ރާއްޖޭގެ ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ "ބުރުނު ޝިކާރު"ގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖޭގެ އެންމެ ހިންގުންތެރި އެއް އެސޯސިއޭޝަން، ބޮޑީބޯޑިން އެސޯސިއޭޝަނުން މި އަހަރަށްވެސް ގިނަ އިވެންޓުތަކެއް ތާވަލުކޮށްފައިވާ އިރު، ބޮޑީބޯޑިން ލީގުގެ ހަތަރު އިވެންޓެއް ވަނީ ތާވަލުކޮށްފައެވެ. އޭގެ ތެރެއިން ފުރަތަމަ އިވެންޓަކީ މާލޭގެ ވަރުނުލާ ރާޅުގަނޑުގައި ހޯސްޓް ކުރާ "ބުރުނު ޝިކާރު"އެވެ. މި ފަހަރު "ބުރުނު ޝިކާރު" ތާވަލުކޮށްފައި ވަނީ އަންނަ މެއި މަހުގެ 27 އިން 31ގެ ނިޔަލަށެވެ.

ބޮޑީބޯޑިން އެސޯސިއޭޝަނުން "ބުރުނު ޝިކާރު"ގައި ބައިވެރިވާން އިއްޔެ ހުޅުވާލާފައިވާ އިރު، ބައިވެރިވުމުގެ މުއްދަތު ހަމަވަނީ މެއި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

"ބުރުނު ޝިކާރު"އަކީ ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ޒަމާންވީ ބޮޑީބޯޑިން އިވެންޓެވެ. މީގެ ކުރިން ފަސް ފަހަރަށް އިވެންޓް ހޯސްޓް ކޮށްފައިވާއިރު، މި މުބާރާތަކީ ރާއްޖޭގެ އެންމެ ވާދަވެރިވެސް ބޮޑީބޯޑިން އިވެންޓެވެ. ލޯކަލް ގިނަ ހުނަރުތަކެއް "ބުރުނު ޝިކާރު"ގައި ފެނިގެންދާ އިރު، ލީގު ރަނގަޅަށް ފެށުމަށް ގިނަ އެތުލީޓުން މަސައްކަތް ކުރާކަން ފާހަގަވެގެންދެއެވެ.

މިދިޔަ އަހަރުގެ ބުރުނު ޝިކާރު ބޮޑީބޯޑިންގް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އަޝްރަފް ހަސަނެވެ. އަޝްރަފަށް އެ ކާމިޔާބީވީ ގިނަ ގޮތްގޮތުން ހާއްސަ ކާމިޔާބީއަކަށެވެ. އޭނާ "ބުރުނު ޝިކާރު" ކާމިޔާބުކުރީ ފައިނަލުގައި ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބޯޑަރު، އަލީ ޚުޝްރުވާން (ކުޑަ އައްޔަ) ބަލިކުރުމަށް ފަހުއެވެ.

ބޮޑީބޯޑިން ލީގުގައި އަދި ތިން އިވެންޓެއް ހޯސްޓް ކުރަން އެސޯސިއޭޝަނުން ނިންމާފައިވާ އިރު، މި އަހަރުވެސް ބޮޑީބޯޑިން ވޯލްޑް ޓުއާގެ މޯލްޑިވްސް ޕްރޯ އިވެންޓް ރާއްޖޭގައި ބާއްވާ ގޮތަށް އޮތްއިރު، އެކަމަށްވެސް އެސޯސިއޭޝަނުން ވަނީ ބަޖެޓް ކޮށްފައެވެ. މޯލްޑިވްސް ޕްރޯ އަކީ ފަހަކަށް އައިސް ރާއްޖޭގައި ހޯސްޓް ކުރެވޭ އެންމެ ކާމިޔާބު ބައިނަލްއަގުވާމީ މުބާރާތެވެ.