ހީނާމާގެ ޕާކިންއަށް ކުނިއެޅި މީހުންގެ ތެރެއިން ތިން މީހަކު ދެނެގަތުމަށްފަހު ޖޫރިމަނާކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން ވަނީ މިއަދު ހީނާމާގޭ ޕާކިން ކުނިއެޅި ހަތަރު މީހެއްގެ ވީޑިއޯ އާންމުކޮށްފައެވެ. އެ ވީޑިއޯތަކަކީ އާންމުންގެ ފަރާތަކުން ސިޓީ ކައުންސިލާ ހިއްސާކުރި ވީޑިއޯތަކެކެވެ.
ސިޓީ ކައުންސިލުން އެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ޕޯސްޓު ކުރުމަށްފަހު ބުނީ ހީނާމާގެ ޕާކިންއަށް ކުނިއެޅި ބައެއް މީހުން ދެނެގަނެވިފައިވާ ކަމަށެވެ.
ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ "ވަން" އަށް މިރޭ ވިދާޅުވީ ޕާކިން ޒޯނަށް ކުނިއެޅި ތިން މީހަކު 500 ރުފިޔާއިން ޖޫރިމާނާކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މާލޭގެ އެކި ހިސާބުތަކަށް ކުނި އެޅުމުގެ ސަބަބުން މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި 180 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ މަގުތަކަށް ކުނިއަޅާ މީހުންގެ މައުލޫމާތު ސިޓީ ކައުންސިލާ ހިއްސާކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
މާލޭގެ މަގުތަކަށް ކުނިއެޅުން ހުއްޓުވުމުގެ ގޮތުން މަގުތަކަށާއި އެ ނޫން ވެސް ތަންތަނަށް ކުނިއަޅާ މީހުންގެ ފޮޓޯއާއި ވީޑިއޯ https://complaints.malecity.gov.mv/en މެދުވެރިކޮށް ކައުންސިލާ ހިއްސާ ކުރެވެން ހުރެއެވެ. އަދި ކުނިއަޅާ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ، 9341144 ވައިބާ ކުރެވެން ވެސް ހުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު