ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ނިމިދިޔަ ރޯދަ މަހު ބޭނުންކުރި ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ނިންމާފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ ހަރުދަނާ، އޯގާތެރި ސިޔާސަތުތަކާ އެއްގޮތަށް ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮށްދެވެން ހުރި ހުރިހާކަމެއް ކޮށްދިނުމަށް ދެމިތިބޭނެ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ވަނީ ނިންމާފައި. މިހާރު ފޮނުވާފައިވާ ބިލުތައް މި ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވިގެންދާނެ،" ފަހުމީ ވިދާޅުވިއެވެ.
ކަރަންޓު ބިލަށް ޑިސްކައުންޓް ދޭން ސްޓެލްކޯއިން ނިންމާފައިމިވަނީ އެޕްރީލް މަހުގެ ކަރަންޓު ބިލު ބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑު ކިޔާފައި ވަނިކޮށެވެ.
ރައީސް މުއިއްޒު، މާޗު މަހުގެ ހަތަރުވަނަ ދުވަހު ބ. އަތޮޅުގެ އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ ރޯދަމަހުގައި އާންމުކޮށް ކަރަންޓާއި ފެން ބިލު ވަރަށް ބޮޑުވާ ކަމަށާއި ނަމަވެސް މިފަހަރު ރޯދަ މަހުގައި އެހެން ނުވާނެ ކަމަށެވެ.
"އާންމު މަހެއްގައި އެ ހުންނަ ރޭޓުގައި ކެޕްކޮށްފައި، މާނައަކީ އެއަށްވުރެ މައްޗަކަށް ނުދާނެއޭ، އާންމު މަހެއްގައި ހުންނަ ވަރަށް ރަމަޟާން މަހު ކަރަންޓު ބިލާއި ފެން ބިލު ހުންނާނީ. މިހާރު ފެނަކަ އާއި ސްޓެލްކޯގައި އަޅުގަނޑު ދަންނަވާފައިވާނެ، އެމްޑަބްލިޔުއެސްސީއަށް ވެސް ދަންވާފައިވާނެ އަދި އެ ތިން ކުންފުނީގެ ވެރިން ވެސް އަޅުގަނޑަށް އެކަމުގެ ޔަގީންކަން ދެއްވައިފި،" އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވެފައިވަނީ ކިތަންމެ ލޯޑު ބޮޑުވިޔަސް، ރައްޔިތުންގެ އަތުން ކަރަންޓާއި ފެން ބިލުން އިތުރު އެއްޗެއް ނުނަގާނެ ކަމަށާއި އެއީ ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ. އަދި ސްޓެލްކޯ އިން ފެނުގެ ހިދުމަތްދޭ ރަށްތަކުން ނަގާ 30 ރުފިޔާގެ ފީ އެޕްރީލް މަހުން ފެށިގެން އުވާލެއްވުމަށް ނިންމަވާފައިވާކަން އެމަނިކުފާނު އިއުލާންކުރެއްވިއެވެ.
އެފަދަ ލުއިތައް ރައްޔިތުންނަށް ދެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފާވެރިކަމެއް ކަމަށާއި އިގުތިސާދީ ހާލަތާއެކު ރައްޔިތުން ވެސް ތިބީ ވަރަށް ހާލުގައި ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އަދި ސަރުކާރުން މަސައްކަތްކުރަނީ އިގުތިސާދުގައި ބުންވަރު ޖައްސަމުން، ރައްޔިތުންނަށް ލުއިތައް ދިނުމަށް ކަމަށް ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު