މި އަހަރު ދިވެހިރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތް "ހަވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް 2024" ރޭ ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.
ހަތް ގައުމަކުން 100 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވި އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ރޭ ނިންމާލީ އެވޯޑު ނައިޓާއެކުގައެވެ. މުބާރާތް ނިންމުމުގެ ހަފުލާ ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފެވެ. ރޭ ނިންމި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ އެޕްރީލް މަހުގެ 26 ވަނަ ދުވަހުން ފެށިގެން މި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ.
މިފަހަރުގެ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން ޓީމުން، ޓީމް އިވެންޓުން ލޯ މެޑަލް ހޯދި އިރު، ފިރިހެން ޑަބަލްސް އިވެންޓުން އިސްމާއީލް އަޒްމީނާއި ހަސަން ނާޒިމްގެ ޕެއާއިން ވަނީ ރިހި މެޑަލް ހޯދައިފައެވެ. އަދި ރާއްޖޭގެ ފިރިހެން ޓީމް އިވެންޓުންވެސް ރާއްޖެ ރިހި މެޑަލް ހޯދިއެވެ. އެޓީމުގައި ހިމެނެނީ އަޒްމީނާއި ނާޒިމްގެ އިތުރުން އިބްރާހީމް ހުއްސާން އަލީއާއި އާދަމް އަދީލެވެ.
ސިންގަލްސް އިވެންޓްތަކުގައި ރާއްޖޭގެ އެތުލީޓުންނަށް ދެވުނީ ކުއާޓާއާ ހަމައަށެވެ. އެހެންކަމުން ސިންގަލް އިވެންޓަކަށް ރާއްޖެއަށް މެޑަލް ގެނެވިފައެއް ނުވެއެވެ.
ރޭގެ އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިއު ވިދާޅުވީ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ފަދަ ކާމިޔާބު ބައިނަލްއަގުވާމީ މުބާރާތްތައް ހޯސްޓްކޮށް، ރާއްޖެއަށް އެ މުބާރާތްތަކުން ހޯދޭނެ ފައިދާތައް އިތުރުކުރަން ބޭނުންވާ ކަމަށެވެ.
ހަތް ގައުމަކުން ވާދަކުރި އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގައި ޖުމްލަ 80 ކުޅުންތެރިން ވާދަކުރި އިރު، 150 އެއްހާ މެޗު ކުޅެވުނެވެ. ފަސް ދުވަސް ތެރޭގައި މި ވަރުގެ ބޮޑު މުބާރާތެއް ކާމިޔާބުކަމާ އެކު ނިންމާލެވުމުން، އެކަން މިނިސްޓަރު ރާފިއު ވެސް ވަނީ ފާހަގަކުރައްވައިފައެވެ.
"ހަމަ ގައިމުވެސް ދިވެހިންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ މެހެމާންދާރީ އަދާކުރުމުގެ ރިވެތި ސިފަވެސް ހިމެނޭ ގޮތަށް، މިފަދަ ފުރިހަމަ މުބާރާތެއް ބޭއްވުނީތީ ވަރަށް އުފާކުރަން، އަދި މިކަމުގައި ޝާމިލުވި ފަރާތްތަކަށް ޝުކުރު އަދާކުރަން،" ރާފިއު ވިދާޅުވިއެވެ.
ރާފިއު އިތުރަށް ވިދާޅުވީ ބައިނަލްއަގުވާމީ މުބާރާތްތަކެއް ރާއްޖޭގައި ހޯސްޓްކުރަން ބޭނުންވާ ކަމަށާއި، މީގެއިން ރާއްޖެއަށް ފައިދާކުރާނެ ހުރިހާ ގޮތެއް ބަަލައިގެން މަންފާ ވެސް ހޯދުމަށް މަސައްކަތްތައް ކުރާނެ ކަމަށެވެ. އަދި އެއީ އަބަދުވެސް ހާސިލްކުރަން ބޭނުންވާ އަމާޒެއް ކަމަށްވެސް ރާފިއު ވިދާޅުވިއެވެ.
ވަން ކުޅިވަރު
ވަން ކުޅިވަރު
ވަން ކުޅިވަރު
ވަން ކުޅިވަރު