކެތްކުރައްވައި ޢަފޫކުރެއްވުމާއި އަޅުއްވައިނުލައްވައި ދޫކޮށްލެއްވުމެވެ. ރަޙުމަތުގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެގޮތުން ދެއްކެވިފަދަ މިސާލުތަކެއް އިންސާނީ ތާރީޚުން ހޯދައިގަނެވުމަކީ މުސްތަޙީލު ކަމެކެވެ. ފާސިދު ނުބައި ނުލަފާބަޔަކު މަސައްކަތްކުރަމުން ގެންދިޔައީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އެތައް އަހަރެއްގެ މަސައްކަތްޕުޅު އެވެރީންގެ ފަސާދައިގެ ޠޫފާނީ ރާޅުތަކުގެ ތެރޭގައި އޮޔާލާށެވެ. ދައުލަތުގެ އައުދާނަކަމާއި ޤާނޫނުގެ އާރާއި ބާރަށް ހުއްޓުންއަރުވައިލާށެވެ. ޝަހީދުކުރުމުގެ އެންމެ ދަށްފެންވަރުގެ ނުބައި ރޭވުންތަކުގެ ޒަރީޢާއިން ހިތްޕުޅުގެ ހަމަޖެހުން ނަގައިލާށެވެ. އެކަމަކު ދުނިޔެ ދެކެފައިވާ ނަމޫނާ ރިޔާސަތުގެ ޤާއިދު އެފިތުނަފަސާދައިގެ ޠޫފާނުގެ ތެރެއިން އިސްލާމީ ރިޔާސަތުގެ ނަވާއިގެން ސަލާމަތުގެ އައްސޭރިޔަށް ވަޑައިގެންނެވީ ފިސާރި ކުޅަދާނަފުޅުކަމާއި ހުސިޔާރުފުޅުކަމާ އެކުގައެވެ. އެނައު ޠޫފާނީ ރާޅެއްގެ ހޮޅިދަށުވުން އެއްކިބައިގައި އޮއްވައި މާބޮޑަށް ރޯލުކުރިޔަކަވެސް ނުދެއްވައެވެ.

(ނުނިމޭ)