އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފިއެވެ.

މިއީ މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަށްފަހު ބާއްވާ ފުރަތަމަ ގައުމީ މަޖިލީހުގެ ޖަލްސާއެވެ.

ވިހިވަނަ މަޖިލީހުގެ 93 ދާއިރާއަކަށް މެންބަރުން އިންތިހާބުކުރި އިރު، އެމްޑީޕީއަށް ލިބުނީ 12 ގޮނޑިއެވެ. ސުޕަ މެޖޯރިޓީއެއް ލިބުނީ ސަރުކާރު ހިންގާ ޕީއެންސީއަށެވެ. އެގޮތުން ވިހިވަނަ މަޖިލީހުގައި ޕީއެންސީގެ 76 މެންބަރުން ތިބޭނެއެވެ.

އަދަދު ނޫހުގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، މަޖިލިސް އިންތިހާބުގެ ބައްޔަކީ ކުރީން ލަފާކުރި ބައްޔެއް ނޫން ކަމަށާއި އެ ބަލިން އަރައިގަތުމަށް ޕާޓީ އަލުން ރުކުރުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ވަރަށް ގިނަ މަޝްވަރާތަކެއް ކުރަމުން މިދަނީ މި އިންތިހާބިގައިވީ ގޮތާއި ކުރިމަގުގައި ކަަންކަން ބައްޓަން ކުރާނެ ގޮތާ. (މިރޭ) ގައުމީ މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ފުޅާކޮށް މަޝްވަރާ ކުރުމަށް" ފައްޔާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީއެއް ލިބިދާނެ ކަމަށް ސަރުކާރުންވެސް ގަބޫލުކުރި ކަމަށާއި ނަމަވެސް ސަރުކާރަށް ބޮޑު މެޖޯރިޓީއެއް ލިބުނީ ސަރުކާރުން ދެއްކި ބިރާއި ނުފޫޒުން ކަމަށެވެ. އަދި އެމްޑީޕީ އަލުން ރުކުރުވާލައި، ކުރިއަށް އޮތް އިންތިހާބުތަކުގައި ކާމިޔާބީ ހޯދާނެ ކަމަށް ވިދާޅުވިއެވެ.