މެލޭޝިއާގައި ކުރިއަށްދިޔަ 59 ވަނަ މައިލޯ އެމްއޭއެސް މެލޭޝިއާ އިންވިޓޭޝަނަލް އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްސް 2024 ގައި ރާއްޖޭގެ ހަނާން ހުސެއިން ހަލީމާއި މުހައްމަދު ރިހާން ޝިހާމް އަދި ހަމްނާ އަހުމަދުވެސް ގައުމީ ރެކޯޑުތަކެއް އާކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ އިވެންޓްތަކުގައި ހަނާނާއި ރިހާން ރެކޯޑު ހެދި އިރު، ހަމްނާ ރެކޯޑު އާކުރީ އިއްޔެއެވެ. ރިހާން އިއްޔެ އޭނާގެ ރެކޯޑެއް އާކޮށް، އިތުރު ރެކޯޑެއް މުގުރާލި އިރު، ހަނާން އާކުރީ އޭނާގެ އަތުގައި އޮތް ރެކޯޑެވެ.

ރިހާން މިފަހަރު މުގުރާލި ރެކޯޑަކީ ފިރިހެނުންގެ ލޯންގް ކޯސް 50 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑެވެ. ރިހާން އެ ރެކޯޑު މުގުރާލީ 26.98 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ. އެ ރެކޯޑަކީ މީގެ ކުރިން މުހައްމަދު އާން ހުސައިން އަތުގައި އޮތް ރެކޯޑެވެ. އޭނާ 11 ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި ރެކޯޑު ހަދާފައި އޮތީ 27.23 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ރިހާން މިފަހަރު އާކޮށްފައިވަނީ ފިރިހެނުންގެ ލޯންގް ކޯސް 400 މީޓަރު ފްރީސްޓައިލް އިވެންޓުގެ ރެކޯޑެވެ. މީގެ ކުރިންވެސް އޭނާ އަތުގައި އޮތް ރެކޯޑު ރިހާން އާކުރީ ހަތަރު މިނެޓް، 28.34 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރިހާން އަތުގައި ކުރިން އޮތް ރެކޯޑަކީ އެރީނާ ތައިލަންޑް އޭޖްގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްސްގައި ހަތަރު މިނެޓް، 29.70 ސިކުންތުން ރޭސް ނިންމައިގެން ހަދާފައި އޮތް ރެކޯޑެކެވެ.

ހަނާން ހޮނިހިރު ދުވަހު އާކުރީ އޭނާ އަތުގައި އޮތް އަންހެނުންގެ ލޯންގް ކޯސް 50 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑެވެ. އޭނާ މިފަހަރު ރޭސް ނިންމީ 31.68 ސިކުންތުންނެވެ. މީގެ ކުރިން ފެބްރުއަރީ މަހު ތައިލަންޑްގައި ބޭއްވުނު ބްރިޓިޝް އިންޓަނޭޝަނަލް ސްކޫލްސް އިން އޭޝިއާ ސްވިމިން އިންވިޓޭޝަނަލް މުބާރާތުގައި ހަނާން ރޭސް ފުރިހަމަ ކޮށް، އޭރު ރެކޯޑު ހަދާފައި އޮތީ 32.00 ސިކުންތުންނެވެ.

ހަމްނާ އިއްޔެ އާކުރީ އަންހެނުންގެ ލޯންގްކޯސް 100 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑެވެ. ހަމްނާ އިއްޔެގެ ރޭސް ފުރިހަމަ ކުރީ އެއް މިނެޓް، 17.69 ސިކުންތުންނެވެ. މީގެ ކުރިން މިދިޔަ އަހަރުގެ 20 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ހަމްނާ ހަދާފައިވާ ރެކޯޑުގެ ޓައިމިންއަކީ އެއް މިނެޓް، 18.17 ސިކުންތެވެ. އެހެންކަމުން މިފަހަރު ހަމްނާ ރެކޯޑު އާކުރީ ސިކުންތެއްގެ ފަރަގުންނެވެ.