މިއަދުގެ އިރުއޮއްސި 6:00 އާއި ހަމަޔަށް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ ކަމަށް ލަފާ ކޮށް މޫސުމާބެހޭ އިދާރާ(މެޓްއޮފީސް) އިން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓު އޮފީހުން މިއަދު ހެނދުނު 7:00 އިން މިރޭ 12:00 އަށް ލަފާ ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ހުޅަނގު ދެކުނާއި ހުޅަނގުން އުތުރުގެ އަތޮޅުގެ ރަށްތައް ފިޔަވައި ރާއްޖޭގެ އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ހުޅަނގުދެކުނާއި ހުޅަނގުން އުތުރުގެ އަތޮޅުގެ ރަށްތަކަށް މިއަދު ހެނދުނު 7:00 އިން މިރޭ 12:00 އަށް ވައިޖެހޭނެ ކަމަށް ލަފާކޮށްފައި ވަނީ ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދު ބާރުމިނުގައެވެ.

މިއަދުގެ ހެނދުނު 7:00 އިން 02:45 އަށް ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. މެޓުން ބުނީ، ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓު އޮފީހުގެ ތަފާސް ހިސާބުތައް ދަައްކާގޮތުން އިއްޔެގެ ހެނދުނު 8:00 އިން މިއަދުގެ ހެނދުނު 8:00އަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ބ. ގޮއިދޫއަށެވެ. ގޮއިދޫއަށް 81.4 މިލިލީޓަރުގެ ވާރޭ ވެހިފައިވެއެވެ.

މިދުވަސްވަރަކީ މޫސުން ގޯސްވާނެ ދުވަސްތަކެއް ކަމަށް ލަފާ ކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުންވެސް ދަތުރުކުރުމުގައި ސަމާލުވާން ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެ އެވެ.