ޓްރީޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ކްލިނިކުން ފޯރުކޮށްދެމުންދާ ދަރިމައިވުމުގެ ފަރުވާ، އިންޓްރަޔުޓަރިން އިންސެމިނޭޝަން (އައިޔޫއައި) ޕްރޮސީޖާ އަށް އާސަންދަ ސްކީމުގެ ކަވަރޭޖް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން އިއްޔެ ބުނީ އެ ހިދުމަތަށް އާސަންދަ ހަމަޖެހިގެން ދިޔުމުގެ ސަބަބުން ފަރުވާ ހޯދަމުންދާ ގިނަ ފަރާތްތަކަށް އުފުލަން ޖެހޭ މާލީ ބުރަޔަށް ލުއިކަމެއް ލިބި، ދަރިމައިވުމުގެ މައްސަލަތައް ދިމާވެފައިވާ ގިނަ ފަރާތްތަކަށް އެ ހިދުމަތް ލިބުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
އެ ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިދާރް ސްރިވަޓްސަން ވިދާޅުވީ އައިޔޫއައި ހިދުމަތަށް އާސަންދަ ހަމަޖެހިގެން ދިޔުމަކީ ދަރިމައިވުމާއި އާއިލާއެއް ބިނާކުރުމުގެ މައަސަލަތައް ދިމާވެފައިވާ ގިނަ ފަރާތްތަކުގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ކްލިނިކްގެ އިސްވެރިޔާ ޑރ. އަނީތާ ގައުރު ވިދާޅުވީ އައިޔޫއައި ހިދުމަތަށް އާސަންދަ ހަމަޖެހިގެން ދިޔުމުން ޕާޓިލިޓީ ސްޕެޝަލިސްޓެއްގެ ހައިސިއްޔަތުން ވަރަށް އުފާކުރައްވާ ކަމަށެވެ.
"އާސަންދައިން އައިޔޫއައި ޕްރޮސީޖާތަކުގެ ފުރިހަމަ ކަވަރޭޖް ލިބުމުން އާއިލާއެއް ބިނާކުރަން ބޭނުންވެފައިވާ ފަރާތްތަކަށް މާލީ ގޮތުން އޮތް ބޮޑު ހުރަހެއް މިވަނީ ނައްތާލެވިފައި. އަދި މީގެ ސަބަބުން ގިނަ ފަރާތްތަކަށް މި ހިދުމަތް ލިބުމަށްމިވަނީ މަގުފަހިވެފައި،" އަނީތާ ގައުރު ވިދާޅުވިއެވެ.
މީގެ ކުރިން އާސަންދައިގެ ދަށުން އައިޔޫއައި ޕްރޮސީޖާއަށް ލިބެމުން ދިޔައީ ޕާޝަލް ކަވަރޭޖެކެވެ. ނަމަވެސް މިހާރު އައިޔޫއައި ޕްރޮސީޖާއަށް އާސަންދައިގެ ފުލް ކަވަރޭޖް ލިބެމުންދާނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގައި ދަރިމައިވުމާ ގުޅުން ހުރި މައްސަލަތަކަށް ފަރުވާ ދިނުމަށް ފާޓިލިޓި ކްލިނިކެއް ގާއިމްކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ. އެއާއެކު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފް އަދި އައިޔޫއައި ހިދުމަތް ދޭން ފަށައިފައެވެ. ފާޓިލިޓި ކްލިނިކުން ވަނީ ރިޕްރޮޑަކްޓިވް ސްޕެޝަލިސްޓުންނާއި އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކާމިޔާބުތަކެއް ހާސިލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު