މާލޭގައި ކުރިއަށްދާ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގެ ފިރިހެން ޑަބަލްސް ބައިން ރާއްޖޭގެ އިސްމާއީލް އަޒްމީން އާއި ހަސަން ނާޒިމް (ނާނަ)ގެ ޕެއާ ރިހި މެޑަލް ހޯދައިފިއެވެ.
ހަ ވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ރާއްޖޭގައި ފެށީ މިދިޔަ އާދީއްތަ ދުވަހުއެވެ. އޭޝިއާގެ މައި ކެރަމް މުބާރާތް މިފަހަރު މި ބާއްވަނީ 10 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. މީގެ ކުރިން މި ސަރަހައްދުގައި ކެރަމްގެ އޭޝިއާ މުބާރާތް ބޭއްވީ 2013 ވަނަ އަހަރުއެވެ. އެ ފަހަރު ބޭއްވީ އިންޑިއާގެ ކަލްކަތާގައެވެ.
މި ފަހަރުގެ މުބާރާތް، ފަސް ދުވަހަށް ދިގުދެމިގެންދާއިރު، މުބާރާތް ކުޅެމުންދަނީ ސޯޝަލް ސެންޓަރު އިންޑޯ ހޯލުގައެވެ. ހަތް ގައުމުން 100 އެއްހާ ކުޅުންތެރިންނާއި ޑެލިގޭޓްސް މުބާރާތުގައި ބައިވެރިވާ އިރު، ދުނިޔޭގެ އެންމެ ފުންނާބު އުސް ކުޅުންތެރިން ވެސް މުބާރާތުގައި ވަނީ ބައިވެރިވެފައެވެ.
މުބާރާތުގެ ޑަބަލްސް އިވެންޓްތައް އިއްޔެ ކުރިއަށް ގޮސްފައިވާ އިރު، ފިރިހެން ޑަބަލްސް އިވެންޓްގެ ފައިނަލަށް އަޒްމީނާއި ނާޒިމް ދަތުރުކުރީ ސިންގަޕޫރުގެ ލީނަސް ޕޯލާއި ބާލާޖީގެ ޕެއާ އަދި ބަންގްލަދޭޝްގެ ބިޕްލޮބް ރޯއީއާއި އެމްޑީ އަލީގެ ޕެއާ ބަލިކުރުމަށްފަހުއެވެ.
ފައިނަލުގައި އަޒްމީނާއި ނާޒިމް ނުކުތީ އިންޑިއާގެ ކޭ ސްރީނިވާސްއާއި މުހައްމަދު ގުފްރާންގެ ޕެއާއާ ދެކޮޅަށެވެ. ސީދާ ދެ ގޭމުން އިންޑިއާ ޕެއާ މޮޅުވި އިރު، ގޭމްތައް ދިޔައީ 25-15 އަދި 25-16 އިންނެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި ރާއްޖޭހެ ޕެއާއަކުން ހޯދި ފުރަތަމަ ރިހި މެޑަލްއެވެ. އެ މެޑަލް އަމިއްލަ ގައުމުގައި ހޯދުމަކީ އަޒްމީނާއި ނާޒިމްގެ ޕެއާއަށް ލިބުނު ހާއްސަ ޝަރަފެކެވެ.
ފިރިހެން ޑަބަލްސްގެ ބައިން ތިންވަނަ ހޯދީވެސް އިންޑިއާގެ ޕެއާއަކުންނެވެ. އެއީ އެއޯ ސަންދީޕް ދީވްއާއި ޖުގަލް ކިޝޯރު ދުއްތާގެ ޕެއާއިންނެވެ.
އިއްޔެ އަންހެން ޑަބަލްސް މެޗުތައްވެސް ކުރިއަށް ގޮސްފައިވާ އިރު، ރާއްޖޭގެ އައިމިނަތު ވިދާދާއި އައިޝަތު ނަހުފާގެ ޕެއާ ވަނީ ސެމީ ފައިނަލުގައި ވާދަކޮށްފައެވެ. އެޕެއާ ވަނީ ސެމީގައި އިންޑިއާގެ ރަޝްމީ ކުމާރާއި ކޭ ނަގާޖޯތީގެ ޕެއާ އަތުން ބަލިވެފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު