ސްކޭމް ކޯލުތަކުން ރައްޔިތުން ސަލާމަތްކުރުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނު (ޑީއެންއާރު) އާއި ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް (ދިރާގު) އާދެމެދު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ.

ޑީއެންއާރުން ބުނީ، އެއްބަސްވުމުގެ ދަށުން ދިރާގުން ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތްތަކުގެ ސައްހަކަށް ޑީއެންއާރުގެ ޑޭޓާ މެދުވެރިކޮށް ކަށަވަރު ކުރެވޭނެ ކަމަށެވެ. އަދި މިހާރު އާންމުވަމުންދާ ސްކޭމް ކޯލްތައް ހުއްޓުވުމަށް ވަރަށް ބޮޑަށް އެހީއަކަށްވާނެ ކަމަށްވެސް ބުންޏެވެ.

"ކޮންމެ މީހަކުވެސް ސިމްކާޑެއް ނަގަން ދިއުމުން ނުވަތަ ދިރާގުގެ އެއްވެސް ހިދުމަތެއް ނަގާނަމަ އެ ފަރާތެއްގެ މައުލޫމާތު ޑީއެންއާރުގައި ހުރި މައުލޫމާތު ބޭނުންކޮށްގެން ވެރިފައި ކުރެވޭނެ. އަދި އޮޅުވާލައިގެން ސިމްކާޑު ނެގުންވެސް މީގެން ހުއްޓުވިގެން ދާނެ،" ޑީއެންއާރުން ބުންޏެވެ.

އެ ޑިޕާޓްމަންޓުން ބުނީ، އެ އެއްބަސްވުމުގައި ދެ ފަރާތުން ގެންގުޅެން ޖެހޭނެ އުސޫލުތައް ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމާއެކު ޑީއެންއާރުގެ އޭޕީއައި އޮތެންޓިކޭޝަން ކްރިޑެންޝަލްސް މެދުވެރިކޮށް ޑީއެންއާރުން ބަލަހައްޓަމުން އަންނަ ދިވެހިންގެ މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށް ބުންޏެެވެ.