ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު ގެޒެޓުގައި ޝާއިއުކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކުރުން ލާޒިމުކޮށް ބިމާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު ހުށަހެޅުއްވި އެ ބިލު މަޖިލީހުގެ މިއަދުގެ ޖަލްސާ އިން ފާސްކުރީ، ޖަލްސާގައި ތިއްބެވި 41 މެންބަރުންގެ ތެރެއިން 35 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ދިރިއުޅުމަށް ދޫކުރާ ގޯތި ލިބުނު މީހުންގެ ލިސްޓު ނެރޭތާ ހަ މަސް ދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކުރުން ލާޒިމު ކުރުމަށް ބިމާ ބެހޭ ގާނޫނުގައި ހިމަނަން މި ބިލުގައި މަޖިލީހަށް ހުށަހެޅި ނަމަވެސް އެ މުއްދަތު ތިން މަސް ދުވަހަށް ބިލް ދިރާސާ ކުރި ކޮމިޓީން ވަނީ ކުޑަ ކޮށްފައެވެ.

މީކާއީލް ވިދާޅުވީ ގާނޫނަށް މި އިސްލާހު ގެނައުމުގެ މައިގަނޑު ސަބަބަކީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިންގި "ބިންވެރިޔާ ސްކީމް" ގެ ދަށުން އެތައް އަހަރު ތަކަކަށްފަހު މާލެ ސަރަހައްދުން ދޫކުރަން ނިންމި ބަންޑާރަ ގޯތިތައް، އެ ގޯތިތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ގެޒެޓްގައި އާއްމު ކުރުމަށްފަހު އެތައް ދުވަހެއް ފާއިތުވެފައި ވީނަމަވެސް، އެ ގޯތިތައް ހަވާލު ކޮށްފައި ނުވާތީ، އެ ފަރާތްތަކުން ފާޅު ކުރަމުންދާ ކަންބޮޑުވުންތަކަށް ގާނޫނީ ގޮތުން ހައްލެއް ހޯދައިދިނުން ކަމަށެވެ.

މި ފަދަ މައްސަލަތައް ތަކުރާރުވެގެން ނުދާނޭކަން ކަށަވަރު ކުރުމާއި ބަންޑާރަ ގޯތި ދޫކުރާ އިދާރާތަކުން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށްފަހު، އެ ފަރާތްތަކަށް އަވަސް މުއްދަތެއްގައި ގޯއްޗާއި ގޯތީގެ ރަޖިސްޓްރީ ހަވާލުކުރަން ޖެހޭގޮތް ހެދުން ކަމަށްވެސް ވިދާޅުވިއެވެ.

ގާނޫނުގައި ހިމަނަން މީކާއީލް ހުށަހަޅުއްވާފައިވާ މާއްދާތަކުގައި ބުނެފައި ވަނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް އެ ގޯތި ދޫކުރި އިދާރާއަކުން ގޯތި ހަވާލު ކުރަންވާނެ ކަމަށެވެ.

މި ގާނޫނަށް އަމަލު ކުރަން ފަށާއިރު، ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ގެޒެޓް ކުރުމަށްފަހު ހަވާލު ކޮށްފައި ނުވާ ގޯތިތައް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު ފަރާތްތަކާ، އެ ގޯތި ދޫކުރި އިދާރާއަކުން ހަވާލު ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް، ގެޒެޓް ކުރާ ތާރީހުން ފެށިގެން ގިނަ ވެގެން ހަ މަސް ދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ، އެ ގޯތި ދޫކުރި އިދާރާއިން ހަވާލު ކުރަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ގާނޫނަށް އަމަލު ކުރަން ފަށާއިރު ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ގެޒެޓް ކުރުމަށްފަހު ރަޖިސްޓްރީ ހަވާލު ނުކޮށްވާ ގޯތިތަކުގެ ރަޖިސްޓްރީ މި ގާނޫނަށް އަމުލު ކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު ފަރާތްތަކާ، އެ ގޯތި ދޫކުރި އިދާރާއިން ހަވާލު ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.