ފާއިތުވި ދެ ތިން ހަފުތާއެއްގެ ތެރޭގައި މެދުއިރުމަތީގެ ހާލަތު ވަނީ ގޮވަން ތައްޔާރުވެފައިވާ ޓައިމް ބޮމެއްގެ މިސާލަށް ބަދަލުވެފައެވެ. މީގެ ހަފުތާއެއް ކުރިން އީރާނުން ވަނީ އިޒްރޭލަށް މިސައިލާއި ޑްރޯނުން ހަމަލާތަކެއް ދީފައެވެ. އޭގެފަހުން އިޒްރޭލުންވެސް ވަނީ މިހަފުތާގައި އީރާނަށް ހަމަލާއެއް ފޮނުވާލައިފައެވެ. އިޒްރޭލުގެ ހަމަލާޔަކީ ނިސްބަތުން ވަރަށް ދެރަވަރު ހަމަލާއެކެވެ. އީރާނުން ބުނަނީ އިޒްރޭލުގެ ތިން ހަތަރު ޑްރޯނެއް އޭގެ އަމާޒަށް ވާސިލްވުމުގެ ކުރިން ވައްޓާލައިފި ކަމުގައެވެ. އަމާޒުކުރީ އިސްފަހާނަށެވެ. ކުރިން ހީކުރެވިފައި އޮތީ އިޒްރޭލުގެ ކޮންމެ ހަމަލާޔަކަށް އެއަށްވުރެ ވަރުގަދަ ރައްދެއް އީރާނުން ދޭނެ ކަމުގައެވެ. ބުނަމުން އައީވެސް އެހެންނެވެ. އެކަމަކު އިޒްރޭލުގެ މި ހަރަކާތަށްފަހު އީރާނުގެ ބަސްމަގު ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. މިހާރު ބުނަނީ މިހާރުން މިހާރަށް އަވަސްއަރުވާލައިގެން ރައްދުދިނުމެެއް ނެތްކަމުގައެވެ. އެކަމަކު ކުރިން ނުބުނާ އައު ވާހަކައެއްވެސް ބުނެފިއެވެ. އެއީ ކޮންވާހަކައެއްތޯއެވެ.
އީރާނުގެ އިންގިލާބީ ގާޑުންގެ ކޮމާންޑަރަކު އިއްޔެ ވިދާޅުވެފައިވަނީ އިޒްރޭލުން އީރާނަށް ހަމަލަދެނީ ކަމަށްވަންޏާ އަދި އީރާނަށް އިޒްރޭލުގެ ފަރާތުން ނުރައްކާ ބޮޑުވަމުން ދަންޏާ އީރާނުގެ ނިއުކުލިއަރ ސިޔާސަތު ބަދަލުކުރަން މަޖުބޫރުވާނެ ކަމުގައެވެ. މިއީ ހަގީގަތުގައިވެސް ވަރަށް ބޮޑު ވާހަކައެކެވެ. ވިސްނައިލަންޖެހޭ ވާހަކައެކެވެ. އީރާނުގެ ނިއުކުލިއަރ ސިޔާސަތަކީ ކޮބައިބާވައެވެ. އެ ސިޔާސަތަކީ ސުލްހަވެރި ބޭނުންތަކަށް ނިއުކުލިއަރ ހަކަތަ ބޭނުންކުރުމާއި ހަކަތަ އުފެއްދުމުގެ ދާއިރާގައި ނިއުކުލިއަރ ޓެކްނޮލޮޖީ ތަރައްގީކޮށް ބޭނުންކުރުމުގެ ސިޔާސަތެވެ. މި ސިޔާސަތު ބަދަލުކުރަންޏާ އޭގެ މާނަޔަކީ ނިއުކުލިއަރ ބޮން އުފެއްދުމެވެ. އެބުނާ ވާހަކައަކީ މިއެވެ. ނިއުކުލިއަރ ބޮން އުފައްދަން އަހަރެމެންނަށް މަޖުބޫރު ނުކުރާށެވެ. މިވަގުތު އެ ބޮމެއް ނެތެވެ. އެކަމަކު އުފައްދަން ޖެހިދާނެއެވެ. އެއީ އަހަރެމެންގެ ކެރިކުޅަދާނަ ކަމުގެ ތެރޭގައިވާ ކަމެކެވެ. މިއީ އިއްޔެއާ ހަމައަށް އީރާނުގެ އެއްވެސް ވެރިޔަކު ވިދާޅުވެފައިނުވާ ވާހަކަފުޅެކެވެ.
އީރާނުގެ ނިއުކުލިއަރ މަޝްރޫއަކީ އަހަރުތަކެއް ވެފައިވާ މަޝްރޫއެކެވެ. މި މަޝްރޫއަކާ ޖެހިގެން އިޒްރޭލާއި ހުޅަނގުގެ ގައުމުތަކަށް ހަމަނިދި ނުލިބިގެން ތެޅިފޮޅޭތާވެސް އަހަރުތަކެއް ވެއްޖެއެވެ. އީރާނާ ދެކޮޅަށް ނަންހުސްކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން އެތިބީ މި މަޝްރޫއު މަޑުޖައްސައިލުމުގެ ނިޔަތުގައެވެ. ނާކާމިޔާބުކޮށްލުމުގެ ވިސްނުމުގައެވެ. އެކަމަކު އެހެނެއް ނުވިއެވެ. އީރާނު ދަނީ ނިއުކުލިއަރ ފަންނުގައި ކުރިއަރަމުންނެވެ. ނިއުކުލިއަރ ހަކަތަ އުފެއްދުމާއި ނިއުކުލިއަރ ބޮން އުފެއްދުމަކީ މުޅިން ތަފާތު ދެކަމެކެވެ. އެކަމަކު ހަކަތައިގެ ދާއިރާގައި ވަކި ހިސާބަކަށް ދެވުނީމާ ދެން ބޮން އުފެއްދުމަކީ ދާދި އަވަހަށް ދާދިފަސޭހައިން ކުރެވިދާނެ ކަމެކެވެ. އީރާނު އެއޮތީ ޔުރޭނިއަމް ފައްކާކުރުމުގައި އެންމެ މަތީ މަރުހަލާއަށް ވާސިލްވެފައެވެ. ނުވަތަ އެހިސާބަށް ވާސިލްވުމާ ކައިރީގައެވެ. ބައިނަލްއަގުވާމީ އެޓަމިކް ހަކަތަޔާބެހޭ އިދާރާގެ ބެލުންތަކާއި ހޯދުންތަކުންވެސް އެކަންވަނީ ކަށަވަރުވެފައެވެ. މީގެ މާނަޔަކީ ކޮބައިތޯއެވެ.
މީގެ މާނަޔަކީ ނިއުކުލިއަރ ބޮން އުފައްދަން ބޭނުންވެއްޖެނަމަ ދާދި ފަސޭހައިން އަދި ދާދިއަވަހަށް އެކަންކުރެވޭނެ މަގާމެއްގައި އީރާނު އޮތުމެވެ. އީރާނުގެ އިންގިލާބީ ގާޑުންގެ ކޮމާންޑަރަކު އެ އިޝާރާތް ކުރެއްވީ އެކަމަށެވެ. އެވިދާޅުވަނީ މަޖުބޫރު ނުކުރާށޭއެވެ. އެހެން ވިދާޅުވާނީ ބިރުދެއްކުމަކަށް ނޫނެވެ. އިންޒާރު ދިނުމަކަށްވެސް ނޫނެވެ. ހަގީގަތެއް ހާމަކުރުމަށެވެ. ގައުމުގެ ދިފާއުގައި ކަމެއްކުރަން ޖެހިއްޖެނަމަ އެކަންކުރާނޭކަމާއި ކުރެވޭނެ މަގާމަކަށް ވާސިލްވެފައިވާކަން އެންގުމަށެވެ. ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި ނިއުކުލިއަރ ބޮމެއް ނުވަތަ ބޮންތަކެއް އެސެމްބްލްކޮށް ހައިޕަރސޮނިކް މިސައިލްތަކުގައި ހަރުކުރަން ބޭނުންވެއްޖެނަމަ އެކަމަށް މިހާރު ގިނަ ވަގުތުތަކެއްވެސް ބޭނުމެއް ނުވާނެއެވެ. މިކަން ހުއްޓުވުމަށް އިޒްރޭލަށްވެސް އަދި އެމެރިކާއަށްވެސް ކުރެވޭނެ ކަމެއް ނެތެވެ. އީރާނުގެ ނިއުކުލިއަރ މަރުކަޒުތައް ހުރީ އުސްވެގެންވާ ބޮޑެތި ފަރުބަދަތަކުގެ އަޑީގައިވާ ބިންގަރާސްތަކުގައެވެ. އެއިން ތަނެއް ހަލާކުކޮށްލެވޭނެ ހަތިޔާރެއް ނެތެވެ. ކިތަންމެ ބޭނުންވިޔަސްމެއެވެ.
އީރާނުން ރަސްމީކޮށް ނިއުކުލިއަރ ބޮމެއްގެ އަޖުމަބަލައި ތަޖުރިބާކޮށް ނިއުކުލިއަރ ކުލަބަށް ވަދެއްޖެނަމަ ދެންވާނީ ކިހިނެއްބާވައެވެ. މާބޮޑުކަމެއް ނުވާނެއެވެ. ވާނެކަމަކީ އީރާނަށް ސީދާ ހަމަލައެއް ދޭން ނުކެރުމެވެ. ބިރުގަތުމެވެ. އެހެންވީމާ އަސްކަރީ ހަމަލައެއްގެ ބިރު ކުޑަވާނެއެވެ. އެކަމަކު އިގްތިސާދީގޮތުންނާއި ސިޔާސީގޮތުން އީރާނަށް ކުރަމުންދާ ފުރައްސާރަ ދެންވެސް ކުރިއަށް ގެންދާނެއެވެ. ފަހަރުގައި އެކަންކަން ކުރިއަށްވުރެވެސް ވަރުގަދަ ވެދާނެއެވެ. ދައުލަތެއްގެ ގޮތުގައި އީރާން ފޭލްކޮށްލުމުގެ ނިޔަތުގައެވެ. ނިއުކުލިއަރ ކުލަބަށް ވަދެއްޖެނަމަ އީރާނު ވާނީ މި ކުލަބުގެ ދިހަވަނަ މެންބަރު ކަމުގައެވެ. މިހާރު ތިބީ ނުވަ މެންބަރުންނެވެ. ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ފަސް މެންބަރުންނާއި ގާނޫނީ ހައިސިއްޔަތު ލިބިފައިނެތް ހަތަރު މެންބަރުންނެވެ. ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ފަސް މެންބަރުންނަކީ އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުންނެވެ. އެމެރިކާ، ރަޝިޔާ، ފްރާންސް، ޗައިނާ އަދި އިނގިރޭސިވިލާތެވެ. ގާނޫނީ ހައިސިއްޔަތު ލިބިފައިނުވާ ހަތަރު މެންބަރުންނަކީ އިންޑިޔާ، ޕާކިސްތާނު، އުތުރު ކޮރެޔާ އަދި އިޒްރޭލެވެ.
ނިއުކުލިއަރ ހަތިޔާރު ގެންގުޅުމުގެ ގާނޫނީ ހުއްދަ އޮތުމާއި ނެތުން ގުޅިފައިއޮތީ ބައިނަލްއަގުވާމީ ނިއުކުލިއަރ މުއާހަދާޔާއެވެ. އެ މުއާހަދާގައި ސޮއިކުރުމުގެ ކުރިން ނިއުކުލިއަރ ހަތިޔާރު އުފެއްދި ގައުމުތަކަށް އެކަން ހުއްދަވީއެވެ. އޭގެފަހުން އުފެއްދި ގައުމުތަކަށް އެކަން ހުއްދަނުވީއެވެ. މަނާވީއެވެ. އެންމެފަހުން ނިއުކުލިއަރ ބާރަކަށްވި ގައުމަކީ އުތުރު ކޮރެޔާއެވެ. އެގައުމުން އެންމެ ފުރަތަމަ ނިއުކުލިއަރ ހަތިޔާރެއް އުފެއްދީ 2006 ވަނަ އަހަރުއެވެ. އަންދާޒާ ކުރެވިފައިވާ ގޮތުން އުތުރު ކޮރެޔާގައި ފަންސާސް ބޮން އެބައޮތެވެ. ނިއުކުލިއަރ ހަތިޔާރު ހުރި ގައުމުތަކުގެ ތެރެއިން މުޅިން ތަފާތު ގިންތިއަކަށް ފެތޭ އޮތީ އެންމެ ގައުމެކެވެ. އެއީ އިޒްރޭލެވެ. އިޒްރޭލަކީ ނިއުކުލިއަރ މުއާހަދާގައި ބައިވެރިވާ ގައުމެއް ނޫނެވެ. ނިއުކުލިއަރ ހަތިޔާރު ހުރި ކަމަށް އެއްބަސްވާ ގައުމެއްވެސް ނޫނެވެ. އެކަމަކު ދޭތެރެޔަކުން އެހެން ގައުމުތަކަށް ބިރުދެއްކުމަށް ޒާތްޒާތުގެ އިންޒާރުދޭއިރު ބުޅާ ގޯނިން ބޭރުވެއެވެ. ގާޒާގެ މައްސަލައިގައިވެސް މި ސިއްރު އޮތީ ދާދިފަހުން ބޭޒާރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު