ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ ފްލެޓްތަކުގެ މަސައްކަތް ނިމެންވާ އިރަށް، ކުރީ ސަރުކާރުން އެ ފްލެޓުތައް ދޫކުރި ގޮތް ބަލަން އުފެއްދި ކޮމިޓީގެ މަސައްކަތް ނިންމާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުނުން ދަނީ ހުޅުމާލޭގައި 4،000 ފްލެޓް އެޅުމުގެ މަސައްކަތް އިންޑިއާގެ ކުންފުނިތަކާ ހަވާލުކޮށްގެން ކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން ޖުންލަ 16 ޓަވަރެއް ހަދާނެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަހު ދުވަސްކޮޅުގައި އެ ފްލެޓްތައް ލިބޭނެ މީހުންގެ ލިސްޓެއް ނެރުނެވެ. ނަމަވެސް އެކަމުގައި މައްސަލަ އުޅޭތީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފްލެޓުތައް ހަވާލު ކުރުން ހުއްޓުވި އެވެ. އަދި އެ މައްސަލަ ބެލުމަށް ފަހު ބޮޑެތި މައްސަލަތަކެއް އެ ކޮމިޝަނުން ވަނީ ފާހަގަ ކޮށްފަ އެވެ. އެގޮތުން ނުހައްގުން ޕޮއިންޓު ދިނުމާއި ދިރިއުޅުމުގެ ހާލަތު ނުބެލުން ފަދަ ކަންކަން ފާހަގަކޮށްފައިވެއެވެ.
މި ސަރުކާރުންވެސް ވަނީ، ފްލެޓްތަކުގެ މައްސަލަ ބަލައި ހައްގުވާ މީހުންނަށް ފްލެޓް ދިނުމަށް އާ ކޮމިޓީއެއް އެކުލަވާލައިފައެވެ،
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމުގެ ތަފްސީލްތައް ދެއްވަމުން ޗީފް ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ، ފްލެޓް ކޮމިޓީގެ މަސައްކަތް ނުހުއްޓޭކަމަށާއި މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށެވެ.
"ފްލެޓުތަކުގެ މަސައްކަތް އަދި ނުނިމޭ. އެހެންނަމަވެސް ފްލެޓުތައް ނިމެން ވާއިރަށް އަޅުގަނޑުމެން މި އުންމީދު ކުރަނީ ފްލެޓް ކޮމިޓީގެ ޑިޒިޝަންތައް ނިމި އެ ހައްގުވެރި ފަރާތްތަކަށް އެ ހަވާލު ކުރެވިގެން ދާނެ. ކަމަށް" ހީނާ ވިދާޅުވި އެވެ.
މި ސަރުކާރުގެ އަމާޒަކީ، މި ދައުރުގެ ތެރޭގައި ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު