ޑުރަގް ޓްރެފިކް ކުރި މީހަކު 100،000 ރުފިޔާ އިން ޖޫރިމަނާކޮށް 24 އަހަރާއި 11 މަހާއި 13 ދުވަހުގެ މުއްދަތަަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައަކީ މ. ސެސްނާ/ ފަސްވަނަ ފަންގިފިލާގެ އެޕާޓްމަންޓްގައި މަސްތުވާތަކެތި ރައްކާކޮށް ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން 8 ޖަނަވަރީ 2019 ވަނަ ދުވަހު ގދ. ފިޔޯރީ/ ގަދަކޯޅީމާގެ، އަހުޒަރު އަހުމަދު ހައްރުކުރުމަށްފަހު އޭނާގެ މައްޗަށް ކުރި ދައުވާގެ މައްސަލައެވެ.
މި މައްސަލައިގައި އޭނާ ހައްޔަރުކޮށް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އޭނާގެ ހާޒިރުގައި އެ އެޕާޓްމަންޓަށް ގޮސް އެ އެޕާޓްމަންޓް ބަލައި ފާސްކުރިއެވެ. އެ ފާސް ކުރުމުގައި އެ ތަނުން ފުލުހުން ވަނީ މަސްތުވާތަކެތި ހޯދައިފައެވެ. އެ މައްސަލައިގައި އަހުޒަރުގެ މައްޗަށް ދައުލަތުން ކުރީ ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާއެވެ.
އެ މައްސަލަ ބެލުމަށްފަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ، އެ މަައްސަލައަށް އޭނާ އިންކާރުކުރި ނަމަވެސް ހުށަހަޅާފައިވާ ހެތްކާއި ގަރީނާއިން ދައްކާ ގޮތުގައި ޝައްކެއް ނެތް މިންވަރަށް އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.
އެހެންކަމުން ޑައިމޯފިން ޓްރެފިކް ކުުރުމުގެ ކުށުން އަޒުހަރު ކުށްވެރިވާ ކަމަށް ކަނޑައަޅައި 24 އަހަރާއި 11 މަހާއި 13 ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 100،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ 12 ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރޮޓީ (މީރާ) އަށް ދައްކަންވެސް ހުކުމުގައި ވަނީ އަންގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު