މޯލްޑިވް ގޭސްގެ ކުރީގެ މެނޭގިން ޑިރެކްޓަރު އަބުދުﷲ މައުމޫނަށް ކޮށްފައިވާ ކޮރަޕްޝަންގެ ދައުވާތަކާ ގުޅިގެން، އޭނާ ޝަރީއަތަށް ހާޒިރުވުމަށް އިންކާރުކުރާ ހާލަތުގައި، ހައްޔަރުގައި ބަހައްޓައިގެން އޭނާ ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް ނެރެދިނުމަށް ކުރިމިނަލް ކޯޓުގައި އެދިފައިވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
ޕީޖީ އޮފީހުން މިހެން ބުނެފައިވަނީ ކޮރަޕްޝަންގެ ހަތް ދައުވާއެއް މައުމޫނުގެ މައްޗަށް ކޮށްފައިވާކަން ހާމަކޮށް ނެރުނު ބަޔާނުގައެވެ.
ޕީޖީ އޮފީހުން ބުނީ އަބްދުﷲ މައުމޫނަކީ މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ މީހެއްކަމަށް އެންޓި ކޮރަފްޝަން ކޮމިޝަން (އޭސީސީ)އިން މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންކަމުން އޭނާ ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން ވީ އެންމެ އަވަސް ތާރީހަކަށް މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
"ދައުވާ ލިބޭ މީހާ ޝަރީއަތަށް ހާޒިރުވުމަށް އިންކާރުކުރައްވާ ހާލަތުގައި، އޭނާ ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް ނެރެދެއްވުމަށްވެސް ކޯޓުގައި އެދިފައިވާނެއެވެ. އެފަދަ އަމުރެއް ނެރެދެއްވާ ހާލަތުގައި އިންޓަޕޯލް މެދުވެރިކޮށް، ދައުވާ ލިބޭ މީހާ ދިވެހިރާއްޖެއަށް އަނބުރާ ގެނައުމުގެ މަސައްކަތް ކުރުމުގެ ފުރުސަތު، ދިވެހި ފުލުހުންގެ ހިދުމަތަށް ފަހިވާނެއެވެ.،" ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ޕީޖީ އޮފީހުން ބުނީ މައުމޫނާއި އޭނާގެ އާއިލީ ބައެއް މީހުންނާއި އޭނާއާ ގުޅުން އޮންނަކަމަށް ތުހުމަތު ކުރެވޭ ބައެއް ކުންފުނިތަކަށް ރިޝްވަތުގެ ހަތް ދައުވާއެއް އުފުލާފައިވާ ކަަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ، މޯލްޑިވް ގޭސްގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓަނޭޝަނަލްއިން ފައިސާ ފޮނުވާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ކަމަށްވެސް ބުނެފައިވެއެވެ.
ފުރަތަަމަ ދައުވާއަކީ ހަތެއް އޭޕްރީލް 2016 ގައި މައުމޫންގެ ބީއެމްއެލް އެކައުންޓަކަށް 29،941.50 ޑޮލަރު ޖަމާކޮށްފައިވާ މައްސަލައާ ގުޅިގެން ކޮށްފައިވާ ދައުވާއެކެވެ.
ދެވަަނަ ދައުވާއަކީ ހަތެއް ޖޫން 2016 ގައި މައުމޫންގެ ބޭންކް އޮފް ސިލޯނުގެ އެކައުންޓަކަށް 49،921.50 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ މައްސަަލަކާއި، އޭނާއާ ގުޅުން ހުންނަ މޮން އާކް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ބީއެމްއެލް އެކައުންޓަކަށް 12،201.50 ޑޮލަރު ޖަމާކޮށްފައިވާ މައްސަލައެކެވެ.
ތިންވަނަ ދައުވާއަކީ އެކެއް އޯގަސްޓް 2016 ގައި މައުމޫނާ ގުޅުން އޮންނަ މޮން އާކް ކުންފުނީގެ ބީއެމްއެލް އެކައުންޓަކަށް 49،949.50 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ މައްސަލައެކެވެ.
ހަތަރުވަނަ މައްސަލައަކީ ނުވައެއް އޭޕްރީލް 2017 ގައި މައުމޫނާ ގުޅުން އޮތް ކުންފުންޏެއް ކަމަށްވާ، އައި ޑިވެލޮޕާސް ޕްރައިވެޓް ލިމިޓެޑް އިސްލާމިކް ބޭންކް އެކައުންޓަކަށް 24،930 ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ.
ފަސްވަނަ މައްސަލައަކީ، 15 މެއި 2017 ގައި މައުމޫނުގެ އިސްލާމިކް ބޭންކްގެ އެކައުންޓަކަށް 46،555 ޑޮލަރު ޖަމާކުރަން މަސައްކަތްކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ.
ހަވަނަ މައްސަލައަކީ 23 އޯ ގަސްޓް 2017 ގައި މައުމޫނުގެ އިސްލާމިކް ބޭންކްގެ އެކައުންޓަކަށް 49،955 ޑޮލަރު ޖަމާކޮށްފައިވާ މައްސަލައެކެވެ.
ހަތްވަނަ މައްސަލަކީ އަށެއް އޮކްޓޯބަރު 2017 ގައި މައުމޫނުގެ އެއްބަފާ ބޭބެ އަހުމަދު ހަމީދުގެ ބީއެމްއެލް އެކައުންޓަކަށް 34،950 ޑޮލަރު ޖަމާކޮށްފައިވާ މައްސަލައެކެވެ.
މި މުއާމަލާތްތަކާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އަބްުދުﷲ މައުމޫނާއި އޭނާއާ ގުޅުން ހުރި އެކައުންޓުތަކަށް 298،403.5 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީން ބުނެފައިވެއެވެ. އެއީ ދިވެހި ރުފިޔާއިން 4.6 މިލިޔަން ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު