ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގައި މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖީން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މައުމޫނާއި އޭނާގެ އާއިލީ ބައެއް މީހުންނާއި އޭނާއާ ގުޅުން އޮންނަކަމަށް ތުހުމަތު ކުރެވޭ ބައެއް ކުންފުނިތަކަށް ރިޝްވަތުގެ ހަތް ދައުވާއެއް އުފުލައިފިއެވެ.
ޕްރޮސިކިއުޓާ ޖެެނެރަލް އޮފީހުން ބުނީ، އޭގެ ތެރޭގައި ހިމެނެނީ، މޯލްޑިވް ގޭސްގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓަނޭޝަނަލްއިން ފައިސާ ފޮނުވާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ކަމަށެވެ.
ފުރަތަަމަ ދައުވާއަކީ ހަތެއް އޭޕްރީލް 2016 ގައި މައުމޫންގެ ބީއެމްއެލް އެކައުންޓަކަށް 29،941.50 ޑޮލަރު ޖަމާކޮށްފައިވާ މައްސަލައާ ގުޅިގެން ކޮށްފައިވާ ދައުވާއެކެވެ.
ދެވަަނަ ދައުވާއަކީ ހަތެއް ޖޫން 2016 ގައި މައުމޫންގެ ބޭންކް އޮފް ސިލޯނުގެ އެކައުންޓަކަށް 49،921.50 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ މައްސަަލަކާއި، އޭނާއާ ގުޅުން ހުންނަ މޮން އާކް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ބީއެމްއެލް އެކައުންޓަކަށް 12،201.50 ޑޮލަރު ޖަމާކޮށްފައިވާ މައްސަލައެކެވެ.
ތިންވަނަ ދައުވާއަކީ އެކެއް އޯގަސްޓް 2016 ގައި މައުމޫނާ ގުޅުން އޮންނަ މޮން އާކް ކުންފުނީގެ ބީއެމްއެލް އެކައުންޓަކަށް 49،949.50 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ މައްސަލައެކެވެ.
ހަތަރުވަނަ މައްސަލައަކީ ނުވައެއް އޭޕްރީލް 2017 ގައި މައުމޫނާ ގުޅުން އޮތް ކުންފުންޏެއް ކަމަށްވާ، އައި ޑިވެލޮޕާސް ޕްރައިވެޓް ލިމިޓެޑް އިސްލާމިކް ބޭންކް އެކައުންޓަކަށް 24،930 ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ.
ފަސްވަނަ މައްސަލައަކީ، 15 މެއި 2017 ގައި މައުމޫނުގެ އިސްލާމިކް ބޭންކްގެ އެކައުންޓަކަށް 46،555 ޑޮލަރު ޖަމާކުރަން މަސައްކަތްކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ.
ހަވަނަ މައްސަލައަކީ 23 އޯ ގަސްޓް 2017 ގައި މައުމޫނުގެ އިސްލާމިކް ބޭންކްގެ އެކައުންޓަކަށް 49،955 ޑޮލަރު ޖަމާކޮށްފައިވާ މައްސަލައެކެވެ.
ހަތްވަނަ މައްސަލަކީ އަށެއް އޮކްޓޯބަރު 2017 ގައި މައުމޫނުގެ އެއްބަފާ ބޭބެ އަހުމަދު ހަމީދުގެ ބީއެމްއެލް އެކައުންޓަކަށް 34،950 ޑޮލަރު ޖަމާކޮށްފައިވާ މައްސަލައެކެވެ.
މި މުއާމަލާތްތަކާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އަބްުދުﷲ މައުމޫނާއި އޭނާއާ ގުޅުން ހުރި އެކައުންޓުތަކަށް 298،403.5 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީން ބުނެފައިވެއެވެ. އެއީ ދިވެހި ރުފިޔާއިން 4.6 މިލިޔަން ރުފިޔާއެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލަ މިމަހުގެ 18 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މައުމޫނަށް މި ދައުވާތައް ކޮށްފައިވާ އިރު، އޭނާ ދިރިއުޅެމުން ގެންދަނީ ރާއްޖޭން ބޭރުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު