އުޖޫރަތައް ކުޑަވުމުގެ ސަބަބުން މަސައްކަތް ކުރާނެ ގާބިލު މުވައްޒަފުން ނުލިބޭކަމުގެ ކަންބޮޑުވުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުޙައްމަދު ނާސިހު މިއަދު ފާޅުކުރައްވައިފިއެވެ.

މިއަދު ފާހަގަކުރަމުން އަންނަ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ނާސިހު ނެރުއްވި ބަޔާނުގައި ވިދާޅުވީ، ސިވިލް ސާވިސްގެ ގިނަ ދާއިރާތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަދިވެސް މުސާރަ ބޮޑު ނުވާ ކަމަށެވެ. އަދި އުޖޫރައިގެ ހަމަހަމަކަން ގާއިމު ނުވާތީ، ސިވިލް ސާވިސްގެ ދާއިރާތަކަށް ގާބިލު މީހުން ލިބުމުގައި ދަތިތަކެއް ތަހައްމަލު ކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ

"އުޖޫރައިގެ ހަމަހަމަކަން ގާއިމުނުވެ ހޭދަވާ ކޮންމެ ދުވަަހަކީ ސިވިލް ސާވިސްގެ ދާއިރާތަކަށް ގާބިލު މީހުން ލިބުމުގެ ދަތިކަން ތަހަންމަލު ކުރަންޖެހޭ އަދި ހިދުމަތުގައި މިހާރު ވެސް ދެމިތިބި މި ފަދަ މުވައްޒަފުންނަށް ނުތަނަވަސްކަމާއި މާޔޫސްކަމާ ކުރިމަތިލާން ޖެހިފައިވާ ދުވަހެއްކަން ފާހަގަކުރަން،" އޭނާ ވިދާޅުވިއެވެ.

އެ ބަޔާނުގައި ނާސިހް ވަނީ އުޖޫރައިގެ ހަމަހަމަކަން މުވައްޒަފުންގެ މެދުގައި ގާއިމްކުރުމަށް ސަރުކާރަށް ގޮވާލައްވައިފައެވެ.

ބައެއް ދާއިރާތަކަށް މުސާރަ ބޮޑުނުވި ނަމަވެސް ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއަށް މުސާރަ ބޮޑުވެފައިވާކަން އޭނާގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ނާސިހު ވިދާޅުވީ، ސަރުކާރު ކޮންމެ އިދާރާއެއްގެ ސާވިސް ޗާޓަރުގައި ބަޔާންކުރާ ހިދުމަތްތަައް އެ ބަޔާންކުރާ މިންވަރާއި ފެންވަރުގައި އަދި ކަނޑައެޅިފައިވާ މުއްދަތުގައި ދިނުމަށް ހާއްސަ އިސްކަމެއް ދޭން ޖެހޭ ކަމަށެވެ.

ނާސިހު ވަނީ ރައްޔިތުންނަށް ހިދުމަތްކުރުމުގައި ދިވެހި ސިވިލް ސާވިސްގެ ގާނޫނާއި ގަވައިދާއި ސްކޫލީ މިންގަނޑުގައި ހިފަހައްޓައިގެން އިހްލާސްތެރިކަމާ އެކު ހިދުމަތް ކުރުމަށާއި ސިވިލް ސާވިސްއަކީ ރައްޔިތުން ބަލައިގަންނަ އަދި އިތުބާރުކުރާ ހިދުމަތަކަށް ހެދުމަށް ސަމާލުކަން ދިނުމަށްވެސް އިލްތިމާސްކުރައްވައިފައެވެ.