އީރާނުން ވަނީ މިމަހު ތޭރަވަނަ ދުވަހުގެ ރޭ ދަންވަރު އިޒްރޭލަށް މިސައިލާއި ޑްރޯނުން ހަމަލަދީފައެވެ. އޭގެ ރައްދުގައި އިޒްރޭލުން ވަނީ މިމަހު ނަވާރަ ވަނަ ދުވަހުގެރޭ އީރާނުގެ އިސްފަހާނުގައިވާ ވައިގެ މަރުކަޒަކަށް ހަމަލާދީފައެވެ. މި ހަމަލާތަކާއި އެއިން ދިފާއުވުމަށް ހިންގުނު އޮޮަޕަރޭޝަނާއި މިހެންގޮސް ހުރިހާ ކަމަކަށް އެންމެ ބޮޑު ހޭދައެއް ކުރަންޖެހުނީ ކޮންބަޔަކަށް ބާވައެވެ. ބަލައިލަމާބަހީއެވެ. އިޒްރޭލާ ދެކޮޅަށް އީރާނުން ދިން ހަމަލާގައި 120 ބެލިސްޓިކް މިސައިލް ބޭނުންކުރިއެވެ. މިއިން ކޮންމެ މިސައިލެއްގެ އަގަކީ ގާތްގަޑަކަށް ތިން މިލިޔަން ޑޮލަރެވެ. އެހެންވީމާ މިހުރިހާ ބެލިސްޓިކް މިސައިލްތަކުގެ އަގު ތިންސަތޭކަ މިލިޔަން ޑޮލަރަށްވުރެ މައްޗެވެ. އިޒްރޭލުން ބުނާގޮތުގައި އީރާނުން ފޮނުވައިލި ގިނަ ބެލިސްޓިކް މިސައިލްތައް އޭގެ އަމާޒަށް ވާސިލްވުމުގެ ކުރިން ވަނީ ވައްޓައިލެވިފައެވެ. އީރާނުގެ މިސައިލްތައް ވައްޓައިލުމަށް އިޒްރޭލުން ބޭނުންކުރީ އެރޯ މަރުކާގެ ދިފާއީ މިސައިލެވެ. އެއިން އެއްޗެއްގެ އަގަކީ 3.5 މިލިޔަން ޑޮލަރެވެ.
އެހެންވީމާ ހަމައެކަނި އެރޯ ޑިފެންސް ސިސްޓަމްގެ ތެރެއިން ފޮނުވައިލި މިސައިލްތަކުން އެކަނިވެސް އިޒްރޭލުން އެވަނީ 350 މިލިޔަން ޑޮލަރު ހޭދަކޮށްފައެވެ. އީރާނުން އިޒްރޭލާ ދެކޮޅަށް ފޮނުވައިލީ 180 ޑްރޯނެވެ. އީރާނުން އުފައްދާ ޝާހިދު- 136 މަރުކާގެ މިސައިލެއްގެ އަގަކީ ގާތްގަޑަކަށް ވިހިހާސް ޑޮލަރެވެ. މިހުރިހާ ޑްރޯންތަކުގެ ޖުމްލަ އަގަކީ 3.6 މިލިޔަން ޑޮލަރެވެ. އިޒްރޭލުން ބުނާގޮތުގައި މިހުރިހާ ޑްރޯންތަކެއް ވަނީ ވައްޓަައިލެވިފައެވެ. މިކަމަށް ބޭނުންކުރީ އަޔަން ޑޯމް ސިސްޓަމްގެ މިސައިލާއި ޑޭވިޑް ސްލިންގް މިސައިލެވެ. އަޔަން ޑޯމް މިސައިލެއްގެ އަގަކީ 60 ހާސް ޑޮލަރެވެ. ޑޭވިޑް ސްލިންގް މިސައިލެއްގެ އަގަކީ އެއް މިލިޔަން ޑޮލަރެވެ. އެހެންވީމާ އީރާނުގެ ޑްރޯންތަކާ ދެކޮޅަށް އިޒްރޭލުން އެވަނީ 95.4 މިލިޔަން ޑޮލަރު ޚަރަދުކޮށްފައެވެ. ބެލިސްޓިކް މިސައިލާއި ޑްރޯންގެ އިތުރަށް އީރާނުން ވަނީ އިޒްރޭލާ ދެކޮޅަށް 30 ކްރޫޒް މިސައިލްވެސް ބޭނުންކޮށްފައެވެ.
އީރާނުން މި ހަމަލައިގައި ބޭނުންކުރި ވައްތަރުގެ ކްރޫޒް މިސައިލެއްގެ އަގު ގާތްގަޑަކަށް 7 ލައްކަ ޑޮލަރެވެ. އެހެންވީމާ މިދެންނެވި 30 މިސައިލުގެ ޖުމްލަ އަގަކީ ގާތްގަޑަކަށް 25 މިލިޔަން ޑޮލަރެވެ. އިޒްރޭލުން ބުނާގޮތުގައި މީގެތެރެއިން ފަސް މިސައިލެއް ފިޔަވައި އެހެން ހުރިހައި އެއްޗެއް ވަނީ ވައްޓާލެވިފައެވެ. އީރާނުން ފޮނުވައިލި ބެލިސްޓިކް މިސައިލާއި ކްރޫޒް މިސައިލްތަކާއި ޑްރޯންތަކުގެ އަގު ޖުމްލަކޮށްލީމާ އެއީ ގާތްގަޑަކަަށް 350 މިލިޔަން ޑޮލަރެވެ. އިޒްރޭލަށް ހަމަލަ ދިނުމަށް އީރާނުން ޚަރަދުކުރީ މިދެންނެވި އަދަދެވެ. މި ހަމަލައިން ދިފާއުވުމަށް އިޒްރޭލުގެ އަޔަން ޑޯމާއި އެރޯ ސިސްޓަމްގެ ތެރެއިން އެކަނިވެސް އެއޮތީ 470 މިލިޔަން ޑޮލަރު ޚަރަދުވެފައެވެ. އެވަރަކުން އަދި ނުނިމެއެވެ. އިޒްރޭލުން ވަނީ ކުރިން ދެންނެވި ދެ ނިޒާމުން ބޭރުގައި ހަނގުރާމަމަތީ ޖެޓުތައްވެސް ބޭނުންކޮށްފައެވެ. އެހެންވީމާ އީރާނުގެ ހަމަލައިން ދިފާއުވުމަށް އިޒްރޭލަށް ޚަރަދުކުރަން ޖެހުނު އަދަދު އެއް ބިލިޔަން ޑޮލަރަށް އަރައެވެ. އެއީ އީރާނުން ޚަރަދުކުރި އަދަދުގެ ތިން ގުނައެވެ.
އިޒްރޭލުގެ ދިފާއުގައި ހަރަކާތްތެރިވެފައިވަނީ ހަމައެކަނި އިޒްރޭލެއް ނޫނެވެ. އެމެރިކާޔާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖޯޑަންގެ ލަޝްކަރުތަކުންވެސް އެ މަސައްކަތުގައި ވަރަށް ފުޅާ އަމަލީ މަސައްކަތްތަކެއް ކުރިއެވެ. މާނަޔަކީ މިއިން ކޮންމެ ގައުމަކުންވެސް އެތައް ސަތޭކަ މިލިޔަން ޑޮލަރެއް މިކަމަށް ހޭދަކުރާން ޖެހުމެވެ. އީރާނުގެ ހަމަލާތައް ހުއްޓުވުމަށްޓަކައި އެމެރިކާއިން ބޭނުންކުރި ހަތިޔާރުގެ ތެރޭގައި މީގެކުރިން ހަނގުރާމައިގެ މައިދާނުގައި ދުވަހަކުވެސް ބޭނުންކޮށްފައިނުވާ މުޅިން އައު ހަތިޔާރުވެސް ހިމެނޭ ކަމަށްވެއެވެ. ތަޖުރިބާކާރުން އަންދާޒާކުރާ ގޮތުގައި އެމެރިކާގެ މި އޮޕަރޭޝަނަށް މަދުވެގެން ފަސްސަތޭކަ މިލިޔަން ޑޮލަރު ޚަރަދުކުރިއެވެ. ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުންވެސް ކޮންމެ ބަޔަކު ސަތޭކަ މިލިޔަން ޑޮލަރަށްވުރެ މަތިން ހޭދަކުރިއެވެ. ނިސްބަތުން އެންމެ ކުޑަ ހޭދައެއްކުރީ ޖޯޑަނުންނެވެ. އެގައުމުންވެސް މަދުވެގެން ފަންސާސް މިލިޔަން ޑޮލަރު ހޭދަކުރިކަމަށް ބެލެވެއެވެ.
އީރާނުގެ ހަމަލައިން އިޒްރޭލު ދިފާއު ކުރުމަށް އެމެރިކާ، ފްރާންސް، ޔޫކޭ އަދި ޖޯޑަނުން ކުރި ޚަރަދު ޖުމްލަކޮށްލީމާ ގާތްގަޑަކަށް އެއްބިލިޔަން ޑޮލަރާ ގާތްކުރެއެވެ. ދެން މިއަދަދާއި އިޒްރޭލުން ކުރި ޚަރަދު އެއްކޮށްލީމާ ދެ ބިލިޔަން ޑޮލަރަށް އަރައެވެ. މިއީ ހަމަލާ ދިނުމަށް އީރާނުން ޚަރަދުކުރި މިންވަރުގެ ހަ ގުނައެވެ. މިއީ ހަމައެކަނި ދިފާއީ އޮޕަރޭޝަނެކެވެ. އެޕްރީލް ތޭރަވަނަ ދުވަހުގެ ރޭ ދަންވަރު އެންމެ ދެތިން ގަޑިއިރުގެ އޮޕަރޭޝަނަކަށް މިވަރުގެ ބޮޑު ޚަރަދެއް އެވަނީ ހިނގައިފައެވެ. ދެންއޮތީ ހަފުތާއަކަށް ދެ ހަފުތާއަކަށް ދެމިގެން ހިނގައިދާނެ ހަނގުރާމައެއްގައި ޚަރަދުވާނެ މިންވަރު އަންދާޒާކޮށްލުމެވެ. އެވަރުގެ ޚަރަދެއް ކުރުމަކީ އެއްވެސް ބަޔަކަށް އުފުލޭނެ ބުރައެއް ނޫނެވެ. އުފުލާނެ ބުރައެއްވެސް ނޫނެވެ. އެހެންވީމާ ޔަގީންވަނީ ހުޅުވިފައިވާ ހަނގުރާމައެއްގެ ތެރެއަށް ވަނުމަކީ އެއްވެސް ބައެއްގެ މަސްލަހަތެއް ނޫންކަމެވެ. އެންމެނަށްވެސް އެންމެ ނަފާބޮޑު ގޮތަކީ ސުލްހައިގެ މަގު އިޚުތިޔާރުކުރުން ކަމެވެ.
އީރާނުގެ ވައިގެ ހަމަލާޔަކީ ސީރިޔާގެ ވެރިރަށް ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އެޕްރީލް މަހުގެ އެއްވަނަ ދުވަހު އިޒްރޭލުން ދިން ވައިގެ ހަމަލާގެ ބަދަލު ހިފުމަށްޓަކައި އީރާނުން ހިންގި ހަރަކާތެކެވެ. ދުރާލައި އަންގައި އިއުލާނުވެސް ކޮށްފައި ދިން ހަމަލާއެކެވެ. އީރާނުގެ ހަމަލަ އަމާޒުކުރި ތަންތަނަކީ ދިމިޝްގަަށް ހަމަލާދިނުމުގައި އިޒްރޭލުން އެންމެ ބޮޑަށް ބޭނުންކުރި ތަންތަނެވެ. އެތަންތަނަަށް އީރާނުން ދިން ހަމަލާގެ ތެރެއިން ބައެއް ހަމަލާތައް ސީދާވިއެވެ. ގެއްލުންތަކެއް ލިބުނެވެ. އެއީ ޔަގީންކަމެކެވެ. އޭގެ އެއް ހަފުތާފަހުން އީރާނުގެ އިސްފަހާނަށް އިޒްރޭލުން ދިން ކުއްލި ހަމަލާވެސް ކޮންމެވެސް ތާކަށް އަރައިފިއެވެ. މި ދެ ފަރާތުންވެސް ވަނީ ލިބުނު ގެއްލުންތަކުގެ ތަފްސީލުތައް ސިއްރުކޮށްފައެވެ. ދުނިޔޭގެ ޖާސޫސީ ފަަރާތްތަކުން ގަބޫލުކުރާ ގޮތުގައި އިޒްރޭލުން މިކަމަށް ބޭނުންކުރީ ހައިޕަރސޮނިކް މިސައިލެކެވެ. އަމާޒުކުރީ އީރާނުގެ ނަތާންޒު ނިއުކުލިއަރ މަރުކަޒަށް ވައިގެ ހިމާޔަތްދޭ މިސައިލް ސިސްޓަމަކަށެވެ. އެކަމަކު މިވާހަކަ އީރާނުން ދޮގުކުރެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ