ޓްރާންސްޕޯޓް މިނިސްޓްރީން ބެކްއެންޑުން ސައްހަ ނޫން ގޮތުގައި ދޫކޮށްފައިވާ ޑޮމެއިންތައް ސައްހަ ކުރަން ހުށަހެޅުމުގެ ފުރުސަތު ވަރަށް ހުޅުވާލާނެ ކަމަށް މިނިސްޓަރު މުހަންމަދު އަމީން ވިދާޅުވެއްޖެ އެވެ.

"އަހާ ފޯރަމް"ގައި އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީން ރޭ ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީން 1،200 ޑޮމެއިން ވިއްކާފައިވާއިރު އުސޫލާ އެއްގޮތަށް ވިއްކާފައި ވަނީ އޭގެ 50 ޕަސެންޓް ކަމަށެވެ. އެކަން ކޮށްފައި ވަނީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓްރީން ކަމަށް އަމީން ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ބައެއް މުވައްޒަފުން ގޯސްކޮށް ކަންކަން ކޮށްފައިވީ ނަމަވެސް، ގަވާއިދުތަކާ އެއްގޮތަށް ޑޮމެއިން ނަގައިފައިވާ ފަރާތްތަކަށް ހިދުމަތްދިނުން ހުއްޓިގެން ނުވާނެ ކަމަށް ގަބޫލުކުރާ ކަމަށް އަމީން ވިދާޅުވިއެވެ. މިނިސްޓްރީގެ ބެކްއެންޑުން ވިއްކި ޑޮމެއިންތައް ގަތް ގިނަ މީހުންނަށް އެއީ ސައްހަ ނޫން ޑޮމެއިންތަކެއްކަން ކުރިން އެނގިފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެން މިހާރު އިއުލާންކުރާނަން އިރާދަކުރެއްވިއްޔާ ކުރިޔަށްއޮތް 20 ދުވަހުގެ ތެރޭގައި އިއުލާނު ކުރާނެ ތިން ގޮތެއް. ފުރަތަމަ ކަމަކީ އަޅުގަނޑު މި ދެންނެވި ރަނގަޅު ސައްހަ ގޮތުގައި ހުރި ހުރިހާ ޑޮމެއިންތަކަށް ހިދުމަތް މިހާރު ވެސް ލިބެމުންދާނެ އެ ހުއްޓާލާފަ އޮތް އޮތުން ނިމުމަކަށް ގެނެސް ހިދުމަތް ދެމުން އަޅުގަނޑުމެން މިހާރު ދަނީ. ދެވަނަ ކަމަކީ މި ދެންނެވި ކެޓަގަރީގަ ހިމެނޭ ދެވަނަ ފަރާތަކަށް ނޫނިއްޔާމު ތިންވަނަ ފަރާތަކަށް އަސްލު ޑޮމެއިން ގޮތުގަ ނެތި އެކަމަކު ޓްރާންސްޕޯޓުގެ ބެކްއެންޑުން ކްރިއޭޓްކޮށްގެން ޑޮމެއިން ޑޮކިއުމެންޓްސް ދީގެން ލިބިފަހުރި ޑޮމެއިންތައް" އަމީން ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން ތިން އެނެކްސްއަކަށް ބަހާލާފަ އަޅުގަނޑުމެން އިއުލާންކުރާނަން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެތިން ހަފުތާއެއްގެ ތެރޭގަ ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގަ ވަރަށް ފަސޭހަ ނިޒާމެއްގެ ތެރޭގަ އެ ބޭފުޅުންގެ އަތުގަ ހުރި ރިކޯޑްސްތަކާއެކީގަ ޓްރާންސްޕޯޓް މިނިސްޓްރީއަށް ގެނެސްދެއްވައިގެން މި އެއްޗެހި ސައްހަ ޑޮމެއިންތަކެއްގެ ގޮތުގަ ބަދަލުކުރަން"

އަމީން ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ވަކި ބަޔަކު ކުރި ގޯސް ކަންތައްތަކެއްގެ ބުރަ އުފުލަން ރައްޔިތުން ޖެހިގެން ނުވާނެ ކަމަށާއި އެއީ ރައްޔިތުންގެ ކުށެއް ނޫން ކަމަށެވެ. ސައްހަ ޑޮމެއިން ހުރި މީހުންގެ މައުލޫމާތު ފުލުހުން މެދުވެރިކޮށް އާންމު ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.